ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 126 މައްސަލަ ޖޫން މަހުގައި ރިޕޯޓުކުރި: ޖެންޑާ
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 126 މައްސަލަ މިދިޔަ ޖޫން މަހުގައި ރިޕޯޓުކުރިކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން އިއްޔެ ބުނީ މިދިޔަ ޖޫން މަހުގައި އެ މިނިސްޓްރީއަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 126 މައްސަލައިގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 27 މައްސަލައާއި, ނަފްސާނީ ހާނިއްކަ ކުރުމުގެ 26 މައްސަލައާއި, ޖިންސީ ހާނިއްކަ ކުރުމުގެ 24 މައްސަލައާއި, ޖިސްމާނީ ހާނިއްކަ ކުުރުމުގެ 16 މައްސަލައާއި, އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހިމެނެއެވެ.
އޭގެ އިތުރުން އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 1 މައްސަލައާއި, ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ކުދިން ބޭނުންކުރުމުގެ 1 މައްސަލައާއި, ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާގުޅޭ 1 މައްސަލަ ވެސް ހިމެނެއެވެ.
މީގެ އިތުރުން ހުށަހެޅުނު މައްސަލަތަކުގެތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 40 މައްސަލައާއި, ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 26 މައްސަލައާއި, އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާގުޅޭ 20 މައްސަލައާއި, ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ ހިމެނެއެވެ. އަދި
ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 12 މައްސަލައާއި, ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައާއި, ޤާނޫނާއި ޤަވާއިދާއި ޚިލާފުވުމުގެ 1 މައްސަލަ ހިމެނެއެވެ.
ޖެންޑާއިން ބުނީ ޖޫންމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 196 ކަމަށެވެ. އަދި ޖޫން މަހުގައި 4 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކަމަށާއި, 6 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި, 1 ކުއްޖަކު ފޯސްޓަރކުރެވިފައިވާ ކަމަށެވެ.