ޢަލީ ޞާލިޙުގެ ގައިގައި ކަޓަރު އެޅި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިން ސައިކަލުގައި ދަނިކޮށް ޢަލީ ޞާލިޙަށް ހަމަލާދިނީ ކަޓަރަކުންނެވެ.
ޢަލީ ޞާލިޙް ވިދާޅުވި ގޮތުގައި އޭނާ ސައިކަލުގައި ދަނިކޮށް އައި މީހަކު ޤުރުއާނުގެ އާޔަތެއް ކިޔާފައި ކަޓަރު އަޅަން މަސައްކަތް ކުރީ އޭނާގެ ކަރުގައެވެ. ނަމަވެސް ކަޓަރު ނެގުމާއެކު ސައިކަލު ދުއްވަން ހިފައިލުމުން ކަޓަރު އެޅިފައިވަނީ ޢަލީ ޞާލިޙްގެ އަތުގައެވެ.
އެ ގޮތުން އޭނާ ގެންދަވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބުނީ އެ މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަޙްޤީޤުކުރަމުން އަންނަ ކަމަށެވެ.