ޚަބަރު ޝަރުޢީ ދާއިރާ

ރިޟްވާނާއި ޔާމިންގެ މަރުގެ މައްސަލައިގައި ތިން މީހަކަށް ދަޢުވާކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަދި ބްލޮގަރު ޔާމިން ރަޝީދު

ނޫސްވެރިޔާ އަޙްމަދު ރިޟްވާން ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި, ބްލޮގަރު ޔާމިން ރަޝީދު މަރައިލި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދަޢުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

މި މައްސަލަތަކުގައި ދަޢުވާކޮށްފައިވަނީ މިދިޔަ ޖޫންމަހުގައި ހައްޔަރުކުރި މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި, މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) ގެ މައްޗަށެވެ.

އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް:

1.ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ.

އިސޫގެ މައްޗަށް މި ދަޢުވާކުރަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިޟުވާން ރަހީނުކޮށް މަރާލުމަށްޓަކައި 2014 ވަނަ އަހަރުގެ ތެރޭގައި ރިޟްވާނަށް ފާރަލައި، ރިޟުވާން ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާތީކަމަށް ޕީޖީ އޮފީހުން ބުންްޏެވެ. އޭގެ އިތުރުން ޔާމީންގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި، 2017 ވަނަ އަހަރުގެ ތެރޭގައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާތީ ކަމަށެވެ.

އަޙްމަދު އިސްމާޢީލް:

1.ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ.

ޕީޖީ އޮފީހުން ބުނީ އަހަނދުގެ މައްޗަށް މި ދަޢުވާ ކުރަނީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް, އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް ރިޟްވާން ރަހީނުކޮށް މަރާލާފައިވާތީ ކަމަށެވެ.

2.ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ.

އަހަނދުގެ މައްޗަށް މި ދަޢުވާ ކުރަނީ ޔާމީން މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީނަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައެވެ.

އަޙްމަދު މުޢާޒު:

1.ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ.

އޭނާގެ މައްޗަށް ދަޢުވާކުރަނީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިޟްވާން ރަހީނުކޮށް މަރާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

  1. އިބޫ ސޯލިހުގެ ވަޢުދު ފުއްދަން !

  2. ބޯހަލާކު

    މަރާލި ބައެއްނެތީ؟ ޙައްތާވެސް ރޭވި މީހުންނާއި އެހީވި މީހުން މި އުޅެނީ. މަރުވިކަމެއް މަރާލިކަމެއް ސާބިތުނުވެ، ކިހިނެއް މިކަންކަން ސާބިތު ކުރަނީ؟