ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ނަވަލް ލޯ ހުޅުވާލީ ލަސްލަހުންނެވެ. އަތުގައި އޮތް ކިޓަށް ބެލުމުގެ ކުރިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކިޓުގައިވި ފިޔާތޮށި ކުލައިގެ އެއް ރޮނގު ފެނުމުންނެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. މަޑުމަޑުން އެ މޫނުގައިވި ހިނިތުންވުން ފޭދެން ފަށައިފިއެވެ. ލޯ ބޮޑުވެ މީހާގެ ހަރަކާތް ހުއްޓުނު އިރު އަތުން ދޫވެ ކިޓު މުށި މައްޗަށް ވެއްޓިއްޖެއެވެ.

Ads by STELCO

" ނޫން".. ނަވަލްގެ ތުންފަތް ފޫ އަޅުވާލަމުން ނުކުތް އެ ކުރު ލަފްޒާއެކު އޭނާއަށް ތިރިވެވިއްޖެއެވެ.

************************

ފާހާނާއިން ނުކުތް އިރު އެ ދޮން މޫނުވީ މިލާފައެވެ. ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލާއި ނޭފަތް ފެނިއްޖެ މީހެއްގެ ހިތަށް ވެސް އަސަރުކުރުވާހާވެއެވެ. އަތުގައި އޮތް ޕްރެގްނެންސީ ކިޓް ނަވަލްލީ ކޮޓަރީގެ އެއް ކަނުގައި ހުރި ޑަސްބިނަށެވެ. ފޯނު ހިފައިގެން ގޮސް އޭނާ އެނދުގައި އިށީނީ ދެނެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ވެސް ކައިސަންއަށް ގުޅަން ނަވަލް މަސައްކަތް ކޮށްފިއެވެ. ނަމަވެސް ލިބުނު ޖަބާވެއް ނެތެވެ. މި ފަހަރު ވެސް އެއްވެސް އުންމީދެއް ނެތެވެ. ނަމަވެސް ނަވަލްއަށް ޔަގީންވަނީ އެންމެ ކަމެކެވެ. އެ ހަށީގައި އުފެދެން ފަށާފައިވި ޅަ ފުރާނައަކީ ކައިސަންގެ ވެސް ލޭ ކަމެވެ. ހިޔާލަކަށް ގެއްލިފައި އިން ނަވަލްއަށް ސިހުން ގެނުވީ ފޯނުގެ އަނެއްކޮޅުން ހެލޯ އޭ ބުނެލި އަޑަށެވެ. މޫނަށް ވެރިވި އިންތިހާ ދަރަޖައިގެ ހައިރާން ކަމާއެކު ވެސް ހިތަށް ފިނިކަމެއް ގެނުވިއެވެ. އަވަސް އަވަހަށް ކަންފަތާއި ފޯނު އިހުނަށްވުރެ ކައިރި ކޮށްލުމަށްފަހު ގޮސް ނަވަލް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ.

" ކައި".. ނަވަލްގެ އަޑު ނުހަނު މަޑެވެ. ގޮވާލި ގޮތުން ހުރީ ޝައްކެއްގެ މަތީގައިކަން އެނގެއެވެ. ކައިސަންގެ ފަރާތުން ލިބުނީ ފަރުވާކުޑަ ޖަވާބެކެވެ. ހަމައެކަނި ހޫމްއެއް އަޅުވާލީއެވެ.

" އަހަރެން ބަނޑުބޮޑު". ހިތްވަރު ކޮށްފައި ނަވަލް ބުނެލިއެވެ. ނަމަވެސް އޭރު އަނެއްކާ ވެސް އެ ރީތި ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ފިޔާތޮށި ކުލަ އަރާފައިވާ ތުންފަތުގައި ދަތް އަޅާލިގޮތުން މަޑު ރަތް ކުލައެއް ވެރިވާން ނެގީ މަދު ވަގުތުކޮޅެކެވެ.

" ދެން؟ އަހަރެން ކީއްުރަންވީ؟". ކައިސަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލްއަށް ލޯ މަރާލެވުނެވެ. ހިތަށް ކުރުވި ފުން އަސަރާއެކު އަނގައިން މަޑު އާހެއް ނުކުތް އިރު ހިފަހައްޓައިގެން ހުރި ކަރުނަތަށް އޭގެ މަގާމުން ދޫވެއްޖެއެވެ.

" ޕްލީޒް ކައި. އާދޭސް ކޮށްފަ މި ބުނަނީ.. ކައިވެނި ކުރަން ހިނގާ. މިއީ ކައިގެ ވެސް ދަރިއެއް. ޔޫ ނޯ ދެޓް .. ޕްލީޒް ކަމް ބެކް".. އުންމީދެއް ނެތަސް ނަވަލްގެ އެދުމަކީ އެއީ އެވެ. އެ ލަދުން ސަލާމަތް  ވާނޭ ގޮތަކާއި މެދު ވިސްނެމުން ދިޔައީ ކުރެވުނު ފާފަ މަތިން ހަނދާން ނައްތާލާފައެވެ.

" އަހަރެންގެ ދަރިއެއްކަން ސާބިތު ކޮށްދޭނީ ކިހިނެތް؟ ތި ކަހަލަ އަންހެނުންގެ އުޅުން ވަރަށް ރަނގަޅަށް ނަވަލް ސާބިތުކޮށްދީފި. ނޭނގެ ކިތަށް ފިރިހެނުން ކައިރިއަށް ކަމެއް ކަލޭ ދުވީ. ދެން ވެސް އަހަރެންގެ ދަރިއޭ ނުކިޔާ ހުރޭ. ތިކަމުން ސަލާމަތް ވާން ބޭނުމިއްޔާ އެބޯރޓް ކޮށްލާ. އެކަމަކު ތި މުސީބާތް އަހަންނާ ހަވާލުކުރަން މީގެ ފަހުން ގުޅައިގެން ނުވާނެ. އަދި އެއް ވާހަކަ. މީގެ ފަހުން އެއްވެސް ކަމަކު އަހަންނަށް ނުގުޅާތި. ނަވަލްއާ އަހަންނާ ދޭތެރޭ ގުޅުމެއް އޮތް ނަމަ އެކަމެއް ވެސް ހަނދާން ނައްތާލާ!.. ދެޓް ވޯޒް އެ ބިގް މިސްޓޭކް.!". ކައިސަން ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު ފޯނު ބޭއްވުމާއެކު ނަވަލްއަށް އިނދެވުނީ ކަންފަތާ ފޯނު ދުރުކުރަން ވެސް ނޭނގިފައެވެ. ސިކުނޑި މަސައްކަތް ކުރުން ހިނދުކޮޅަކަށް މެދުކެނޑިފައި ކަހަލައެވެ.

ކައިސަން އެބުނީ ތެދެކެވެ. އެއީ ކައިސަންގެ ދަރިއެއްކަން ސާބިތު ކޮށްދެވޭނޭ ގޮތެއް ނެތެވެ. ނަވަލްއަށް ބުނެވޭނީއެވެ. ނަމަވެސް އެ ވާހަކަ ގަބޫލު ކުރާނީ ކާކު ހެއްޔެވެ. ދުނިޔެއަށް ބޭޒާރުވެ ނިމިގެންދާނީ ވެސް ހަމަ ނަަވަލްއެވެ. ދެން ކުރެވޭނޭ ކަމެއް ނެތްކަން އިހްސާސްވީ ހިނދު ނަވަލްއަށް ދެއަތުން އިސްތަށިގަނޑަށް ވާން ކޮށްލެވުނެވެ. ހަދާނެގޮތް ހުސްވެ ރޮވެން ފެށުނީ ހިތަށް ވެރިވައިވާ ނުތަނަވަސްތަކަމުގެ ސަބަބުންނެވެ. ހުއްޓުމެއްނެތި ދުނިޔޭގެ ލަދުން ސަލާމަތްވާނެ ގޮތަކާ މެދު ވިސްނެމުން ދިޔަ އިރު އެ ފަދަ ފާފައެއް ނުކުރެވުނު ނަމައޭ އެންމެ ފަހަރަކު ވެސް ހިތަށް ނޭރިއެވެ. ނަވަލްއަށް ނުވިސްނުނީ ކުރެވުނު ފާފައަށް ތައުބާވެ މީސްތަކުންގެ ކިބައިން އަންނާނޭ މަލާމާތަށް ކެތްތެރިވުމުގެ ނަތީޖާ އާހިރުގައި މާ ފޮނި ވާނޭކަމެވެ.

**********************

ބޮޑު ސިޓިންރޫމެކެވެ. ވަށައިގެން ހުދު ކުލައިގެ ފާރުތަށް ހުރި އިރު އެއް ފާރު އެއްކޮށް ހުރި ބޮޑު ކުޑަދޮރު ބަރީގެ ހުރިހާ ދޮރެއްވީ ހުޅުވިފައެވެ. އޭގެ ސަބަބުން އެ މާހައުލަށް އެޅިފައިވީ ދުވާލުގެ ހިތްގައިމު އައްޔެވެ. ސިޓިންގްރޫމުގެ ކޮންމެ ދިމާލަކަށް ބެލި ކަމުގައި ވިޔަސް ފެންނަނީ މުއްސަނދި ކަމުގެ ކުލަވަރެވެ. ޝާހީ ހާންދާނެއްކަން ގައިމެވެ.

" ވާއު ދޮންބެ! ޓޫ ގުޑް!!".. ސޯފާގައި އިން ކައިސަން ފޯނު ބޭއްވުމާއެކު ބުނެލީ އޭނާއާ ޖެހިގެން އިން އަންހެންކުއްޖާއެވެ. ބޮޑު ކޮށްލެވިފައިވާ ދެލޮލާއި ތުންފަތުގައިވި ހިނިތުންވުމުން ނުހަނު އުފާވެފައި ހުރިކަން ދޭހަވެއެވެ.

" އެނީތިންގ ފޯރ ޔޫ ޖީން. އެކަމަކު ޕްރޮމިސް ކުރޭ ދެން ނުބުނެ އެއްވެސް ތަނަކަށް ނުދާނެ ކަމަށް. ޖީން ފުރި ވާހަކަ ސޯފިޔާ ބުނީމަ ވަރަށް ވޮރީ ވި. އައި ޑޯންޓް ވޯންޓު ލޫޒް ޔޫ އެގެއިން މައި ޕްރިންސެސް". ލޯބިން ޖީނާގެ ބޮލުގައި ފިރުމާލަމުން ކައިސަން ބުނެލިއެވެ.

" ހުއް. ކިހިނެތް ޕްރޮމިސް ކުރާނީ. މިކޮޅުގަ ހާދަ ފޫއްސޭ. އައި ހޭވް ގޮޓް ނޯ ފްރެންޑްސް. ނޯ ފެމިލީ. ހުރީ ދޮންބެ އެކަނި. އެންޑް ޔޫ އަރ ސޯ ބިޒީ". ޝަކުވާގެ ނަޒަރަކުން ބަލާލަމުން ޖީނާ ބުނެލިއެވެ. ކައިސަން ދޫކޮށްލި ފިނި ނޭވާއާ އެކު އޭނާ ޖީނާއާ ކުރިމަތިވާނޭހެން އިށީނެވެ. ދެން ނުހަނު ފަރުވާތެރިކަމާއެކު އެ މޫނަށް ބަލާލިއެވެ. ދައްކަން އުޅޭ ވާހަކައިގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. އެ މޫނުން ހިނދުކޮޅަކަށް ނަމަވެސް ފާޅުވެލީ ޖެހިލުންވުމެވެ.

" ލުކް ޖީން. ދެން ނުބުނާތި ތިހެން. ޔޫ ހޭވް އެ ފެމިލީ. ވަރަށް އަވަހަށް ޖީންއާ މަންމަ ބައްދަލު ކޮށްދޭނަން. ޔޫ ވޯންޓް ހެވް ޓު ބީ އެލޯން. ޖަސްޓް ޑޯންޓް ގޯ. ސްޓޭ ވިތް މީ". ކައިސަން ބުނެލުމުން ޖީނާއަށް ތުން ފިއްތާލެވުނެވެ. އޭނާ އިސްޖަހާލަައި ދެލޯ މަރާލި ގޮތުން ނަފްސު ހަމައަކަށް އަޅުވަނީކަން ކައިސަން ދެނެގަތެވެ.

" ވައި ޑަޒް ހީ ހޭޓް މީ ސޯ މަޗް ދޮންބެ؟ އަހަންނަށް ކޮން ކުށެއް ކުރެވުނީ؟ ވައި ؟ އައި ޑިޑިންޓް ޑިސަރވް އިޓް ". ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލި ނަމަވެސް ޖީނާގެ އަޑު ކުރެހުނެވެ. އެއްޗެކޭ ނުބުނެ ކައިސަން ޖީނާގެ ހަށިގަނޑު ގެނެސް އެ އަތުގެ ހިމާޔާތް ދިނެވެ. ލަސްލަހުން ޖީނާގެ އިސްތަށިގަނޑުގައި ފިރުމަމުން ދިޔަ އިރު ދަތްކުނޑި ވިކާލެވުނެވެ.

" ޖީން މާ ބޮޑަށް ނުވިސްނާތި ދެން އެކަންކަމާ. މަންމަ ފެނުނީމަ ޖީންގެ ތި ހުރިހާ ކަންބޮޑުވުމެއް ފިލާނެ". ކައިސަން ބުންޏެވެ.

" ދޮންބެއަށް ހީވޭތަ މަންމަ އަހަރެން ބަލައިގަންނާނޭ؟ ޝީ ނެވާ ވޯންޓެޑް މީ އެޓް ދި ފަސްޓް ޕްލޭސް. ތި އެންނު ގޭގެ ރަންދަރި އަކީ". ކައިސަންއާ ދުރަށް ޖެހިލައި ޖީނާ ބުނެލުމުން ކައިސަން ބޯ ހޫރާލިއެވެ. ބޯ ހަރު ކުއްޖަކީތާއެވެ. އެވަރަށް ބުނެދޭ އިރު ވެސް ޖީނާ ގަބޫލުކުރަނީ އޭނާ ގަބޫލު ކުރަން ބޭނުންވާ އެއްޗެއް އެކަންޏެވެ.

" ޝްޝްޝް.. ޖީންއަށް ތިހެން ހީވަނީ ޖީންއާ ފެމިލީ ދިމާ ނުވާތީ. އެ ނުލަފާ މީހާގަނޑާ ހުރެ ޖީން ތިހެން އުޅެން ތި ޖެހުނީ. މަންމައަށް ޖީން ހުރިކަން އެނގޭ ނަމަ ޔަގީން ދޮންބެއަށް ވުރެ ބޮޑަށް ލޯބިވީސް. ދެން ޝަކުވާ ނުކޮށް ހުއްޓާލާ. މިހާރު ޖީން ހީވަނީ ކުޑަ ކުޑަ މޮންސްޓަރ އެއް ހެން. މޭކަޕް ހަޑިކޮށްލައިފި". ކައިސަން ޖީނާގެ ތެމިފައިވާ އެސްފިޔަތައް ފޮހެލަދިނެވެ. އެ ކުޑަ ހަރަކާތުން ޖީނާގެ މިލާފައިވާ މޫނަށް ކުޑަ ހިނިތުންވުމެއް ވެރިކުރުވިއެވެ.

******************

ފާއިތުވެގެން ދިޔައީ ބުރަ ހަފްތާއެކެވެ. ކައިވެންޏަށް ވާން ޖެހޭ ތައްޔާރީތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެ ފަރާތުގެ އާއިލާއިން ކުރި ނަމަ ވެސް ވާން އުޅޭ ދެމަފިރިންގެ ދެމެދުގައި އަދިވެސް ލެވިފައިވީ ބޯ ފަރުދާއެކެވެ. އަނގައިން ބުނެލަނީ ވެސް މަދުފަހަރެއްގައެވެ. އަރްހަމް އުޅޭ ނަމަ ޔެލިޒް އުޅެނީ ވީހާ ވެސް ދުރުންނެވެ. ކޮންމެހެން ބުނެލަން ޖެހޭ ބަސް ވެސް ބުނެލަނީ އިތުރު ގޮތެއް ނެތްހެން ހީވީމައެވެ. ނަމަވެސް އަރްހަމްގެ ދައްތަ ޙުއްބާއާއި ޔެލިޒްގެ އެކުވެރިކަމަށް އައީ އިތުރު ކުރިއެރުމެވެ. ދިރިއުޅުމުގެ ބައެއް ކުދި ކުދި ވާހަކަތައް ޙުއްބާއާ ހިއްސާ ކުރި ނަމަވެސް ޔެލިޒްގެ ސިކުނޑިން އެންމެ މުހިންމު ކަންތައް ކައްސާލަ ނުދިނެވެ. ފަހަރެއްގައި ވެސް އޭނާ އަރްހަމްއާ ކައިވެނި ކުރަން އެއްބަސްވި ސަބަބު ބުނެ ނުލައެވެ. ޙުއްބާގެ ވާހަކަތަކުން އޭނާ އެ ސިއްރު އެނގެން ނުހަނު ބޭނުންވާކަން ވެސް ޔެލިޒްއަށް އެނގެއެވެ. އެހެނަސް އެ ވާހަކަ ދައްކާނެ ގޮތެއް ހުދު އޭނާގެ ސިކުނޑީގައި ވެސް ނެތީއެވެ.

ކައިވެނި ކުރެވެން އޮތް ދުވަހު ޔެލިޒްގެ އަތުގައި ހީނާ އަޅައިދިނީ ޙުއްބާއެވެ. ކަމަކީ ޔެލިޒް މާ ގަޔާވާ ކަމެއް ކަމުގައި ނުވި ނަމަވެސް ޙުއްބާއާ ޔާޒްގެ އެދުމުގެ މަތިން ކުރީއެވެ. ސިއްރު ސިއްރުން ޔެލިޒްއަށް ނޭނގޭހެން އަރްހަމްގެ ނަން ވެސް ޙުއްބާ އޭނާގެ އަތުގައި ލިޔެދިނެވެ. ނަވަލް މާ ބަލިކޮށް އުޅޭތީ ނާދެވުމުން އޭނާގެ ފަޅުކަން ދެ ކުދިންނަށް ވެސް އިހްސާސް ކުރެވުނެވެ.

އަންހެން ކުދިންތައް ގޭތެރޭގައި އުޅުނުއިރު ފިރިހެންވެރިން އުޅުނީ ޓެރަހުގައެވެ. ކައިވެނީގެ ކުލައެއް ކަމުގައި ކަނޑައެޅުނީ މަޑު ފިޔާތޮށި ކުލައާއި ހުދު ކުލައެވެ. ކުލަ ވެސް ކަނޑައެޅުމުގައި ޔެލިޒްއަށް ހިޔާލު ދިނީ ޙުއްބާއެވެ. އެންމެ ފަހުން އެ ކުލައާ މެދު ޔެލިޒް ވެސް ހުރީ ހިތްހަމަ ޖެހިފައެވެ.

" މިރޭ ކިހިނެތް ވާނެހެން ހީވަނީ؟". ޔެލިޒްގެ މޫނުގައި ފޭޝަލް ހައްދަދޭން ހުރެފައި ޔާޒް އަހާލިއެވެ. އޭނާ ޙުއްބާއާ ދިމާލަށް ބަލާލަމުން ލޯ މަރާލީ ސިއްރުންނެވެ.

" ތިބުނީ ކިހިނެތް؟ ކޮން ކަމެއް ވާނެ ވާހަކަތަ؟". އެއް ލޯ ހުޅުވާލަމުން ޔެލިޒް އަހާލިއެވެ. އޭނާގެ މައުސޫމުކަން އެހިނދު ވެސް ޙުއްބާއަށް ވިސްނުނެވެ. ހިނިއައީ އެހެންވެއެވެ. ކޮއްކޮ އަރްހަމްއަކީ ވެސް އެފަދަ ޒުވާނެކެވެ. ދެ މީހުން އެކުގައި އުޅޭނެ ގޮތް ސިފަ ކޮށްލެވުމާއެކު ތުންފަތަށް ވެރިވި ހިނިތުންވުން އޭނާއަށް ސިއްރެއް ނުކުރެވުނެވެ.

" ސުހާގްރާތް!. ރޮމޭންޓިކް ވާނެތަ؟ ނޫނީ ފަސްޓް ނައިޓްގަ ގެއިން ނުކުމެގެން އަންނާނީތަ؟ ބުނަން!! ޅިޔަނު ސޮރުގެ ދުވަސް ދުއްވާ ނުލާތި". ޔާޒްގެ ވާހަކައަށް ހުއްޓުމެއް އެއީ އޭނާގެ ނަމުން ޔެލިޒް ބާރަށް ގޮވާލުމުންނެވެ. ޔާޒް ދައްކަމުންދާ ވާހަކަ ވިސްނި އެ މޫނުން ފާޅުވާންފެށީ މަޑު ރަތްކުލައެކެވެ. ލޮލުގެ ހިމަ ކޮޅުން ޙުއްބާއަށް ބަލާލިއިރު ޙުއްބާ ވެސް ހެވިފައި އިންތަން ފެނުމުން ކުޑަކޮށް ރަކިވިއެވެ.

" ތި ވާހަކަ ނުދައްކާ. އަހަރެން މީހަކާ އިންނަން މި އުޅެނީ. އެކަމަކު ހީވަނީ ޔާޒްހެން ކުރަން ޖެހޭ ހުރިހާ ކަމަކާ މެދު ތި ވިސްނަނީ. މޭބީ ޔޫ ޝުޑް ބީ ދަ ވަން ޓު ގެޓް މެރީޑް". ޔެލިޒް ބުންޏެވެ. އެހެނަސް އޭނާގެ ސިކުނޑީގައި އެވަގުތު އެތަށް މަންޒަރެއް ކުރަހާލެވިއްޖެއެވެ. އަވަސް އަވަހަށް ބޯ ހޫރާލި ނަމަވެސް އެ ވިސްނުންތައް ފިލައި ނުދިޔައެވެ. ހަގީގީ ދިރިއުޅުމެއް އަދި ފެށެން އުޅެނީކަން ޔެލިޒްއަށް އެނގެއެވެ. ނަމަވެސް އެ ދިރިއުޅުމުގެ ނިމުން ފޮނި ވެދާނޭކަމުގައި ހިތް އެއްބަސް ނުވަނީއެވެ. އަރްހަމްއަކީ އޭނާ ދަންނަ ޒުވާނެއް ނޫނެވެ. އަރްހަމްގެ މިޒާޖާ އުޅުމެއް ނޭނގެއެވެ. ވީ އިރު އޭނާއަށް އަރްހަމްއާ އެކު އެންމެ ދުވަހެއް ވެސް ކެތް ކުރެވިދާނޭ ބާއޭ ހާސް ފަހަރު އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

" މިހާރު އެ އޮތީ އަމިއްލަ ދުނިޔެއެއްގަ އަރޫ އާ އެކީ. އަހަރުން ދާންވީ ދެން. ފެންވަރައިގެން ގޮވާލީމަ އަންނާނަން ރީތި ކޮށްދޭން". އެނދުން ފޫކޮޅު ހިއްލާލަމުން ޙުއްބާ ބުނެލިއެެވެ. ޔާޒްއާ އެކު ގޮސް އޭނާ ކޮޓަރިން ނުކުތުމުން ޔެލިޒްގެ ތުންފަތުގައިވި ހިނިތުންވުން ފޭދުނެވެ. އަތުގައި އޮތް ފޯނުން ގަޑިއަށް ބަލާލެވުމުން ހިތުގައި ރިއްސާލިއެވެ. ބާކީ އޮތީ ދެތިން ގަޑި އިރެވެ. އޭނާ ވާނީ މީހެއްގެ އަންބަކަށެވެ. އެ ވިސްނުމާއެކު ހިތުގައި ވި ނުތަވަސްކަން އިތުރުވެ ހަމަޖެހުން ގެއްލިއްޖެއެވެ. ފުން ނޭވާތަކެއް ދޫކޮށްލި ނަމަވެސް އެކަމުން ލިބުނު އެހީއެއް ނެތެވެ. ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް ކޮންޓްރޯލް ކުރަން ދަތިވެ ޔެލިޒްގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. އެހެނަސް އަވަސް ހަރަކާތަކާއެކު އަތުގެ ނުފުށުން އެ ކަރުނަތައް ފޮހެލިއެވެ. ވަގުތު މިހާ ކައިރިވެފައި ވަނިކޮށް ނަފްސުގެ މައްޗަށް އޮތް ބާރު ގެއްލުވަން ނޭދޭތީއެވެ.

ގޭގެ ޓެރަސް ވަނީ ރެއަށްޓަކައި ނުހަނު ރިތިކޮށް ޒީނަތްތެރި ކޮށްފައެވެ. އެ މާޙައުލު އެކީ އެކައްޗަކަށް ދިއްލިފައި އޮތީ އޮރެންޖް ކުލައިގެ ކުދި ފެއަރީލައިޓްތަކުންނެވެ. މަތިން ތިރިއަށް ބޮކިތައް އެލުވާފައި ހުރި އިރު ސިފަކޮށްލެވެނީ އެތަށް ހާސް ޕަރުވާނާތަކެއް ހެނެވެ. ޓެރަސްގެ އެއް ފަރާތުގައި ކައިވެނި ކުރެވުމަށް ހާއްސަކޮށް މޭޒެއް ހުއްޓެވެ. އެ މޭޒު ހުދު ސިލްކް ފޮތިން ފޮރުވާފައިވީ އިރު މޭޒުގެ ދިގަށް ވާގޮތަށް ފެހި ކުލައިގެ ވެޔޮ ގަނޑެއް ދަމާފައި އޮތެވެ. ވެޔޮ ގަނޑުގެ ދިމަ ދިމާލުން އެކި އެކި ސައިޒްތަކުން އުއްބަތިތަކާއި ކުދި ކުދި ފިނިފެންމާތައް ފެންނަން ހުއްޓެވެ. ހަމަ އެފަދައިން ޓެރަސްގެ އެކި ހިސާބުތަކުގައި މޭޒުތައް އަތުރާފައި ހުއްޓެވެ. އެއިން ކޮންމެ މޭޒެއް ވެސް ވީ ހުދު ސިލްކް ފޮތިން ފޮރުވައި މަލުން ޒީނަތްތެރި ކޮށްފައެވެ. ކޮންމެ މޭޒެއްގެ މެދުގައި ވެސް ބޮޑު އުއްބަތި އަކާއި ކުޑަ އުއްބައްތިއެއް ހުއްޓެވެ. އުއްބައްތި ތައް ބެހެއްޓިފައިވީ ލަކުނޑިން ތައްޔާރު ކޮށްފައި އޮތް ވަށް ފޮއްޗެއްގެ މަތީގައެވެ. ޓެރަސްއަށް ނުކުމެވެން ހުރި ދޮރު ކައިރީ ބަހައްޓާފައި ހުރި ބޯޑުގައި ވާން އުޅޭ ދެމަފިރިންގެ ނަން ބޮޑު އަކުރުން ލިޔެފައި އޮތެވެ. ޔެލިޒްއާ އަރްހަމް ހުއްޓި ހުރުމަށް ހަމަޖެހުނީ ޓެރަހުގައި ބަހައްޓާފައި ހުރި އުނދޯލި ކައިރީގައެވެ. ގިނަ އިރު ކޮޅަށް ހުންނަން ވެއްޖެނަމަ އިށީނދެވޭނޭ ގޮތެއް ކަމުގައި ބުނެ އިޔާޒްދިން ހިޔާލު އެންމެނަށް ވެސް ކަމުދިޔައީއެވެ. އެ އުނދޯލީގެ ވާތަށް ވެޔޮގަނޑުން ފޮރުވާފައި ހުރި އިރު ފިނިފެންމާތައް ހަރުކޮށްފައި ހުއްޓެވެ. ބެކްޑްރޮޕް ވެސް ފަރުމާ ކުރެވިފައިވީ ހުދާއި ފިޔާތޮށީގެ އެކި ޝޭޑް ތަކުގެ ފިނިފެންމަަލުންނެވެ. ސިލްވަރ ކުލައިގެ ދަގަނޑުން ހަތަރެސްކަން ހަމަވާނެހެން ބިމުން ފެށިގެން މައްޗަށް ހިއްލާފައި ހުރި އިރު އެ ދަގަނޑުތައް ފަޅު ފިލުވާލާފައިވީ ފިނިފެންމަލުގެ މާބޮނޑިންނެވެ. ދަނގަޑުގެ އެންމެ ތިރިން ފެށިގެން ބިންމަތީގައި ވެސް ފިނިފެންމާ ބޮނޑި ބަހައްޓާފައި ހުރި އިރު ބިންމަތީގައި އެކި ސައިޒްތަކުގެ ބެޓެރީ އުއްބައްތި ބަހައްޓާފައި ހުއްޓެވެ. އެ ހުރިހާ ސާމާނަކީ ވެސް ކައިވެންޏަށް ހާއްސަކޮށް ސަލްމާން ބޭރުން އައި އިރު ގެނައި އެއްޗިއްސެވެ. ފަހު ވަގުތު ދަތުރުގައި ފުރީ ވެސް ސަލްމާންއާއި އިޔާޒްއެވެ. ބެކްޑްރޮޕާއި ޖެހިގެން ޑަސްޓީ ފިޔާތޮށި ކުލައެއްގެ ސިލްކް ފޮތި އަޅާފައި ހުރި ހަތަރެސްކަން މޭޒުމަތީގައި ތިން ބުރިއަށް ނަގާފައިވާ ކޭކު ހުއްޓެވެ. ކޭކު ހުދު ކުލައިން ހުރި އިރު އެކި ހިސާބުތައް މަލުން ރީތިކޮށްފައި ހުއްޓެވެ. އެ މާހައުލު އިތުރަށް ހިތްގައިމު ކޮށްދެނީ ޖެހެމުން ދިޔަ ގުދުރަތީ ލުއި ވައިރޯޅިންނެވެ. ހަފްލާގައި އެއްވެސް ޒާތެއްގެ މިއުޒިކް ބޭނުން ނުކުރުމަށް އެންގީ އަރްހަމްއެވެ. އޭނާގެ އެ ނިންމުމާމެދު ފާޑުކިޔާނެ މީހަކު ނުވިއެވެ.

ގަޑިން އަށެއް ޖެހުމަކާ ގާތް ވެފައި ވަނިކޮށް ޓެރަހަށް އާއިލާގެ މެންބަރުން އަންނަން ފެށިއެވެ. އިޝާއިން ފޭބީއްސުރެ ހޭލަމޭލައިން ހަރަކާތްތެރިވެ އުޅުނީ އަމަތުއާއި އަސްރާއެވެ. ކައިވެނި ކުރެވޭ ދުވަހާ ޖެހުނު އިރު އަސްރާގެ ހިތް ވެސް އެކަމަށް ރުހުނެވެ. އަރްހަމްއަކީ ޔެލިޒްއާ އެކަށީގެންވާ ޒުވާނެއް ކަމުގައި ގަބޫލުކުރެވުނެވެ. އެހެނީ ޔެލިޒްގެ މައްސަލެއް ނެތް ކަމުގައި ވަނީ ނަމަ އޭނާ ވެސް އެކަމުގައި އުފާވާން ޖެހޭނޭ ކަމުގައި ހިތް ބުންޏެވެ. ކާތަކެތި ބަހައްޓާފައިވާ މޭޒުތައް ކައިރިއަށް ޖެހިލައި ހުރިހާ އެއްޗެއް ވެސް ހަމައަށް ރީއްޗަށް ހުރިތޯ އަމަތު ޔަގީން ކޮށްލިއެވެ. އޭނާ އެދުނީ އަސްރާ ކައިރިން ޔެލިޒް ބަލާ ދިޔުމަށެވެ. ބާކީ ހުރި ކަންކަން ހަމައަކަށް އަޅުވާނީ ވެސް އޭނާ ކަމުގައި ބުނެލިއެވެ.

އަސްރާ ނުކުތް އިރު ޓެރަސްއަށް ވަންނަށް އައި އަރްހަމް ފެނި ހިނިތުންވެލިއެވެ. އަރްހަމް ހުރީ ހުރީ ކަޅުކަން ގަދަ ކޯޓަކާއި ވެސްޓެއްގައެވެ. އެތެރެއިން ލައިގެން ހުރި ހުދު ގަމީހާ ގުޅުވައި ކޯޓުގެ ޖީބުގައި ހުދު ހޭންޑްކަޗިޕް އެއް އޮތެވެ. އޭނާ އަރައިގެން ހުރީ ވެސް ކަޅު ކުލައިގެ އޮފް ބޫޓަކަށެވެ. އިސްތަށިގަނޑު ކަންފަތުގެ ފޫޅާ ހަމައަށް ދިގުކޮށް ހުރިއިރު ނިތްކުރިންވަނީ ރީތިކޮށް ފުނާ އަޅައި ސްޓައިލް ކޮށްފައެވެ. އޭނާގެ ފަހަތުން އިޔާޒްއާ އެކު ރައްޔާން ވެސް ވަނެވެ. ފާޠިމާ ވީ މާކުރިން ވެސް ޙުއްބާ އާއެކު ޔެލިޒްގެ ކޮޓަރީގައެވެ.

ކައިވެނި ކުރެވޭ މޭޒުދޮށުގައި ޔެލިޒްއާ އަސްރާ ފިޔަވާ އެންމެން ހަމަވެއްޖެއެވެ. ހަތަރެސްކަން ހަމަވާ މޭޒުގެ އެއް ފަރާތުގައި ތިބީ ޤާޟީއާއެކު އަރްޔަންއާއި އުމައިރްއެވެ. އެމީހުންގެ ކުރިމައްޗަށް ވާގޮތަށް ތިބީ އިޔާޒްއާއި އަމަތްގެ އިތުރުން ސަލްމާންއެވެ. ސަލްމާންއާ ޖެހިގެން ހުސްކޮށް ކުރީ އަސްރާގެ ގޮނޑިއެވެ. މޭޒުގެ އެއް ކޮޅުގައި އަރްހަމް އިން އިރު އޭނާއާ ޖެހިގެން ހުރި ހުސްގޮނޑިވީ ޔެލިޒްއަށް ހާއްސަކުރެވިފައެވެ. އަނެއް ފަރާތުގައި އިނީ ކޯޓުގެ ފަރާތުން އައި މީހާއެވެ.

އެންމެން ހަމަވިކަން އަސްރާއަށް އެންގީ އަމަތުއެވެ. ޔެލިޒް ގޮވައިގެން އޭނާ އަކީ ދެނެވެ. ހުދު ކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި އެ ރީތިކަންވީ ދެގުނަވެފައި ކަހަލައެވެ. އަލި މޫނުގައި ޔާޒްއާއި ޙުއްބާ ކޮށްދިނީ ލުއި މޭކަޕެކެވެ. ހެދުމުގެ މަތީ ބައި އުނަގަނޑުން ހެޔޮވަރު ކޮށްފައި ހުރި އިރު އަތް އިނީ ފުއްޕިކޮށްނެވެ. ހެދުމުގެ ފަސްބައި ވެސް ފުޅާ ވެފައި ކުޑަކޮށް ފުއްޕާފައި ހުރުމުން ނުހަނު ފުރިހަމައެވެ. އުނަގަނޑުން ފެށިގެން ފަސްބައިގެ ތިރިއަށް ހުދުކުލައިގެ މާ ވެޔޮ ގަނޑެއް ހަރުކޮށްފައި އޮތެވެ. ހަމަ އެ ލޭޒްއިން ހެދުމުގެ މޭމައްޗާ ދިމާލުން ފެށިގެން އަތުގެ ވަކި ހިސާބަކަށް ވެސް ޒީނަތް ކޮށްފައި ވިއެވެ. ދެއަތުން ޔެލިޒް ހިފަހައްޓައިގެން ހުރި މާބޮނޑީގައިވީ ފިޔާތޮށީގެ ފިނިފެންމަލެވެ. އޭނާގެ އިސްތަށިގަނޑު އޮތީ ފަހަތުން ގެންގޮސް ރީތި ގޮތަކަށް ޒީނަތް ކޮށްފައެވެ. އަސްރާއާ ޔެލިޒްގެ ފަހަތުން ޔާޒްއާއެކު ޙުއްބާ އައެވެ. ޙުއްބާގެ އުރުގައި ކުޑަ ކުޑަ ފާޠިމާ އިން އިރު ވަށައިގެން ފެންނަ މަންޒަރުތަކަށް އެ ލޯބިވެތި ނަޒަރުވީ ހުއްޓިފައެވެ.

އަރްހަމްއާ ޖެހިގެން އިން ގޮނޑީގައި ޔެލިޒް ބޭންދުމަށްފަހު އަސްރާ ގޮސް ސަލްމާންއާ ޖެހިގެން އިށީނެވެ. ކައިވެނި ކުރިއަށް ގެންދަންފެށީ ދެނެވެ. ގޮނޑީގައި އިށީންގޮތަށް އިސްޖަހާލައިގެން ޔެލިޒް އިން އިރު އޭނާގެ ދެއަތް ތިލަ އޮތީ ޖޯޑުކޮށްލެވިފައެވެ. ވަށައިގެން ހިނގަމުން ދިޔަ ކަންކަމަށް ވުރެ ބޮޑަށް ސަމާލުކަން ހުއްޓިފައިވީ އަމިއްލަ ހިޔާލަށެވެ. އެހެނަސް ޤާޟީ އަނބިކޮށްދީފީމޭ ބުނި ވަގުތު ޔެލިޒް ސިއްރުން އަރްހަމްއަށް ބަލާލިއެވެ. ހީކުރި ގޮތާ ހިލާފަށް އަރްހަމްގެ ސިއްރު ނަޒަރު ވެސް ޔެލިޒްއާ އަމާޒުވެލީ އެވަގުތުއެވެ. ސިހިފައި ދެ ޒުވާނުން ވެސް އިސްޖަހާލިއެވެ.

" އަނބި ގަބޫލުކޮށްފިން". އަރްހަމް ބުނެލިއެވެ. އެހިނދު އިވެން ފެށި އަތްތިލަބަޑީގެ އަޑާއެކު ޔެލިޒްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ އިހްތިޔާރަކާ ނުލައެވެ. އެ މަންޒަރު އެހެން މީހަކަށް ނުފެންނަނީސް ޔެލިޒް އެ އިހްސާސްތައް ފޮރުވާލިއެވެ. އޭނާއަށް ނޭނގުނީ ކައިރީގައި އިން އަރްހަމްގެ ލޮލުގައި އެ ހިނިތުންވުން އަޅައިގަތް ކަމެވެ.

" ހާދަ އުފާވެފަ ތި އިންނަނީ". ޔެލިޒްގެ ކަންފަތްދޮށުގައި އަރްހަމް ބުނެލީ މަޑުމަޑުންނެވެ.

" ޔޫ ވިޝް". ވަށައިގެން ނަޒަރެއް ހިންގާލިއިރު އެންމެން ކަހަލަ ގޮތަކަށް ބަލަން ތިބުމުން ޔެލިޒް ސިއްރުން ބުނެލިއެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވީ އެ މަންޒަރު ރީތި ކުރުމުގެ ނިޔަތުގައެވެ. ބަލާ ބެލުމަށް ލޯބިން އުޅޭ ދެމަފިރިން ކަމުގައި ހަދަން ޔެލިޒް އެވަގުތު ބޭނުންވީއެވެ.

" ނުބުންޏަސް އެނގޭ އުފާވާނެކަން. ހޫ ވުޑުންޓް ވޮނަ ބީ މައި ވައިފް". މޭޒުދަށުން ޔެލިޒްގެ މަޑު އަތްތިލައިގާ އަރްހަމް ހިފެހެއްޓިއެވެ. ހަލާލު އަނބިމީހާކަން އެނގޭ އިރު ވެސް އެ ހަރަަކާތުން އޭނާ ކުޑަކޮށް ޖެހިލުންވީ ކީއްވެކަމެއް ނޭނގުނެވެ. ބޭނުމަކަށްވީ ޔެލިޒްއާ އެކުވެރިކަން ބޭއްވުމެވެ. އިނދެގެން އުޅެންޏާ ކުޑަމިނުން އެކުވެރިންނަށް ވާން ޖެހޭނެ ކަމުގައި އަރްހަމް ގަބޫލު ކުރެއެވެ. އޭރު ޔެލިޒް ދިޔައީ އަރްހަމްގެ އަތް ނައްޓުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މޫނުން އެއިން އެއްވެސް ކުލައެއް ހާމައެއް ނުކުރިއެވެ. އަރްހަމްގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވީ އެހެންވެއެވެ.

އޭރު ޤާޟީއާއެކު މޭޒުދޮށުން މީހުން ތެދުވެއްޖެއެވެ. ޙުއްބާ އައިސް ކައިރިއަށް ޖެހިލާ ދެ ޒުވާނުން ބެކްޑްރޮޕް ކައިރިއަށް ދާންވީ ކަމުގައި ބުނެލިއެވެ. އެވަގުތަށް ކެތްކޮށްލައިގެން އިން ޔެލިޒް އަވަހަށް ތެދުވިއެވެ. ނަސީބަކުން އޭރު އަރްހަމް އޭނާގެ އަތުން ދޫކޮށްލައިފިއެވެ.

ކައިވެނީގެ ހަފްލާއަށް މެހެމާނުން އައިސް އެ މާހައުލުގެ ހިމޭންކަން ނެތިދާން ގިނަ ވަގުތެއް ނުނެގިއެވެ. އެންމެ ފުރަތަމަ އައި މީހުންގެ ތެރޭގައި މަހީންއާއި ކުލްސޫމްގެ އާއިލާ ހިމެނެއެވެ. އޭގެ އިތުރުން އަރްޔަންގެ އާއިލާ މެންބަރުން ވެސް ތިއްބެވެ.

" ނަވަލް".. ދުރުގައި ހުރި ޔާޒްއަށް ކުލްސޫމްގެ އަތުގައި ހިފަހައްޓައިގެން ހުރި ނަވަލް ފެނުމާއެކު ގޮވާލިއެވެ.

= ނުނިމޭ =

  1. ސަމާ

    ަވާހަކައިގެ ހާދިސާތަކަށް ވުރެ ގިނައީ ސިފަކޮށްދިނުން. ޢެހެންވެ ވަރަށް ކުރުކަމަށް ފާހަގަ ކުރެވޭ. ޢަނެއހެން ރީތި ވާހަކަ

  2. ީިކަމަނަ

    ޥަރަ ރިިތި

  3. ޝައި

    ހާދަ ހާދަ ރީއްޗޭ. މާޝާﷲ. ލިޒްއާ އަރްހަމްގެ ކިއުޓް ސީންސް ގެނެސްދެއްޗޭ