ޚަބަރު

ނަޝީދުގެ ''35 އިންސައްތަ'' އިސްލާހަކަށް ތާއީދެއްނުކުރަން: ރައީސް ޞާލިޙް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް އަދި ރައީސް ނަޝީދު. ފޮޓޯ: ސަން

ރައިީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވާ ބޭފުޅުންގެތެރެއިން 35 އިންސައްތަ ލިބިގެން ވެެރިކަމަށް އަންނަ ބޭފުޅަކީ ދައުލަތުގެ އެންމެ އިސްވެރިޔަކަށް ހުންނަވަންޖެހޭ ބޭފުޅެއްކަމަށް ގަބޫލެއްނުކުރައްވާކަމަށް ރައިީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެ ޓީވީއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ 35 އިންސައްތަ އިސްލާހަށް ތާއީދެއް ނުކުރައްވާ ކަމަށެވެ. އަދި ގަބޫލުކުރައްވާ ގޮތަކީ މިހާރު މި އޮތް ގޮތަށް ރައްޔިތުންގެ އަޣްލަބިއްޔަތުން ވެރިއަކު އިންތިޚާބުކުރުން ކަމަށެވެ. އެއީ 50 އިންސައްތައާއި އަދި އިތުރަށް ވޯޓު ލިބިވަޑައިގަންނަވާ ބޭފުޅަކަށް ދައުލަތުގެ ވެރިކަން އޮންނަ ގޮތަށް އޮތުންކަމަށް ރައީސް ވިދާޅުވިއެވެ.

''އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން 35 އިންސައްތަ ލިބިގެން އަންނަ މީހަކު ސަރުކާރުގެ ނުވަތަ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނާކަށް.''

ރައިީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން މަޤާމަށް އިންތިޚާބުކުރެވޭނީ 35 އިންސައްތައަށްވުރެ މަތިން އަޣުލަބިއްޔަތު ލިބިވަޑައިގަންނަވާ ބޭފުޅަކަށްކަން ބަޔާންކޮށް, ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން ރައީސް މުޙައްމަދު ނަޝީދުގެ ޤަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

އެ އިސްލާހުގައިވާ ގޮތުން ރައީސްކަމަށް އިންތިޚާބުކުރާނީ ރައްޔިތުންގެ ޢާންމު ވޯޓަކުންނެވެ. އަދި އެ މަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެތެރެއިން ރައީސްކަމުގެ މަޤާމަށް އިންތިޚާބުވާނީ އެންމެ ގިނަ ވޯޓު ލިބޭ އަދި ވޯޓު ދިން މީހުންގެ 35 އިންސައްތައަށްވުރެ މަތީ އަޣްލަބިއްޔަތެއް ހޯއްދަވާ ބޭފުޅަކަށްކަމަށް ވެސް އިސްލާހުގައިވެއެވެ.

ނަޝީދުގެ ''35 އިންސައްތަ'' އިސްލާހަކަށް ތާއީދެއްނުކުރާކަމަށް ރައީސް ޞާލިޙް ވިދާޅުވިއިރު އެ މަނިކުފާނުވަނީ ބަރުލަމާނީ ގެންނަން ތާއީދު ނުކުރައްވާކަން ވެސް ހާމަކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!