ބަރުލަމާނީ ނިޒާމު ނުގެނެސްފިއްޔާ ދެން ވެރިކަން ކުރާނީ ޕީޕީއެމް ނުވަތަ ޖޭޕީން: ޝިޔާން

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ކުރާނީ ޕީޕީއެމް ނުވަތަ ޖުމްހޫރީ ޕާޓީންކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން މިއަދު ވިދާޅުވެއްޖެއެވެ.
ޝިޔާން މިހެން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ކުރިއަށްދިޔަ ޒުވާބުގެތެރެއިންނެވެ.
ޝިޔާން ވިދާޅުވީ އެމްޑީޕީއަށް 2023 ލިބޭނެ ހަމައެކަނި ޗޮއިސްއަކީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލުނުކޮށްފިނަމަ ދެން ރާއްޖޭގެ ވެރިކަން ކުރާނީ ޕީޕީއެމް ނުވަތަ ޖުމްހޫރީ ޕާޓީންކަމަށް އޭނާ ވިދާޅުވިއެވެ.
''އެކަން ނުކޮށްފިނަމަ ދެން މި ރާއްޖޭގެ ވެރިކަން ކުރާނީ ޖޭޕީ ނުވަތަ ޕީޕީއެމް.''
ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި, އެކަން އެ ގޮތަށް ފާސްވެއްޖެނަމަ ޤާނޫނުއަސާސީއަށް އިސްލާހު ގެންނަން އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ޤަރާރެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވެސް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ބަރުލަމާނީއަށް ތާއީދެއް ނުކުރައްވައެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ. އަދި އެކަން ކޮންގްރެސްއިން ފާސްނުވާނެކަމަށް ވެސް ވިދާޅުވިއެވެ.






ކޮމެންޓް