ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި)
▾ މި ވާހަކައިގެ ޢަދަދުތައް
" އޯކޭ ސޯފިޔާ. އަހަރެން ދަނީ. ޓޭކް ކެއަރ. އައި ވިލް މިސް ޔޫ". ކުޑަކޮށް ސޯފިޔާގެ ގައިގައި ބައްދާލުމަށްފަހު ޖީނާ ލަގެޖްގައި ހިފިއެވެ. ކޮޓަރީގެ ދޮރާ ހަމައަށް ގޮސްފައި އޭނާ ފިޔަވަޅުތައް މަޑުކޮށްލިއެވެ. ދެން އެނބުރި ކޮޓަރިއަށް ވަދެ ޖީނާ ހިނގައިގަތީ ނިދާ އެނދާ ދިމާލަށެވެ. އެއަށްފަހު އެނދުމަތީ އެންމެ ކައިރިއަށް އޮތް ބާލީސް ދަށުގައި އޮތް ފޮތް ނަގައި އެ ފޮތަށް ބަލާލީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އެއަށްފަހު މަޑުމަޑުން އޭނާގެ ތުންފަތް ހަރަކާތްކޮށްލިއެވެ.
" ތި ހަނދާނާ ތިޔަ އަސަރު.. ނުފިލާނޭ މި ހިތަކުން.."..
*************************
އާއިލީ މަޝްވަރާގެ ފަހުން ދެވަނައަށްވީ ދުވަހެވެ. ހުކުރު ދުވަހު ރަން ކިޔުމުގެ ހަފްލާ ބާއްވަން އަރްހަމް ބޭނުންވި ކަމުގައި ވިޔަސް ދެ ފަރާތުގެ އާއިލާ ވާހަކަ ދެއްކުމަށްފަހު އެ ހަފްލާ އަވަސްކުރެވުނީ ބުރާސްފަތި ދުވަހަށެވެ. ރަން ކިޔުން އޮތީ އަސްރާމެން ގޭގެ ޓެރަހުގައެވެ. އާއިލާއިން ބޭރު ބަޔަކަށް ހަފްލާއަށް އަންނަން ހަމަޖެހުނީ ޔެލިޒްއާއި އަރްހަމްގެ އެންމެ ގާތް ރަހުމަތްތެރީންނެވެ. އެހެނީ ހެކިވެރިންގެ ގޮތުގައި އަރްހަމް ހަމަޖެއްސީ ވެސް އަރްޔަންއާއި އުމައިރްއެވެ.
ހަވީރުއްސުރެ ޔެލިޒްއާ އެކު އުޅެމުން ދިޔައީ ނަަވަލްއާއި ޔާޒްއެވެ. ކިތަންމެ ވަރަކަށް ޔެލިޒްއާ ދިމާކުރި ކަމުގައި ވިޔަސް ހަގީގަތުގައި އެ ކައިވެނި ކުރެވެން އުޅޭތީ އެންމެ އުފާވެފައި ހުރެވުނީ ޔާޒްއެވެ. މީގެ ކުރިން އަރްހަމްއޭ ކިޔައިގެން ޔެލިޒްއާ ދިމާކުރި ނަމަވެސް މި ދުވަސް އަތުވެދާނޭ އޭނާއަށް ހީކުރެވިފައި ނެތެވެ. ޔާޒްއާ ހިލާފަށް ނަވަލްގެ މޫނުން ފެންނަނީ މާޔޫސްކަމެވެ. ހިތުގައި އުފެދެން ފަށާފައިވި ބިރުވެރިކަމެއްގެ ސަބަބުން ގިނަ ވަގުތު އޭނާއަށް ހުރެވުނީ ވިސްނުމަކަށް ގެއްލިފައެވެ. އޭގެ ސަބަބުން ތަބީއަތަށް އައިސްފައިވީ ބޮޑު ބަދަލުން އިރުއޮއްސުމުގެ ކުރިން ނަވަލް ގެއަަށް ދިޔައެވެ. ނަމަވެސް ޔެލިޒް ރަންކިޔާ ވަގުތު އަންނާނެ ކަމަށް ނަވަލް ވައުދުވިއެވެ.
ގިނައިރުތަކެއް ނުވެ ޙުއްބާއާއި އަމަތު ވެސް އެ ގެއަށް އަތުވެއްޖެއެވެ. އަސްރާއާއެކު ބަދިގޭގައި އަމަތު އުޅުނު އިރު ޙުއްބާ ދިޔައީ ޔެލިޒް ކައިރިއަށެވެ. އެކުގައި އުޅެން ފެށުމުން ޔާޒްއާއި ޙުއްބާ ވެސް ނުހަނު ގުޅިއްޖެއެވެ.
" ވަރަށް ނާވަސް ދޯ؟". ޔެލިޒްގެ އަތްމަތީ އޭނާގެ އަތް ބާއްވަމުން ޙުއްބާ އަހާލިއެވެ. ފަނޑު ހިނިތުންވުމަކާއެކީ ޔެލިޒް ބޯ ޖަހައިލިއެވެ. ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް އޭނާގެ އަތްފައި ފިނިވަމުންދާކަން ޔެލިޒްއަށް އިހްސާސްވެއެވެ. ހިތުގެ ތެޅުން އަވަސްވެފައިވީ އިރު ނޭނގޭ ބިރެއް އުފެދިފައި ވިއެވެ. ކައިވެނިކުރަން ހިތް ނޭދުނު ނަމަވެސް އިތުރު ގޮތެއް ނެތީތީ ޔެލިޒް އިނީ އެހެން މީހުންގެ ހައްގުގައި ހިނިތުންވެލައިގެންނެވެ. އޭނާގެ އެތެރެހަށީގައި އުފެދިފައިވާ ހައިޖާނު ދެނެވޮޑިގަންވަނީ ހެއްދެވިފަރާތް އެކަންޏެވެ.
ޔެލިޒްގެ އެދުމުގެ މަތިން ޙުއްބާ ކިޔައިދޭން ފެށީ އޭނާއާ ރައްޔާންގެ ރަން ކިޔުމުގެ ހަފްލާގައި ކަންތައްތައް ހިނގައިދިޔަ ގޮތެވެ. އޭނާއަށް ހީކުރެވުނު ގޮތަށް ރަންކިޔާ ހަފްލާއާ ބެހޭ އެއްވެސް އެއްޗެއް ޔެލިޒްއަކަށް ނޭނގުނެވެ. ޙުއްބާގެ ފަރާތުން އޮޅުންފިލި ވާހަކަތަކުން އިހްތިޔާރަކާ ނުލައި ޔެލިޒްއަށް އޭނާ ރަންކިޔާނޭ ވަގުތު ސިކުނޑީގައި ކުރަހާލެވުނެވެ. އޭގެ ސަބަބުން އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެސް ވެރިވިއެވެ.
" ކިހާ ވަރެއް ކިޔަން ލިޒް ތި އުޅެނީ؟ ބުނަންތަ؟ ކުޑަ އަދަދެއް ކިޔާނެ ކަމެއް ނެތް". ހިނިގަނޑެއް ޖަހާލަމުން ޔާޒް ބުނެލިއެވެ. އެކަމާ އެއްބަސް ވުމުގެ ގޮތުން ޙުއްބާ ވެސް ބޯ ޖަހާލިއެވެ. މޫނު ފޮތިކޮޅު ނަގާފައި ހުރުމުން އެ މޫނުގައިވީ ހިނިތުންވުން ފެންނަން ހުއްޓެވެ.
" ތެދެއް؟ ބުނެބަލަ". ޔާޒްގެ ސުވާލަށް ޔެލިޒްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޙުއްބާ ވެސް އަހާލިއެވެ. ވަކި އެއްޗެއް ނުބުނެ ޔެލިޒް ދެފަރާތަށް ބޯ ހޫރާލީ ނުބުނާނަމޭ ބުނާ ފަދައަކުންނެވެ. އެ އަދަދަކީ ސިއްރެއް ފަދައެވެ.
" ލިޒް ނުބުންޏަސް ހެޔޮ. މިރޭ ދެން އެނގޭނެތާ ދޯ". ޔާޒް ބުންޏެވެ. އެވަގުތު މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އިވެން ފެށިއެވެ. އިންތަނުން ތެދުވެ ޙުއްބާ އަރައިގެން ހުރި އިސްޓާކީނު ބޭލުމަށްފަހު ހެދުމުގެ އަތް އޮޅަން ފެށިއެވެ. ވުޟޫ ކުރަން ފާހާނާއަށް ވަނުމުގެ ކުރިން މުޞައްލަ ނަގައި ދިނުމަށް ޔެލިޒް ގާތު އެދުނެވެ.
" މުޞައްލައެއް ނެތް. ކާޕެޓް މަތީގަ ލިޒް ކުރަނީ". ނަފްސަށް ވެރިިވި ކުޑަ ނުތަވަސްކަމާއެކީ ޔެލިޒް އަވަހަށް ބުނެލިއެވެ. ހަގީގަތަކީ އެންމެ ފަހުން ނަމާދެއް ކުރި ހަނދާން ނުވެސް ނެތް ކަމެވެ. ރޯދަ ހިފި ކަމުގައި ވިޔަސް ގިނަ ފަހަރު ނަމާދު ކުރެވެނީ ފުރަތަމަ ދިހަ ވަރަކަށް ދުވަހުއެވެ. އެހެން ނޫނީ ޔެލިޒް ސަޖިދައެއް ކޮށްލި ދުވަހެއް ނޭނގެއެވެ.
ޙުއްބާ ނުކުތުމުން ޔާޒް ވެސް ވުޟޫކޮށްލިއެވެ. ފަހަކަށް އައިސް ދީނީ ކަންކަމަށް ޔާޒްގެ ހިތުގައި އުފެދިފައިވަނީ އާދަޔާޚިލާފު ޝައުގެކެވެ. ދީނާ ބެހޭ ގޮތުން ކަންކަން އުނގެނި ދިރާސާ ކުރާ ހިތްވެއެވެ. ކުރިން ނޭނގޭ އެތައް ކަމެއް އެނގި އިސްލާމީ ރިވެތި ހުލްގުން ނަފްސު ޒީނަތްތެރިކުރަން ހިތް އެދެއެވެ. އެ ހުރިހާ ކަމަކުން ހިތަށް ލިއްބައިދޭ ހަމަޖެހުންވީ މީގެ ކުރިން ޔާޒްއަށް އިހްސާސް ކުރެވިފައި ނުވާ އެއްޗަކަށެވެ.
" ލިޒް ނަމާދު ނުކުރަންތަ؟". ޔާޒް ނުކުތުމުން ވެސް ޔެލިޒް ތެދުނުވެ އިނުމުން ޙުއްބާ އަހާލިއެވެ. އޭނާއަށް ހީކުރެވުނީ ޔެލިޒްއަށް ނަމާދު ނުކުރެވޭ ހާލަތެއްގައި ހުރީ ކަމަށެވެ. ނަމަވެސް ލަސް ހަރަކާތަކާއެކު ޔެލިޒް ތެދުވެއްޖެއެވެ. ފާހާނާއަށް ވަދެވެސް ޔެލިޒް ފުދޭވަރަކަށް ވަގުތު ވިއެވެ. ދުވަސް ވުމުގެ ސަބަބުން ވުޟޫ ކުރާނޭ ގޮތް ވެސް ފުރަތަމަ އޭނާ ހަނދާން ނެތުނީއެވެ. ގިނަ ފަހަރު ވުޟޫ ކުރަން ވުމުން ބަލާލެވެނީ އިންޓަނެޓެވެ. ހީވާ ގޮތަކަށް ޔެލިޒް ވުޟޫ ފުރިހަމަ ކޮށްލިއެވެ. އެހެންނަމަވެސް ނަމާދުގައި ކިޔާ ގިނަ ޒިކުރުތަކާއި ދުޢާތައް އޭނާގެ ހަނދާނުންވީ ފުހެވިފައެވެ.
*********************
އިޝާއިން ފޭބި ގޮތަށް އަރްހަމް، އިޔާޒާއެކު އަތުވެއްޖެއެވެ. ދެބަފައިންގެ ފަހަތުން އަރްޔަންއާއި އުމައިރް، އަދި ރައްޔާން ވެސް ވަނެވެ. އެމީހުންނަށް މަރްޙަބާކީ ސަލްމާންއެވެ. ގޭތެރޭ މަޑުކުރުމެއް ނެތި ހުރިހާ ފިރިހެނުން އެރީ ޓެރަހަށެވެ. ރެއަށް ހާއްސަ ކުރުމުގެ ގޮތުން ޓެރަސް ވަކި ޒީނަތްތެރި ކޮށްފައެއް ނެތެވެ. ނަމަވެސް އެތަނަކީ އަސްރާ ނުހަނު ފަރުވާތެރިކަމާއެކީ ބަލަހައްޓާ ތަނެއްކަމުންް އެ މާހައުލުން ފެންނަނީ ސާފުކަމާއި ރީތިކަމެވެ. ވާރެއިން ހިޔާވާ ގޮތަށް ހަދާފައިވާ ދިމާލުގައި ބަހައްޓާފައި ހުރި ވަކަރު ސޯފާތަކާއި ދިމާލަށް ސަލްމާން ހިނގައިގަތެވެ.
އަރްހަމްގެ ވައަތް ފަރާތުގައި އިށީނީ އަރްޔަންއާއި އުމައިރްއެވެ. ކަނާތުގައި އިޔާޒް އިން އިރު ސަލްމާން އިށީނދެ އިނީ އެމީހުންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގައެވެ. ރައްޔާން އިށިީނީ ދެ ސޯފާގެ މެދަށްވާ ގޮތަށް ކަނާތަށް ހުރި ސޯފާގައެވެ.
" އިރުކޮޅަކުން އަސްރާ އަންނާނެ ލިޒް ގޮވައިގެން . އެހާ އިރަށް ފޯމު ފުރަން ހިނގާ". ރައްޔާންއާ ފޯމު ހަވާލުކުރަމުން ސަލްމާން ބުނެލިއެވެ. ކައިވެނީގެ ކަންކަން ކުރިއަށް ގެންދިޔުމާ ހަވާލުކުރެވިފައިވީ ރައްޔާނާއެވެ. އޭނާއަކީ ފެމިލީ ކޯޓުގައި މަސައްކަތްކުރާ މީހަކަށްވުމުން ކަންކަން ހަމަޖައްސަން ފަސޭހަ ވާނެތީއެވެ.
ސަލްމާންގެ މެސެޖު ލިބުމާއެކު އަސްރާ ހިނގައިގަތީ ޔެލިޒްގެ ކޮޓަރިއާ ދިމާލަށެވެ. އޭރު ތައްޔާރުކުރި ޖޫހާއި ސްޕެގެޓީ ތަށިތައްޓަށް އަޅައި ނިންމުމުގައި އަވަދިނެތި އަމަތު އުޅެއެވެ. ވޭތުވެދިޔަ ދެތިން ގަޑިއިރު ތެރޭ އަސްރާގެ ހުންނަ ރުންކުރު ކަމާއި ގޮތްދޫނުކުރުމުގެ ސިފަ ފިލައި ކޮންމެވެސް ވަރަކަށް އަމަތުއާ އެކުވެރިވެއްޖެއެވެ.
" ކޮބާ؟ ދަރިފުޅު ރެޑީތަ؟". ކޮޓަރިއަށް ވަންނަމުން އަސްރާ އަހާލިއެވެ. އޭރު އިސްކޮޅު ހަމަވާ ލޯގަނޑު ކުރިމަތީގައި ޔެލިޒް ހުއްޓި ހުއްޓެވެ. ސޯފާގައި ޙުއްބާ އިން އިރު އެނދުގައި ޔާޒް އިނެވެ. އަސްރާ ވަނުމުން ދެމައިންނަށް ވަގުތުކޮޅެއް ދެމުން ދެ ޒުވާނުން ނުކުތެވެ.
އަސްރާ ގޮސް ޔެލިޒް ކައިރީ މަޑުކޮށްލިއެވެ. އަދި ނިއުޅުވާފައިވާ އިސްތަށިގަނޑުން ނިތްކުރިއަށް ފައިބާފައިވާ ދެތިން ކުރު އިސްތަށިކޮޅު ގެންގޮސް ކަންފަތް ކައިރިން ލައްވައިލިއެވެ. ޔެލިޒްގެ ކޯތާފަތުގައި ފިރުމާލިއިރު އަސްރާގެ ލޮލުގައިވި ރިހުން ޔެލިޒް ދުށްޓެވެ. ހަމަ އެފަދައިން ޔެލިޒްގެ ހިތުގައިވާ އިހްސާސްތައް ވެސް އަސްރާއަށް އެނގޭނޭކަން ޔެލިޒްއަށް ޔަގީނެވެ. އޭނާ އަސްރާގެ އަތްތިލައިގާ ހިފެހެއްޓީ އެހެންވެއެވެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެއޭ ބުނާ ފަދައަކުންނެވެ.
" ލިޒް. ދަރިފުޅަށް މަޖުބޫރެއް ނޫން މި ކައިވެނި ކުރަން. މިހާރު، މި ވަގުތު ވެސް ދަރިފުޅު ބުނެފިއްޔާ ކައިވެނި ކުރިއަަށް ނުގެންދާނެ. މަންމަ ބޭނުން ނޫން ލިޒްއަށް އުފާވެރިކަމެއް ލިބެން ނެތް ކަމެއް ކުރުވަން". އަސްރާ ދޫކޮށްލި ފުން ނޭވާއާ އެކު ބުނެލިއެވެ. އޭނާއަށް އަދިވެސް ޔެލިޒްގެ ވާހަކަތައް ގަބޫލު ނުކުރެވެނީއެވެ. އެ ދަރިފުޅުގެ ލޮލުގައި ވިދުމެއް ނެތެވެ. އަޑުގައި ޖޯޝެއް ނެތެވެ. މޫނުގައި އުފާވެރިކަމެއް ނެތެވެ. ކައިވެންޏަށް ޔެލިޒް އާނ ބަސް ބުނި ސަބަބު ނޭނގުނަސް ކަމެއް ހިނގައިފިކަން އޭނާއަށް ޔަގީނެވެ. ނޭނގެނީ އެއީ ކޮން ކަމެއް ކަމެވެ.
"ޕްލީޒް މަންމާ! ތި ވާހަކަ ދައްކަން ވީ ވަގުތު ނޫން މިއީ. އައި އެމް ހެޕީ. އެންޑް އައި ވިލް ބީ ހެޕީ. ޑޯންޓް ވޮރީ ޓޫ މަޗް". ޔެލިޒް ބުންޏެވެ. އިރުކޮޅަކު ދަރިފުޅަށް ބަލަން ހުރުމަށްފަހު އަސްރާ ވެސް ބޯ ޖަހާލީ އިތުރު ގޮތެއް ނެތް ފަދައަކުންނެވެ.
އަމަތުއާއެކު ޙުއްބާ އަދި ޔާޒް ޓެރަސްއަށް އެރިއެވެ. ޔާޒްގެ ނަޒަރު ފުރަތަމަ ވެސް އަމާޒުވެލީ އަރްޔަންއާ ޖެހިގެން އިން އުމައިރްއަށެވެ. ނަމަވެސް އުމައިރްގެ ނަޒަރު ޔާޒްއާ ސީދާ ވުމާއެކު އޭނާ އަވަސް އަވަހަށް އެސްފިޔަތައް ތިރިކޮށްލިއެވެ. ނަވަލް އައުމުން އިށީންނަން ގަސްތުކޮށްގެން ހުރެ ޔާޒް ޖެހިލީ އެއްފަރާތަކަށެވެ. އޭރު ޙުއްބާއާއި އަމަތު ގޮސް ވަކިން ހުރި ސޯފާގައި އިށީނދެއްޖެއެވެ. ފާޠިމާ، ރައްޔާންގެ އާއިލާ ކައިރީ ހުރުމުން މިރޭ ޙުއްބާއަށް ދަރިފުޅު ބަލާކަށް ނުޖެހުނެވެ.
ދުރުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޔާޒްއަށް އުމައިރް ބަލާލީ ސިއްރު ނަޒަރަކުންނެވެ. ކަޅު ދޫ އަބާޔާ ޔާޒްއާ ނުހަނު ގުޅެއޭ އެ ހިތް ބުނެލިއެވެ. ޔާޒްގެ މޫނުން ފެންނަން ހުރި މައުސޫމްކަމާއި އިރުއިރުކޮޅާ އެ ކުޑަ މޫނުކޮޅަށް ވެރިވާ ކުލަތަކަށް ބަލަން އުމައިރްއަށް އިނދެވުނީ ކޮންމެވެސް ދުވަހަކުން އޭނާގެ ހަޔާތް އަލިކޮށްދޭނޭ ބައިވެރިއަކަށް ޔާޒް ވޭތޯ ހިތާހިތުން ދުޢާ ކޮށްލަމުންނެވެ. އެވަގުތު ޓެރަހަށް އެރި އަސްރާއަށް އުމައިރްގެ ސަމާލުކަން ހުއްޓުނެވެ. މަޑުމަޑުން އަރްހަމްގެ އުޅަބޮށީގައި ކޮއްޓާލީ އެހެން މީހަކަށް ނުފެންނާނޭ ގޮތަށެވެ.
އަސްރާގެ އަތުގައި ހިފައިގެން ހުރެ އެ ދިމާލަށް އަންނަމުން ދިޔަ ޔެލިޒްއަށް އަރްހަމް ބަލާލީ ފަރުވާތެރި ނަޒަރަކުންނެވެ. މަޑު ކްރީމް ކުލައެއްގެ ތަނބިކައްޓާ ހަމައަށް އަންނަ އިންޑިއަން ފާޑު ހެދުމެއްގައި ހުރި އިރު ކަނާތު ކޮނޑުމަތިން ހެދުމާ ގުޅޭ ގޮތަށް ދޯޕައްޓާއެއް އެލުވާފައި އޮތެވެ. އެ ހެދުމުގެ އަތް ދިގު ވެފައި ލޭޒްއިން ހުރިއިރު ހެދުމުގެ މަތީ ބައި ހުރީ ބީޑްސް ތަކުން ޖަރީ ކުރެވިފައެވެ. ހެދުމުގެ ތިރި ވެސް ލޭޒް ފަށަލަތަކުން ހުރި އިރު އެކި ދިމަ ދިމާލުން ބީޑްސް ހަރުކުރެވިފައި ހުއްޓެވެ. އަރްހަމްއަށް ކުޑަކޮށް ބުމަ ކައިރިކޮށްލެވުނީ ޔެލިޒްގެ އިސްތަށިގަނޑު ހާމައަށް އޮތުމުންނެވެ. ޒީނަތްތެރިކަން ފާޅުކުރާ ހިތްވާ ކުއްޖަކީތާއެވެ. ހިތަށް ވެރިވި ފޫހި ކަމާއެކު އަރްހަމްގެ ނަޒަރު ޔެލިޒްއާ ވަކިކޮށްލެވުނެވެ.
ސަލްމާން ކައިރިން ހުސްތަންކޮޅެއް ބެހެއްޓުމަށްފަހު އަސްރާ އިށީނުމުން ޔެލިޒް އިށީނީ، ދެ މީހުންގެ މެދަށްވާ ގޮތަށް ހުރި އެ ހުސް ޖާގައިގައެވެ. އޭރު ނަވަލް އާއެކު އައިސް ޔާޒް ވެސް އިށީނދެއްޖެއެވެ.
" ފޯމު ފުރާފަ މި އޮތީ. ބާކީ އިނީ ރަން ކިޔުމުގެ ބައި". ވަކި ވަކިން އަރްހަމްއާއި ޔެލިޒްއަށް ބަލާލަމުން ރައްޔާން ބުނެލިއެވެ. މި ހުރިހާ އިރުވެސް އަރްހަމް އަށް ނުބަލަން ހުރެފައި ޔެލިޒް ބަލާލީ ދެނެވެ. އަރްހަމް އިނީ އިސްޖަހައިގެންނެވެ. ޔާޒްއާ ނަވަލް ބުނި ފަދަ ސިފަތަކެއް އަރްހަމްގެ ކިބައިން ފެނޭތޯ ޔެލިޒް ބަލާލިއެވެ. ފަން އިސްތަށިގަނޑެކޭ ބުނި ކަމުގައި ވިޔަސް ތަންތަންކޮޅުން ރާޅުބާނީ ގޮތެއް ހުރި އަރްހަމްގެ އިސްތަށިގަނޑު އޮތީ ފުދޭވަރަކަށް ދިގުކޮށްނެވެ. ނިތްކުރިން ބައެއް އިސްތަށިތައް އެޅިފައި ހުރި ގޮތުން ރީތިގޮތެއް ހުރިހެން ޔެލިޒްއަށް ހީވިއެވެ. ދިގު އެސްފިޔަތަކާއެކު ހުރި ހިމަ ދިގު ލޮލުގައި އަޅައިގަންނަ ގޮތެއް ހުއްޓެވެ. ނަމަވެސް އެ މޫނުން ވެސް ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް ޔެލިޒްއަށް ފާހަގަވިއެވެ.
ރަންކިޔަންވީ ކަމުގައި ރައްޔާން ބުނެލިއެވެ. އަރްހަމް ކައިރިން ރަނަށް އަހަން އެދުމާއެކު އަރްހަމް އިސްއުފުލާ ބަލާލިއެވެ. ޔެލިޒްއާ ހަތަރު ކަޅި ހަމަވެގެން ދިޔުމާއެކު ހިންދިރުވާލެވުނެވެ. ކަރުތެރެ ހިކި ދޫ ހަރަކާތް ކުރަން އުނދަގޫވިއެވެ. އިހްތިޔާރަކާ ނުލައި ދެއަތް ޖޯޑު ކޮށްލެވުމާއެކު އަރްހަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. މިހާ ފިނޑިވެގެން ނުވާނޭ ހިތް ބުނެލިއެވެ. ނަމަވެސް އަވަސްވެފައިވީ ހިތް ކިޔަމަންކުރުވުމުގައި އަރްހަމް ވީ ނާކާމިޔާބެވެ.
" އަރޫ. ދެން ނިިކަން އަވަސްކޮށްބަލަ". ހެވިފައި އިނދެ ޙުއްބާ ބުނެލިއެވެ. ތެދެކޭ ބުނެ އިޔާޒް ވެސް އަރްހަމްގެ ކޮނޑުގައި ޖަހާލިއެވެ.
" ޔެލިޒް.. ރަން...".އަރްހަމްއަށް ބުނެވުނީ އެވަރަށެވެ. އިތުރަށް އެންމެ ލަފްޒެއް ވެސް އޭނާއަށް ނުބުނެވުނެވެ. އަސްރާގެ މޫނަށް ކުޑަކޮށް ބަލާލަމުން ޔެލިޒް ވަށައިގެން ތިބި މީހުންނަށް ވެސް ބަލާލިއެވެ. އެންމެންގެ ނަޒަރު އޭނާއާ އަމާޒުވެފައި ވާތީ ފެނުމުން ހިތް ތެޅިލިއެވެ. އިހުނަށްވުރެ އަތް ފައި ފިނިވެގެން ދިޔަ އިހްސާސެއް ކުރެވުނު ނަމަވެސް އޭނާ އެކަން ނުދައްކާވޭތޯ ބެލިއެވެ. އެއާއެކު އަރްހަމް އިންނާނީ ޖަވާބެއްގެ އިންތިޒާރުގައިކަން ވިސްނުނެވެ. އެހެނަސް ޔެލިޒްގެ ސިކުނޑީގައި ބުނާނެ އަދަދެއް ނެތެވެ. ޔާޒް އެހުމުން ވެސް އޭނާ ޖަވާބެއް ނުދިން ހަގީގީ ސަބަބަކީ އެއީއެވެ.
" އަރްޔަން ޝަމީމް އަދި އުމައިރް ދާވޫދް ހެކިކޮށް އަރްހަމްއާ ކައިވެނި ކުރަން ސަތޭކަ ރުފިޔާއަށް ރަން ކިޔަން". ޖެހިލުންވެ ހުރެ ޔެލިޒް ބުނެލިއިރު އެ އަޑުގައިވީ ތުރުތުރުލުން ސިއްރެއް ނުވެއެވެ. އިވިގެން ދިޔަ އަތްތިލަ ބަޑީގެ އަޑާއެކު ޔެލިޒް ބަލާލީ ޙުއްބާ އަށެވެ. ޙުއްބާ ބޯ ޖަހާލުމާއެކު އޭނާއަށް ހަމަޖެހުމެއް ލިބުނު ފަދައަކުން ލޯ މަރާލެވުނެވެ. ރަން ކިޔަންވީ ގޮތް އޭނާއަށް ބުނެދިނީ ޙުއްބާއެވެ.
ވާން އުޅޭ ދެމަފިރިންނަށް ތަހުނިޔާ ކިޔަމުން ރައްޔާން ތެދުވިއެވެ. ފާޠިމާ ގެއަށް ގެންދަން ޖެހޭނެތީ އަވަހަށް ދާން ޖެހޭ ކަމުގައި ބުނަމުންނެވެ. ޔެލިޒްގެ ދެއަތްތިލައިގާ ހިފާލަމުން ޙުއްބާ ހިނިތުންވެލިއެވެ. ވަރަށް އަވަހަށް ދިމާވާނަން ކަމުގައި ބުނެ ރައްޔާންއާ އެކު އޭނާ ނުކުމެގެން ދިޔުމުން ޔެލިޒް ޖެހިލީ އެކުވެރިން ކައިރިއަށެވެ.
" ހިނގާ ތިރިއަށް ދާން. ކާން ރެޑީ ކޮށްފަ ހުންނާނީ". އަސްރާ ބުނެލިއެވެ.
ސަލްމާންއާއެކު އިޔާޒް ސޯފާއިން ތެދުވިއެވެ. ދެ ފިރިހެނުން އެކުގައި ހިނގައިގަތުމުން ފަހަތުން ދެން ތިބި މީހުންވެސް ދިޔައެވެ. އަމަތުއާއި އަސްރާ ގޮސް ބަދިގެއަށް ވަނުމުން ޔެލިޒްއަށް ވެސް ބޭރުގައި ހުންނަން ނުކެރުނެވެ. ތިން އެކުވެރިން އެކުގައި ވަދެ މޭޒުމަތީ ތަށިތައް އަތުރަން ފެށިއެވެ. ބިއްލޫރި ތަށިތަކަށް ޖޫސް އެޅީ ޔާޒްއެވެ. އަސްރާގެ އެދުމަށް ސްޕެގެޓީ ތަށިތައް މޭޒުމައްޗަށް ނެގުމަށް ޖެހިލީ ނަވަލްއެވެ. ތަށީގެ މަތި ހިއްލުމާއެކު އޭނާގެ މެޔަށް ގޮތެއް ވެއްޖެއެވެ. ބަނޑަށް ފިނިވެގެން ދިޔުމާއެކު ދެއަތުން ބަނޑުގައި ހިފަހައްޓާލެވުނީ އެތެރެއިން ފުރޭކަހަލަ އިހްސާސެއް ކުރެވުމުންނެވެ. ސްޕެގެޓީ ތަށިން ދުވި ސޯސް ވަހާއެކު ނަވަލްއަށް ނޭވާ ހިފަހައްޓާލެވިއްޖެއެވެ.
= ނުނިމޭ =
ނަވަލް ޕްރެގް ތަ؟