ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވަޢުދުވަޑައިގެންނެވި ވަރަށްވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ހިންގިފައިވާކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަހްލޫފް އެހެން ވިދާޅުވީ ނ.ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުމާ ގުޅިގެން މަހްލޫފް ކުރެއްވި ޓުވީޓެއްގައެވެ.
މަހްލޫފް ވިދާޅުވީ ރައީސް ޞާލިޙް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވަޢުދުވަޑައިގެންނެވި ވަރަށްވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ހިންގިފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓުތައް ދާނީ ބާރަށް ކުރިއަށް ކަމަށާއި, މަސައްކަތް ކޮށްކޮށް ވަރުބަލި ވެސް ވެއްޖެކަމަށް މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް އެހެން ވިދާޅުވިއިރު ހަތް ރަށެއްގައި ގާއިމުކުރާ އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އިއްޔެ ވަނީ އެ ރަށްތަކާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން ވެސް ބައެއް ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް މިދިޔަ ހަފުތާގައި ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.