ސާލިމް މަރަން ކުރި ޙުކުމުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

އދ.ދަނގެތީގައި އަނިޔާވެރި ގޮތަކަށް މީހަކު މަރައިލި މައްސަލައިގައި ބަންގްލަދޭޝްގެ ޝާހް އަލޮމް މިއާ (ސާލިމް) މަރަން ކުރި ޙުކުމުގެ ސައްހަކަން ކަށަވަރުކުރުމުގެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފިއެވެ.
އދ.ދަނގެތި/މޮނަލާޒް، މަޙްމޫދު އަބޫބަކުުރު (57އ) މަރައިލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.
އޭނާ ފެނުނީ މަރައިލުމަށްފަހު އެ ރަށު ފަޅު ގެއެއްގެ ވަޅެއްގެތެރެއަށް ވައްޓާލައިފައި އޮއްވައެވެ. އެ ރަށުގައި އޭރު ދިރިއުޅެމުންދިޔަ ސާލިމް މަރަން ކްރިމިނަލް ކޯޓުން ޙުކުމްކުރީ މިދިޔަ ފެބްރުއަރީގައެވެ.
ނަމަވެސް އެ ޙުކުމް އިސްތިއުނާފުކުރަން ސާލިމްގެ ފަރާތުން ހުށަހަޅާފައިނުވާތީ އެ ޙުކުމުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.
ނަމަވެސް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ ބަލައިނުގަންނަން ނިންމާފައެވެ. އެއީ މުއްދަތު ހަމަވި ފަހުން ހުށަހެޅުމާ ގުޅިގެންނެވެ.
ހައިކޯޓުން އެ މައްސަލަ ބަލައިނުގަތް ކަމުގައިިވިޔަސް އެ ނިންމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ޕީޖީއަށް އެބަ އޮތެވެ.