ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

އެވަގުތު އަނެއްކާ ވެސް ހުއްބާ ކޮއްޓާލައިފިއެވެ. އަރްހަމް ބަލާލުމާއެކު ލޮލުން އިޝާރާތެއް ކޮށްލިއެވެ. ހުއްބާ ބުނި ދިމާލަށް ބަލައިލެވުމާއެކު ކުއްލިއަކަށް އަރްހަމްއަށް ކެއްސައިގަނެވުނެވެ. ބޯން އިން ޖޫސް ތަށި އަވަސް އަވަހަށް ދުރަށް ޖައްސާލި ނަމަވެސް ނޯށަށް އަރައިފިއެވެ. ލޮލުން ފެން އައިސް ކޮޅަށް ތެދުވެވުނު އިރު ވެސް ލިބިފައިވި ސިހުން ފިލައި ނުދިޔައެވެ.

Ads by Hajj Corporation

*****************

ސިޑިން ފޭބި ޔެލިޒްއަށް ވެސް ވީ އެވަރެވެ. ސިޓިންގރޫމުގައި ކޮޅަށް ހުރި އަރްހަމް ފެނި އޭނާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ. އޭރު ވެސް އަރްހަމް ކެއްސަނީއެވެ. އޭނާގެ ކައިރީ ދެ ފަރާތުގައި ތިބި ދެ އަންހެނުން ވެސް ޔެލިޒްގެ ލޮލުގައި އަޅައިގަތެވެ. މޫނަށް ވެރިވި ނުރުހުންވުމުގެ ކުލަވަރު ފޮރުވާލުން ވީ ޔެލިޒްއަށް ކުރަން އުނދަގޫވި ކަމަކަށެވެ.

ޔެލިޒް މަޑު ޖެހުމާއެކު އަސްރާ މަޑުމަޑުން އޭނާގެ ނަމުން ގޮވާލިއެވެ. ލޮލުގެ އިޝާރާތުން ކުރިއަށް ހިނގައިގަތުމަށް އޭނާ އެދުމުން ޔެލިޒް ލަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. ހާސްފަހަރު އެނބުރި ކޮޓަަރިއަށް ދާންވީ އޭ ހިތަށް އެރި ނަމަވެސް އެކަން ކުރާނޭ ހިތްވަރެއް ނުލިބުނެވެ.

ޔެލިޒް ގޮސް އިށީނީ ސަލްމާންއާ ޖެހިގެންނެވެ. އަސްރާ ވެސް އިށީނދެ އަރްހަމްއަށް ވީ ކީއްތޯ އަހާލިއެވެ. ވަގުތުން އަރްހަމް ދެފަރާތަށް ބޯ ހޫރުވާލިއިރު ކަމެއް ނުވެއޭ ބުނެލިއެވެ. ދެން އޭނާ ސިއްރުން ބަލާލީ ކުރިމަތީ އިން ޔެލިޒްއަށެވެ. އޭރު ޔެލިޒްގެ ތޫނު ނަޒަރުވީ އަރްހަމްއާ ސީދާ ކުރެވިފައެވެ. އެ ލޮލުން އެކަނި ވެސް އޭނާ ފިއްސަން އުޅޭ ކަހަލައެވެ. އުނގުމަތީ ބާއްވާފައި އޮތް ދެ އަތަށް ވެސް އިރު އިރުކޮޅާ ޔެލިޒް ވާން ކޮށްލާތީ އަރްހަމް ދުށްޓެވެ.

" މާޝާﷲ. ވަރަށް ފުރިހަމަ ކުއްޖެއް. ކޮން ނަމެއް ކިޔަނީ؟". އަމަތު އަހާލިއެވެ. އެ މޫނު ނުފެނުނު ކަމުގައި ވިޔަސް އެ އަޑާއި ރާގުން އޭނާ ހިނިތުންވެފައި އިންހެން ޔެލިޒްއަށް ހީވިއެވެ.

" އަހަރެން ގޯސް ކޮށް ބުނާ އެއްޗެއް ނޫން މިއީ. އެކަމަކު ތި އާއިލާއިން އަހަރެންގެ ދަރިފުޅާ ހިތްހަމަޖެހޭނޭ ސިފަތަކެއް ހުރިހެން ހިއެއް ނުވޭ. ތި ގޮތަށް މޫނު ބުރުގާ އަޅާފައެއް ނޫން ޔެލިޒް ހުރީ. ލިޒްއަކީ މާ ދީނަށް އުޅޭ ކުއްޖެއް ވެސް ނޫން. ތި އާއިލާއަށް އެކަށީގެންވާ ކުއްޖެއް ނޫން ލިޒްއަކީ". ޔެލިޒްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ވާހަކަ ދައްކަން ފެށީ އަސްރާއެވެ.

އެވަގުތު ސަލްމާން ނުރުހުންވެފައި އޭނާގެ ނަމުން ގޮވާލިއެވެ. ޔެލިޒް ވެސް އިނީ އަސްރާ ކަންތައް ކުރިގޮތުން ހިސާބަކަށް ނުތަނަވަސްވެފައެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ މޫނަށް ވެރިވި ރަތްކުލައިން އޭނާ ލަދުގެންފައި އިން މިންވަރު އެނގެއެވެ.

" އަސްރާއަށް ތި ހީކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫން. ބޭރުފުށުން ފެންނަ ސިފަތަކަށް އެކަނި ބަލާފަ މީހެއްގެ ގޮތް ބުނަން ނޭނގޭނެ. ހަގީގީ ރީތިކަން ވަނީ އަޚްލާގުގަ. ޔެލިޒްއަކީ އަރްހަމްއަށް އެންމެ އެކަށީގެންވާ ކުއްޖާއަށް ވެދާނެ، އިންޝާﷲ. ޔެލިޒްއަކީ ރަނގަޅު ކުއްޖަކަށް ވާނެއޭ އަހަރެންގެ ހިތް ބުނޭ. ނޫންތަ އަރްހަމް؟ ދަރިފުޅަށް ލިޒް ކަމުދޭތަ؟" އަމަތު އަހާލިއެވެ. އެ ސުވާލަށް ދޭންވީ ޖަވާބު ނޭނގިފައި އިނދެ އަރްހަމް ސިއްރު ސިއްރުން ޔެލިޒްއަށް ބަލާލިއެވެ. ހިންދިރުވާލެވުމާއެކު ސިފަވެގެން ދިޔައީ އެންމެ ފުރަތަމަ ޔެލިޒްއާ ބައްދަލުވި ދުވަހެވެ. އެ ދުވަހުވެސް މި އަންހެންކުއްޖާގެ ގޮތް އަރްހަމް އަށް އެނގުނު ކަހަލައެވެ. ކައިވެނި ކޮށްފި ނަމަ ވާނޭ ގޮތް ހިތަށް އަރުވާލަން ވެސް ދަތިވުމާއެކު ބޭ އިހްތިޔާރުގައި އަރްހަމް އަށް ބޯ ހޫރުވާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ބޯ ޖަހާލިއެވެ. ސަލްމާން ހިތަށް އަރާނެ އެއްޗަކާ މެދު ވިސްނާލެވި އޭނާއަށް އިނދެވުނީ ހާސްކަމެއްގެ ތެރޭގައެވެ.

އޭރު ކައިރީ އިން ޙުއްބާ އިނީ ހީހީ ހަލާކުވާ ވަރުވެފައެވެ. ހިނިގަނޑު ހިންދާލައިގެން އިން ކަމުގައި ވެސް އެ ލޮލުން އޭނާ ހެވިފައި އިންކަން އެނގެއެވެ. އެއްޗެކޭ ނުބުން އިން ކަމުގައި ވިޔަސް ޔެލިޒްއާއި އަރްހަމްގެ ސިއްރު ބެލުންތައް ޙުއްބާއަށް ފާހަގަކުރެވުނެވެ. އޭނާއަށް ޔަގީންވީ އަރްހަމްއާ ޔެލިޒްއަށް އެކަކު އަނެކަކު އެނގޭ ކަމެވެ.

" އަލްޙަމްދުﷲ. އެހެންވީމަ އިޔާޒް އެދުނު ގޮތަށް ހުކުރު ދުވަހަށް ރަން ކިޔުމުގެ ކަންކަން ހަމަޖައްސަންވާނެ. އެކަމަކު އަހަރެންގެ އެދުމެއް އެބައޮތް. މި ވެސް ދެން ބައްޕައެއް ކަމުގަ އަރްހަމަ ހީކޮށްލާ. ޔެލިޒްއާ މެދު ދަރިފުޅު ގޯސް ގޮތަކަށް ކަންތައް ނުކުރާނެކަން އެނގޭ. .އެކަމަކު ވެސް މި ވާހަކަ ބުނެލަން ބޭނުން. ލިޒްއަކީ ރަނގަޅަށް ކިޔަވައިގެން ހުރި ކުއްޖެއް. ބައްޕަގެ އެދުމެއް އެއީ ދަރިފުޅު ލިޒް ވަޒީފާއަށް ދިޔުމާ މެދު ނުރުހުންވުމެއް ނެތުން. އަންހެން ކުއްޖަކަށް ވިޔަސް އަމިއްލަ ފައި މައްޗަށް ލިޒް ކޮޅަށް ތެދުވުން އެއީ ބައްޕަގެ ހުވަފެނެއް". ސަލްމާން ބުންޏެވެ.

" ބަ.. ބައްޕަ ހާސްނުވޭ. އިރާދަ ކުރެއްވިއްޔާ އެފަދަ ކަމެއް އަޅުގަނޑު ނުކުރާނަން". އަރްހަމްއަށް ދޫ އޮޅޭގޮތްވިއެވެ. ކަރުކެހިލަމުން އޭނާ ހަމަޖެހޭ ގޮތް ދައްކާލި ނަމަވެސް ހިތަށް ވެރިވެފައިވީ މާޔޫސްކަމެވެ. ޔެލިޒްއަކީ އެއްވެސް ގޮތަކަށް ކަމުދާ ކުއްޖެއް ނޫނެވެ.

ޔެލިޒް ވެސް އަރްހަމްއަށް ބަލަން އިނީ އެފަދަ ނަޒަރަކުންނެވެ. ހިތުގައި އަނދަމުން ދިޔަ ރުޅި ވެރިކަން އެ މޫނުން ފާޅުވާން ނެތަސް އޭނާއަށް އިނދެވުނީ ފާޑަކަށެވެ. މޫނު މަތިން ހިނިތުންވުމުގެ އަސަރެއް ފެނިނުލާ އިރު ސަލްމާންމެން ދައްކަމުން ދިޔަ ވާހަކާ ގުޅިގެން އެއްޗެއް ވެސް ބުނާކަން އޭނާ ބޭނުން ނުވިއެވެ.

އިރުކޮޅަކުން ޙުއްބާ ފާހާނާއަށް ދާން ބޭނުން ކަމުގައި ބުނުމުން ޔެލިޒް އަވަހަށް ތެދުވިއެވެ. ސިޑިން މައްޗަށް އެރުމަށްފަހު ކޮޓަރިއަށް ވަދެވެން ހުރި ދޮރު ކައިރީ ޔެލިޒް މަޑުކޮށްލިއެވެ.

" ލިޒް އާދޭ އެތެރެއަށް. މިތާ ބޭރުގަ ހުންނާނެ ކަމެއް ނެތް". ޙުއްބާ ބުނެލުމުން ޔެލިޒް އަނގަޔަށް ގޮތެއް ހަދާލިއެވެ. އޭނާ ވަންނަން ބޭނުން ނަމަ ވަންނާނެ ނޫންހޭ ހިތަށް އެރިއެވެ. އެހެން ނޫނަސް އެއީ ޔެލިޒްގެ ކޮޓަރި ވިއްޔާއެވެ. މި އަންހެންމީހާއާ އަރްހަމްގެ އޮތީ ކޮން ގުޅުމެއްކަން ވެސް އެނގެނީ ނޫނެވެ. މިފަދައިން މޫނު ނިވާކޮށްގެން ތިބޭ މީހުން ވަރަށް ކަންތައް ބޮޑުވާނޭ ކަމުގައި ޔެލިޒްއަށް ހީކުރެވުނެވެ. ކުލްސޫމްގެ ގޮތް ވެސް ޔެލިޒްއަށް އެނގެއެވެ.

" މިހިރީ ފާހާނަ". ޙުއްބާ ގޮސް ސޯފާގައި އިށީނުމުން ހިސާބަކަށް ހައިރާންވެ ހުރެ ޔެލިޒް ބުނެލިއެވެ. އެވަގުތު ޙުއްބާ އޭނާގެ މޫނު ފޮތިކޮޅު ނަގާލިއެވެ. އެ އަލި މޫނު ފެނުމާއެކު އެ ރީތިކަމަށް ޔެލިޒްގެ ހިތް ތައުރީފުކޮށްލީ ބޭއިހްތިޔާރުގައެވެ. މޫނުން ކޮންމެވެސް ވަރަކަށް އަރްހަމްއާ ވައްތަރު ގޮތެއް ހުރިކަން ޔެލިޒްއަށް ފާހަގަވިއެވެ.

" މި އައީ ފާހާނައަށް ނޫން. އައި ނޯ ދެޓް ޔޫ އަރ ވެރީ ނާރވަސް އެންޑް އަންކޮމްފޯޓެބަލް". ޙުއްބާ އިނީ ނިކަން ހަމަޖެހިފައެވެ. ޔެލިޒް ހައިރާންވެފައި ބަލާލިއެވެ. ނަމަވެސް ޙުއްބާގެ މޫނުގައިވި ހިތްހެޔޮ ކަމާއި ހިނިތުންވުން ފެނި ހިސާބަކަށް ހަމަޖެހުނެވެ.

" ދެން ބުނެބަލަ! ކިހިނެތް އަރޫއާ ދިމާވީ؟". ޙުއްބާ އަހާލިއެވެ. އަރޫއަކީ ކާކުތޯ ޔެލިޒް އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ. އިރުކޮޅަކަށް ވިސްނާލުމުން އެއީ އަރްހަމްކަން އެނގި އަމިއްލަ މޮޔަކަމާ މެދު ޔެލިޒްއަށް ހެވުނެވެ.

" ކިހިނެތް އެނގުނީ ކުރިން އަރްހަމްއާ ދިމާވި ކަމެއް؟". ޙުއްބާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔެލިޒް ވެސް ކޮށްލީ ސުވާލެކެވެ. ޙުއްބާ ކުޑަ ހުނުމުކާއެކު އޭނާއަށް ފާހަގަކުރެވުނު ކަންތައްތައް ބުނެދިނެވެ.

" އައި ހޭޓް ހިމް. ސޯ އެރޮގެންޓް. ސެލްފިޝް. އީގޯ. ބޯރިންގް. އަގްލީ. ވަޓް އެލްސް؟ ވަރަށް ފޫހިވާ މީހެއް". އެއްވެސް ވިސްނާލުމެއްނެތި ޔެލިޒް ބުނެލިއެވެ. ޙުއްބާއަށް ދެލޯ ބޮޑުކޮށްލެވުމާއެކު އަނެއްކާވެސް ހެވިއްޖެއެވެ. އެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ހިނިތުންވުން ފިލައި ނުދެއެވެ. އޭގެ ސަބަބުން ވަށައިގެންވީ މީހުންނަށް ވެސް ދިރުމެއް ގެނެސްދޭ ކަހަލައެވެ.

" ތި ބުނީ ތެދެއް. އަރޫ ވަރަށް ބޯރިންގް ވާނެ. ހީ އިޒް ރޫޑް. ބަޓް ހީ އިޒް ނޮޓް ސެލްފިޝް.. އަރޫގެ ގާތް މީހުންނަށް ވަރަށް ރަނގަޅު ވާނެ. ހީ ވިލް ޑޫ އެނީތިންގް ފޯރ ހިޒް ފެމިލީ އެންޑް ޓު ކީޕް ދެމް ހެޕީ. ފަހަރެއްގަ ލިޒްއާ އަރޫ ތި ދިމާވީ އެންމެ ރަނގަޅު ވަގުތެއްގަ ނޫން. ނޫން ނަމަ ފަހަރެއްގަ ލިޒްއަށް އަރޫގެ ރަނގަޅު ސިފަތަކެއް ފެނުނީސް ކަންނޭނގެ". ޙުއްބާ ދައްކަމުން ދިޔަ ވާހަކަތަކުން ޔެލިޒް ހިސާބަކަށް ޖެހިލުންވިއެވެ. މި އަންހެންމީހާ އަކީ ކާކުތޯ ހިތަށް އެރުމާއެކު އޭނާ ކުޑަކޮށް ފިނިވެއްޖެއެވެ. އަރްހަމްއަށް ނިސްބަތްކޮށް ބުނެވުނު ލަފްޒުތައް ހިތަށް އެރުމާއެކު ދެއަތް ޖޯޑު ކޮށްލެވުނެވެ.

" އޯހް ކަމްއޮން. ޑޮންޓް ފީލް ބޭޑް. މިއީ ޙުއްބާ. އަރޫގެ ދޮންތަ. އަދި ފެމިލީ ވެސް ނޭނގެދޯ. ދެން މޫނު އަޅައިގެން އެއީ މަންމަ. ދެން ހުރީ ބައްޕަކަން އެނގޭދޯ. ފެމިލީގަ ތިބޭނީ ދޮންތައާ އަރޫ އެކަނި. ދެން އިނީ ދޮންތަގެ ހަޒްބެންޑް ރައްޔާން އެންޑް އަވަރ ޑޯޓަރ، ފާޠިމާ". ޔެލިޒްއަށް އައި ބަދަލުގެ އަސްލު އެނގުމާއެކު ޙުއްބާ އަވަސް އަވަހަށް ބުނެލިއެވެ. އޭނާގެ ބޭނުމަކީ ޔެލިޒްއާ ގާތް ގުޅުމެއް އުފެއްދުމެވެ. އެހެނީ އަންހެން ކޮއްކޮއަކު ހުރުމަކީ ޙުއްބާ އަބަދުވެސް ބޭނުންވި ކަމެކެވެ. ތަގުދީރު އެކަމަށް ޖާގަ ނުދިން ކަމުގައި ވިޔަސް ޔެލިޒްއަކީ އެ ޖާގަ ފުރިހަމަ ކޮށްދޭނޭ ކުއްޖެއްގެ ގޮތުގައި ޙުއްބާއަށް އިހްސާސް ކުރެވުނެވެ.

" ސޮރީ. އެހެން ބުނި އެއްޗެއް ނޫން އެއީ". ބުނާނެ އެއްޗެއް ސިކުނޑިއަށް ނައުމާއެކު ޔެލިޒް ބުނެލިއެވެ. އޭރު އޭނާ އިނީ އިންތިހާއަށް ލަދުގެންފައެވެ. އޭނާ އަކީ ވަރަށް ގޮތްކިޔާ މީހެކޭ ޙުއްބާއަށް ހީވެދާނެއެވެ.

" ސުވާލެއް ކޮށްލަންތަ؟". އެ ދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަމުގެ ތެރެއިން ޙުއްބާ އަހާލުމާއެކު ޔެލިޒް ބޯ ޖަހާލިއެވެ. އެއާއެކު އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ޙުއްބާއެވެ.

" އެހާ ބޯރިންގް މީހަކާ ލިޒް ކައިވެނި ކުރަން އެއްބަސްވީ ކީއްވެ؟ ކުރިން ނޭނގޭތަ؟". ޙުއްބާގެ އަހާލިއެވެ. އޭނާ އިނީ ޔެލިޒް ދޭނޭ ޖަވާބަކަށް އިންތިޒާރު ކޮށްގެންނެވެ. އެއްވެސް ސަބަބެއް ނެތިވެ ޔެލިޒް އެ ކައިވެނި ކުރަން އެއްބަސް ނުވާނެކަން ޙުއްބާއަށް ޔަގީނެވެ. އަދި އެކަމުން އަރްހަމްއަށް ދެރައެއް ލިބުން އެއީ ޙުއްބާ އެދޭ ގޮތެއް ނޫނެވެ.

" އައި އެމް ސޮރީ. އެކަމަކު ތި ސުވާލުގެ ޖަވާބު ދެވެން ނެތް". އިސްޖަހާލަމުން ޔެލިޒް ބުނެލިއެވެ. ދޮގެއް ހަދަން ހިތަށް އެރި ނަމަވެސް އެކަން ނުކުރެވުނީ ކީއްވެކަމެއް ޔެލިޒްއަށް ނޭނގުނެވެ. އެހެނަސް ޖަވާބު ދޭން ޔެލިޒް ބޭނުން ނުވިއެވެ.

" ނޯ ވޮރީސް ޑިއަރ. އެކަމަކު ލިޒްގެ ތި ސިއްރު އެނގޭހާ ގާތް މީހަކަށް ވެވޭނެ ކަމަށް އުންމީދު ކުރަން. ހިނގާ ތިރިއަށް ދާން. މިހާރު މާ ލަސް ވެސް ވެއްޖެ". ޙުއްބާ ތެދުވަމުން މޫނު ފޮތިކޮޅު ތިރިކޮށްލިއެވެ. މިހާރު ފެންނަން ހުރީ އޭނާގެ ދެ ލޯ އެކަންޏެވެ. ނަމަވެސް އެކަމުން އެ ރީތިކަން ފަނޑުވިހެން ޔެލިޒްއަށް ހިއެއް ނުވެއެވެ. އެހާ ވެސް ޙުއްބާ ރީއްޗެވެ. ދުވަހަކު ހޫރެއް ފެނިފައި ނެތަސް ޔެލިޒްއަށް ޙުއްބާ ސިފަކުރެވުނީ ޙޫރެއް ފަދައިންނެވެ. ހަމަ އެއާއެކު ޙުއްބާއާ މެދު ކިލަނބު ވެފައިވީ އެ ހިތް ވެސް ސާފުވިއެވެ. އޭނާ ހީކުރި ގޮތާ ހިލާފަށް ޙުއްބާ ތަފާތެވެ. ވާހަކަ ދެއްކުމުގައި އެ ހުންނަ ގާތް ކަމާއި ހިނިތުންވުން ޔެލިޒްއަށް ނުހަނު ކަމުދިޔައެވެ. އޭނާއަށް ޙުއްބާއާ މެދު އިހްސާސް ކުރެވުނީ ދައްތައެއް ފަދައިންނެވެ.

******************************

އޮފީހުގެ ކެބިންގައި އަރްޔަން އިން އިރު އެ މޫނުން ފެންނަނީ ނުތަނަވަސްކަމެވެ. ފޯނަށް އަންނަން ފެށި މެސެޖުތައް މިހާރު އޮފީހަށް ވެސް އަންނަން ފެށީއެވެ. އެ ފޮޓޯތައް ފޮނުވާ މީހާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އަތުގައި އޮތް ސިޓީ އުރައަށް ނަޒަރު ހުއްޓައިގެން އަރްޔަން އިނީ ދެ ފިކުރެއްގައެވެ. އެ ސިޓީ އުރައިގާ އޭނާ ބަލަން ބޭނުންނުވާ އެއްޗެއް ވެސް އޮވެދާނެއެވެ. ކޮންމެ ސިޓީ އުރައެއްގެ ބޭރުގައި ވެސް އޮންނަނީ އަރްޔަންއާއި، އަރްހަމް އަދި އުމައިރްއަށް އެޑްރެސް ކޮށްފައެވެ. ނަމަވެސް އެ ސިޓީތައް އުމައިރްއާއި އަރްހަމްއަށް ނުލިބޭކަން އަރްޔަންއަށް ޔަގީނެވެ. ނޫން ނަމަ އެ ދެ ޒުވާނުން އެވާހަކަ އޭނާއާ ހިއްސާ ކުރީހެވެ.

ލަސް ހަރަކާތަކާ އެކު އަރްޔަން އެ ސިޓީ އުރަ ކަނޑާލިއެވެ. އަދި ސިޓީ އުރައިގެ އެތެރޭގައި ހުރި އެއްޗެހި މޭޒު މައްޗަށް އޮއްސާލިއެވެ. ވަގުތުން އަރްޔަންއަށް ދެލޯ މަރާލެވުނެވެ. އިންތިހާއަށް ލަދުގަނެ ދެރަވެސް ވިއެވެ. އެ ފޮޓޯތައް ނުބެލުނު ނަމައޭ ހިތަށް އެރިއެވެ. އެއިން ގޮތަށް އިނދެ އަރްޔަން އެ ފޮޓޯތައް އަނބުރާ ސިޓީ އުރައަށް ލިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް އެ ސިޓީ އުރަ އޮތް ގޮތަށް ތިރީ ޑްރޯވަރ އަށް ލުމަށްފަހު ތަޅު ލިއެވެ. ނަމަވެސް އެ އަތުގައިވީ މަޑު ތުރުތުރެއް އުފެދިފައެވެ. ހިތުގައި ވީ ބޮޑު ހައިޖާނެކެވެ. އުފެދެމުން ދިޔައީ ޖަވާބު ނޭނގޭ ސުވާލު ތަކެކެވެ.

އިތުރަށް މީހަކު އޭނާއަށް ބުނެދޭކަން ނުޖެހުނެވެ. މީގެ ކުރިން ކުރެވުނީ ޝައްކެވެ. މިހާރު ޔަގީންވީއެވެ. ނަމަވެސް އަރްޔަންއަށް ނުވިސްނުނީ އެންމެ ކަމެކެވެ. ނަވަލްގެ އެފަދަ ފޮޓޯތަކެއް ހުންނަންވީ ސަބަބެވެ. އެ ފޮޓޯތައް އޭނާއަށް ލިބެންވީ ކީއްވެތޯއެވެ. ވިސްނެމުން ދިޔަ ވަރަކަށް ބޮލުގައި އުފެދެމުންދިޔައީ މަޑު ރިހުމެކެވެ. އުމައިރް ކައިރީ އެވާހަކަ ދެއްކުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ.

މޭޒުމަތީ އޮތް ފޯނު އަރްޔަން ނެގިއެވެ. ސޭވް ކުރެވިފައިވާ ނަންބަރު ތަކުގެ ތެރެއިން އޭނާ ހޯދީ އެންމެ ނަންބަރެކެވެ. " ޖީން " ޖަހާފައިިވާ ނަންބަރަށް ބަލަން އިނުމަށްފަހު މޭޒުމަތީ ހުރި އޮފީސް ފޯނުން އެ ނަންބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ރިންގުވެފައި ފޯނު ބިޒީ ވުމުން އަނެއްކާ ވެސް އަރްޔަން އެ ނަންބަރަށް ޑަޔަލް ކޮށްލިއެވެ.

" ހެލޯ! މަރިޔަމް ޖީނާ ސާއިފް'ސް އެސިސްޓެންޓް ސްޕީކިންގް. ހައު މޭ އައި އެސިސްޓް ޔޫ؟". ފޯނުގެ އެކޮޅުން އިވުނީ އަންހެނެއްގެ އަޑެވެ. ޔޫރަޕް ގޮތްގަނޑެއް ހުރި އިރު އެއީ އަރްޔަން ދަންނަ އަޑެއް ނޫނެވެ. ގަބޫލު ކުރަން ދަތިވެފައި ހުރެ އަރްޔަން ފޯނު ކެނޑުމަށްފަހު ދެވަނަ ފަހަރަށް ވެސް ގުޅާލިއެވެ. މި ފަހަރުވެސް ވާހަކަ ދެއްކީ ކުރިން ވެސް ފޯނަށް ޖަވާބު ދިން މީހާއެވެ.

ޖީންއާ ވާހަކަ ދެއްކިދާނެތޯ؟". އަރްޔަން އަހާލި އިރު އެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. މި ހުރިހާ ދުވަސްވީ އިރު ވެސް މި ނޫނީ އޭނާ ޖީނާގެ ހާލު އޮޅުންފިލުވަން ބޭނުންވެފައި ނެތެވެ. އެ ފަކީރު އުޅޭ ހާލެއް އެނގެން ވެސް ބޭނުންވެފައި ނެތެވެ. ނަމަވެސް އަރްޔަންގެ ކަރުބުޑުގައި ހިތި ރަހައެއް ލައިފިކަން ޔަގީނެވެ. މާޒީގައި ހިނގައިދިޔަ އެ ހާދިސާ ލޯ ކުރިމަތިން ސިފަވާން ފެށުމާއެކު އަރްޔަން ހަށިގަނޑު ސީދާ ކޮށްލިއެވެ. އެކޮޅުން ލިބޭނޭ ޖަވާބަކަށް އިންތިޒާރު ކޮށްގެން އިންދާ އެ އަންހެންމީހާގެ އަޑު އިވުނެވެ.

" ސޮރީ ސަރ. ކެން އައި ނޯ ޔޯރ ނޭމް ޕްލީޒް". އެ އަންހެންކުއްޖާ އަހާލިއެވެ. އަރްޔަން ވިސްނާލިއެވެ. އޭނާގެ ނަން ބުނަންވީ ހެއްޔެވެ؟ އޭރުން ޖީނާ އޭނާއާ ވާހަކަ ނުދައްކާނެކަން ޔަގީނެވެ.

" ސޯފިޔާ. ކާކުތަ؟". ކުއްލިއަކަށް ކަންފަތުގައި ޖެހުނު އަޑާއެކު އަރްޔަން ސިހުނެވެ. އެއީ އެ އަޑެވެ. ޖީނާގެ އަޑެވެ. ދުވަހަކުވެސް އަރްޔަންއަށް އެ އަޑު ނޯޅޭނެއެވެ. ކުއްލިއަކަށް އަރްޔަން ފޯނު ކަނޑާލިއެވެ. ކުރެވެން އުޅުނު ކަންތައް އިހްސާސް ވުމާއެކު ދެއަތުން އިސްތަށިގަނޑުގައި ހިފަހައްޓާލަމުން އިސްޖަހާލިއެވެ.

= ނުނިމޭ =

 

Ads by Allied Insurance
  1. ޔޫނާ

    ވވވވވ. ރީތިި. ޕްލީޒް ދެން އޮތް ބައި ވެސް އަވަހަށް އަޕް ކޮށްލަ ދެއްޗެ!️️️️️️️!!

  2. ވވ ރީތި

  3. ބޭކާރު ވާހަކަ ތަންކޮޅެއް ގިނައީ