ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ތޭވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން

އޭރު ރޮވިފައި ހުރެ ޔެލިޒް، އަރްހަމް ހިފެހެއްޓި ތަނުގައި އަތް އަޅައިގެން ހުއްޓެވެ. އެ ދިމާލަށް އަރްހަމް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ކުއްލިއަކަށް ފަސްއެނބުރުމާއެކު ޔެލިޒް ގޮސް ކޮޓަރިއަށް ވަނީއެވެ. އޭނާގެ ފަހަތުން އެތެރެއަށް ދާނެހާ ހިތްވަރެއް އަރްހަމްގެ ނެތެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރެވުނީއެވެ.

Ads by Hajj Corporation

" ސުބްހާނަﷲ... ". އިސްތަށިގަނޑުގައި އަތް ހިންގާލެވުމާއެކު އަރްހަމްއަށް ބުނެލެވުނެވެ.

***************************

ހަފްތާއެއް ފާއިތުވީއެވެ. ގެއިން މަދުފަހަރެއްގައި އަރްހަމް ފެނިލާއިރު އެކަމާ އެއްޗެކޭ ބުނާނޭ މީހަކު ނެތެވެ. ކޮންމެހެން ދައްކަން ޖެހިއްޖެ ވާހަކައެއް ނޫނީ އެކަކު ވެސް ދައްކާ ތަނެއް ނުފެނެއެވެ.  އެހެނަސް ދެ ޒުވާނުންގެ ހަރަކާތުގައި ވެސް ނުރުހުންވުމެއް ނެތެވެ. އެހެނީ އެ ދިރިއުޅުމަށް ދެ ޒުވާނުން ވެސް ހޭނުނީއެވެ. ޔެލިޒް ވެސް ގޭތެރޭގައި އެއް ކަމެއް ކޮށްލާ އަނެއްކަން ކޮށްލާ އުޅެއެވެ. ކާ ގަޑީގައި އަރްހަމް އާދެއެވެ. އެހެނަސް ދެމަފިރިން އެއް ސުފުރާމަތިން ކެއުމަށް އިންސާފުކުރި ދުވަހެއް ނާދެއެވެ. އެ ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމަށްފަހު އެ ދެމެދުގައިވީ ދުރުކަން އިތުރުވީއެވެ.

ފަތިން ނަމާދަށް ހޭލައިގެން ނުކުތް އަރްހަމްއަށް ސޯފާގައި އިން ޔެލިޒް ފެނި ހައިރާންކަން ގެނުވިއެވެ. މި ނޫނީ ޔެލިޒް މާ ހެނދުނާ ހޭލާ ނޫޅޭތީކަންނޭނގެއެވެ. ސޯފާގެ ކުރިމައްޗަށް ހުރި ކޮފީ ޓޭބަލަށް ފައި އަރުވައިގެން އިން އިރު ވައަތުން އާވި އަރަމުންދިޔަ ކޮފީގައި ހިފަހައްޓާލެވިފައި ވިއެވެ. އަނެއް އަތުން ހިފަހައްޓައިގެން އިން ފޯނަށް ނަޒަރު ހުއްޓިފައިވީ އިރު އަރްހަމްއަށް ކުޑަ ވެސް ސަމާލުކަމެއް ދިންހެން ހިއެއް ނުވެއެވެ. އެކަން އިހްސާސްވެ އަރްހަމްއަށް އުނދަގޫވެސް ވި މެއެވެ. އެޕާޓްމެންޓުން ނުކުންނަން އުޅެފައި ވެސް އޭނާ މަޑުޖެހިލީ އެހެންވެއެވެ.

" ކީއްވެ ނަމާދަށް ނުގޮވީ ހޭލާ އުޅޭއިރުު؟ ޔެލިޒް ނަމާދު ކުރީތަ؟". ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް ޖަހާލަމުން އަރްހަމް އަހާލިއެވެ. އޭރު ޔެލިޒް ވެސް އިސްއުފުލާ ބަލާލައިފިއެވެ. އެ ބެލުމުގައި އެއްވެސް އަސަރެއް ނެތެވެ. ފަރުވާކުޑަ ގޮތަކަށް ބޯ ހޫރާލުމުން އަރްހަމްގެ ނިތްކުރިއަށް ކުދި ރޫތަކެއް އަރައިގެން ދިޔައެވެ.

" ނަމާދު ނުކުރެވެނީތަ؟". ދެން ވެސް ވާހަކަ ދެއްކީ އަރްހަމްއެވެ.

" ނޫން". ޔެލިޒްގެ ޖަވާބު ކުރެވެ. އަވަހަށް އެތަނުން އަރްހަމް ނުގޮސް ގެން އުޅޭ ކަހަލައެވެ. ނޫނީ އަރްހަމް ހުރުމުން އޭނާއަށް އުނދަގޫވީއެވެ.

" އެހެންވީމަ ދޭ ނަމާދުކޮށްލަން". މިފަހަރު އަރްހަމްގެ އަޑު މަޑެވެ. އެހެންޏާ ހުންނަ ނުރުހުންވުމުގެ އަސަރެއް ނެތެވެ. އިތުރަށް ދެބަސް ވުމެއް ނެތި ޔެލިޒް ވެސް ތެދުވިއެވެ. ހުސްވެފައި ހުރި ކޮފީ ތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ހިނގައިގަންނަން އުޅެނިކޮށް އަރްހަމް އަނެއްކާވެސް ގޮވާލިއެވެ.

" ކިހިނެތްވީ؟". އަރްހަމް އައިސް ކުރިމަތީ ހުއްޓި ހުރެ އަތް ދިއްކޮށްލުމުން ޔެލިޒް އަހާލިއެވެ.

" ފޯނު ދީ". ކުއްލިއަކަށް އަރްހަމް ބުނެލުމުން ޔެލިޒް ސިހުނެވެ. ނުދޭން އުޅުނަސް އަރްހަމް އަތުލާނެކަން އެނގި ޔެލިޒް ފޯނު ދިނެވެ. އަރްހަމް ކުރިކަމެއް ކުރީ އޭނާގެ ކުރިމަތީގައެވެ.

" އަން. މި އޮތީ އަހަރެންގެ ނަންބަރު. ކަމެއް ބޭނުންވެއްޖެނަމަ ގުޅާތި. އެހެން ނޫނީ މެސެޖެއް ކުރިޔަސް މައްސަލައެއް ނެތް. އަދި އެއް ވާހަކަ. މިއަދު އަހަރެން އޮފީސް ނިންމާފަ އައީމަ މަންމަ މެން ގެއަށް ދާން ތައްޔާރުވާތި. " އަރްހަމް ދައްކަން ބޭނުންވާ ވާހަކައެއް ދެއްކުމަށްފަހު ނުކުތެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޔެލިޒް ބަލާލީ އަރްހަމް ފޯނުގައި ޖެހި ނަންބަރަށެވެ. "ލަވިންގް ހަޒްބެންޑް" ގެ ނަމުގައި ސޭވްކޮށްފައި އޮތް ނަންބަރު ފެނި އަނގަޔަށް ގޮތެއް ހަދާލަމުން އަރްހަމް ދިޔަ ދިމާލަށް އޭނާ ބަލާލިއެވެ.  ދެން ވެސް ނަމާދު ކުރުމެއް ނެތި ޔެލިޒް އިށީނީ ސޯފާގައެވެ. އޭނާ ތެދުވީ އަރްހަމް ގެއަށް އަންނާނެހާ އިރުކޮށްފައެވެ.

ކޮޓަރިއަށް ވަތް ގޮތަށް ޔެލިޒް އަލަމާރިން ނެގި ހުދު ގަމީހާއި ފަޓުލޫނު ގެންގޮސް އެނދުމަތީ ރީތިކޮށް ބޭއްވިއެވެ. އަދި އަވަހަށް ފެންވަރާލީ އަރްހަމް އައުމުގެ ކުރިން ތައްޔާރުވާން ގަސްތުކޮށްގެންނެވެ. އެހެނަސް ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ ޔެލިޒް ތައްޔާރުވާންފެށިތާ ގިނަ އިރުތަކެއް ނުވެ އަރްހަމް ގެއަށް އަތުވެއްޖެއެވެ. އަރްހަމްގެ ނަޒަރު އޭނާއާ އަމާޒުވިތަން ޔެލިޒް ދުށްޓެވެ. އޭގެ ފަހަތުގައިވީ ސަބަބު އެނގުނު ކަމުގައި ވިޔަސް އޭނާ ހުރީ ހަމަޖެހިލައިގެންނެވެ.

އެގަޑީގައި ޔެލިޒް ރީތިވަނީ ކޮންތާކަށް ދާންތޯ އަހާލަން ހިތް އެދުނަސް އެކަމާ އަރްހަމްގެ ޒަމީރު ދެކޮޅު ހެދިއެވެ. އެހެނަސް ޔެލިޒް ލައިގެން ހުރި ކުރު ހެދުން ކޮޅު ފެނި އޭނާ ހުރީ އުނދަގޫވެފައެވެ. ޖިބަށް ޖަހާލެވިފައިވާ އަތަށް ބާރުކޮށްލެވުނީ އެހެންވެއެވެ.

" ކޮންތާކަށް ދާން؟". އެންމެ ފަހުން އަރްހަމް އަހާލީ ކެތްތެރިކަން ކޮޅުންލައިގެން ދިޔުމުންނެވެ. ޔެލިޒްގެ ފަރާތުން ޖަވާބެއް ލިބޭނޭ ކަމުގެ ޔަގީންކަމެއް ނެތަސް ސުވާލު ކުރުން އެއީ އޭނާއަށް ލިބިގެންވާ ހައްގެއް ކަމުގައި އަރްހަމް ދެކުނެވެ.

" އޮފީހަށް". ޔެލިޒްގެ ޖަވާބު އިވި އަރްހަމްއަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ. އެފަދަ ބޮޑު ނިންމުމަކާ ހަމައަށް ޔެލިޒް ދިޔައިރު އޭނާއަށް އަންގާނުލީތީ ހިސާބަކަށް ނުރުހުންވިއެވެ. ސިކުނޑިއަށް ލިބިގެން ދިޔަ ނުތަވަސްކަމާއެކު ޔެލިޒްއާ ކުރިމަތިވާނޭހޭން އަރްހަމް ހުއްޓިލިއެވެ. އެހާ ވެސް ޔެލިޒް އޭނާ ދުރުކޮށްލީތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެ ވިސްނުމާއެކު އިހުނަށްވުރެ އަރްހަމްގެ ތަބީއަށް ގޯސްވިއެވެ.

" ކޮން އިރަކު ވަޒީފާ ހަމަޖެހުނީ؟ އަހަރެން ކައިރީ ބުނުން ވެސް މުހިންމެއް ނުވީތަ؟ އެހާ ވެސް ދުރުމީހެއްތަ މީ؟". އަރްހަމް އަހާލިއެވެ. އެ އަޑުގައިވި އިހްސާސްތައް ދެނެގަންނަން އުނދަގޫވެފައި ހުރެ ޔެލިޒް ބަލާލީ ފާޑަކަށެވެ.

" ބައްޕަ ނުބުނޭތަ އަހަރެން ވަޒީފާއަކަށް ދިޔުމާ މެދު އަރްހަމް އެއްވެސް މައްސަލައެއް ޖައްސައިގެން ނުވާނެއޭ؟". ޔެލިޒްގެ ހިތުގައި އުފެދުނު ބިރުވެރިކަމާއެކު ބުނެލިއެވެ. އޭނާއަށް ހީކުރެވުނީ އަރްހަމް ދެކޮޅު ހަދާނެކަމުގައެވެ. އެ ހިޔާލާއެކު އެ ހިތް ނުތަނަވަސްވާން ނެގީ މަދު ވަގުތުކޮޅެކެވެ.

" ނުބުނަމެންނު ވަޒީފާއަށް ނުދާށޭ، އެކަމަކު ކުރިން ބުނެލި ނަމަ". ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކޮށް އަރްހަމް ހުއްޓާލިއެވެ. އިތުރަށް އެއްޗެކޭ ބުނަން އުޅެފައި ވެސް ޔެލިޒް ނުރުހުންވެދާނެތީ އަރްހަމް ޖެހިލުންވިއެވެ. އެ ގުޅުން އެހާ ނާޒުކު ހިސާބެއްގައި ވަނިކޮށް އިތުރު މައްސަލައެއް ޖެހެން އެ ހިތް ނޭދޭތީއެވެ.

" ކީއްކުރަން ބުނަނީ؟ އަހަރެން ދައްކާ ވާހަކަ އަރްހަމް ގަބޫލު ނުކުރަމެންނު". ޔެލިޒް ބުނެލީ މަޑުމަޑުންނެވެ. އެ އަޑުގައި އެކުލެވިގެންދިޔަ އަސަރުން އަރްހަމްއަށް ނޭވާ ހިފަހައްޓާލެވުނެވެ. ކުރެވުނު ކަންތަކާ މެދު ވިސްނާލެވި ޔެލިޒް ކައިރިން މާފަށް އެދެން ހިތް ބޭނުންވިއެވެ. ޔެލިޒްއާ ކައިރިއަށް ފިޔަވަޅެއް އަޅާލަމުން އެ މޫނަށް އަރްހަމް ބަލާލިއެވެ. ނަމަވެސް ފަހަތަށް ޖެހޭކަށް ޔެލިޒް ނޫޅުނެވެ. އެހެނަސް އޭނާ އިސްޖަހާލިއެވެ. އަރްހަމްއަށް ވާހަކަދައްކަން ފުރުސަތު ދީގެން ހުރި ކަހަލައެވެ. އެކަމުން ލިބުނު ހިތްހަމަޖެހުމާއެކު އަރްހަމް މަޑުކޮށްލީ ޔެލިޒްއާ ނުހަނު ކައިރީގައެވެ.

ޖީބަށް ޖަހާލެވިފައިވީ ކަނާތް ހިއްލާ އެ އަތުން ޔެލިޒްގެ ކޯތާފަތުގައި އަރްހަމް ހިފެހެއްޓިއެވެ. މަޑުމަޑުންނެވެ. އެ ނާޒުކު އަންހެންކުއްޖާއަށް ތަދުނުވާނޭ ފަދައިންނެވެ. އަރްހަމްގެ އެ ހަރަކާތުން ޔެލިޒް ހުރީ ހައިރާންވެފައެވެ. އެ ލޮލުގައިވީ އަސަރާއި ޖަޒުބާތުން ބުނެދެނީ ކީކޭކަމެއް ނޭނގެއެވެ. އެ ބެލުމުގައިވީ އޯގާތެރިކަމެވެ.

އެހާ ކައިރިން ޔެލިޒްގެ މޫނު ފެނި އަރްހަމްއަށް ހިނިތުންވެވުނެވެ. ހުރިހާ ރީތިކަމެއް ހުސްކޮށްގެން ހުރި ފަންމިންޏެއް ފަދައެވެ. މޫނުގައި ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އިސްތަށިގަނޑަށް މާބޮޑު ގޮތެއް ހެދުމެއްނެތި ފަހަތަށް ގެންގޮސް ދައްޗަކުން ހަރުކޮށްފައި އޮތް ކަމެވެ. ކަންފަތް ކައިރިން ދެތިން އިސްތަށި މޫނުމައްޗަށް އެޅިފައި ހުރި ގޮތުން އެ މޫނުގައި އައިބެއް ނެތެވެ. ލައިގެން ހުރި ހުދު ކުލައިގެ ބްލައުޒްއާ ގުޅުވައިގެން އެ އަތާއި ކަރު ފަޅުފިލުވާފައިވީ ރިހި ކުލައިގެ ގަހަނާއިންނެވެ.

" އަރްހ..". ޔެލިޒްގެ ތުންފަތް މަޑުމަޑުން ހަރަކާތްކޮށްލިއެވެ. އެހެނަސް އެކަން މަނާ ކުރީ އަރްހަމްއެވެ. އެ ފުން ކަނޑެއްފަދަ ކަޅިއަށް ނަޒަރު ހުއްޓާލިގޮތަށް އަރްހަމްގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔަކަން ހުދު އޭނާއަށް ވެސް އިހްސާސް ކުރެވުނެވެ. މަލެއް ފަދަ އަންހެއްކުއްޖެކެވެ. އެ ހަށިގަނޑުގައިވި މީރު ވަސް އަރްހަމްގެ ނޭފަތުގައި ހަރުލާފައިވިއެވެ. ބޭއިހްތިޔާރުގައި އިހުނަށްވުރެ ޔެލިޒްއާ ކައިރިވެވުނީ އެކަމަށް ހިތް އެދުނު ވަރުންނެވެ. ވައަތުން ޔެލިޒްގެ ހިމަ އުނަގަނޑުގައި ވަށާލަމުން އަރްހަމް ބޮޑުވާއިނގިލިން އެ މޫނުގައި ބީހިލިއެވެ.

" އައިމް ސޮރީ ލިޒް". އަރްހަމް ބުނެލީ ކިރިޔާ ޔެލިޒްއަށް އަޑުއިވޭ ވަރަށެވެ. ސިއްރެއް ފަދައިންނެވެ. އަދިވެސް ޔެލިޒްގެ މޫނުގައިވީ ހައިރާންކަމެވެ. އަރްހަމްގެ އެ ގާތްކަމުން އުނދަގޫވެ ހުރެ ޔެލިޒްގެ ކޯތާފަތުގައި ހިފަހައްޓާލެވިފައިވީ އަތް ދުރުކޮށްލިއެވެ. އެސްފިޔަތަށް ތިރިކޮށްލަމުން އަރްހަމްއާ ނަޒަރު ކޮށްލި ހިނދު ހިންދިރުވާލެވުނެވެ.

" ގަޑި ޖެހެނީ. އަހަރެން ދާން ވެއްޖެ". މަޑުމަޑުން އަރްހަމްއާ ދުރުވެލަމުން ޔެލިޒް ބުނެލިއެވެ. ނަފްސަށް ވެރިވި ހިމޭންކަމާއެކު އެ މޫނުގައިވި އުޖާލާކަން ފޭދިއްޖެއެވެ. ކަންފަތުގައި ގުގުމައިގެން ދިޔަ އަރްހަމްގެ ހަޅޭކުގެ އަޑާއެކު ޔެލިޒް ފަސްއެނބުރުނެވެ. އިތުރަށް އެތަނުގައި ހުންނަން އެ ހިތް ނޭދުނީ ކަންނޭނގެއެވެ. އަތް ދަބަސް ނެގުމާއެކު އަވަސް ހިނގުމެއްގައި ގޮސް އޭނާ ކޮޓަރިން ނުކުތީ އަރްހަމްއަށް ބަލާލުމެއް ނެތިއެވެ.

ޔެލިޒް ދިޔުމާއެކު އަރްހަމްއަށް އިސްތަށިގަނޑުގައި ހިފަހައްޓާލެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ނަފްސުގެ މައްޗަށް އޮތް ބާރު ދޫވީތީ އެ ހިތް ނުތަވަސްވިއެވެ. ހާއްސަކޮށް ޔެލިޒްގެ ފަރާތުން ފެނުނު ދުރުކަމުން އެ ހިތަށް އުނދަގޫވިއެވެ. މިހާރު އޭނާއާ މެދު ޔެލިޒް ދެކޭނޭ ގޮތެއް ވެސް ނޭނގެއެވެ. ކޮންމެއަކަސް އެ އަންހެންކުއްޖާއާ މެދު ތަފާތު ނަޒަރަކުން ދެކެވިއްޖެކަމުގައި އަރްހަމްގެ ހިތް އެއްބަސްވިއެވެ.

އެޕާޓްމެންޓުން ނުކުމެވުމާއެކު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން ފާރުގައި ޔެލިޒް ހަށިގަނޑު ލައްކޮށްލީ ލިބިފައިވީ ހައިރާންކަމުންނެވެ. ސިކުނޑީގެ މަސައްކަތް ކުރުން އެވަގުތުކޮޅު ހުއްޓިފައިވި ކަހަލައެވެ. އަރްހަމްގެ ފަރާތުން އެ ފެނުނު ސިފައަކީ ޔެލިޒްއަށް އާ ކަމެކެވެ. އެ ގާތްކަމަކީ ޔެލިޒްއަށް މީގެ ކުރިން ކުރެވުނު އިހްސާސެއް ނޫނެވެ. އެހެނަސް އެކަމުން އޭނާއަށް ކުރުވީ އުނދަގޫ އިހްސާސެކެވެ.

************************

ސާއިފްގެ ރިސޯޓެއް ކަމަށްވާ " ކްރިސްޓަލް ބީޗް އެންޑް ސްޕާ" ގެ މައި ރެސްޓޯރެންޓުގައި އިން ކައިސަންގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނަށެވެ. ޕްލޭ ކުރަމުން ދިޔަ ވީޑިޔޯ ދެތިން ފަހަރު ބެލި އިރު ވެސް އެމޫނުން ފެންނަނީ ނުފިލާ ހިނިތުންވުމެކެވެ. އިރުކޮޅަކުން ފޯނުގައި ނަންބަރެއް ޖަހާލަމުން ކަންފަތުގައި ޖެއްސިއެވެ. އެކޮޅުން ފޯނު ނެގުމާއެކު ހަލޯއޭ ބުނެލި އިރު ވެސް އެ އަޑުގައި ޖޯޝެއްވިއެވެ.

" ކޮބާ ބުނި ޓާސްކް؟" ކައިސަން އަހާލިއެވެ. އެކޮޅުން ލިބުނު ޖަވާބުން އެ މޫނުގައިވި ހިނިތުންވުން ފޭދުނެވެ. މޭޒުމަތީ އޮތް އަތް މުށްކެވިގެން ދިޔައިރު ބުމަ ކައިރިކޮށްލިއެވެ.

" ކަލެއަށް ކީއް ތި ކުރެވެނީ؟ އޭނަ ގެއިން ނުކުންނާނެ ދޯ ކޮންމެވެސް ވަގުތެއްގަ. މި ވީޑިޔޯ އިން އެކަނި މަގޭ ހިތެއް ނުފުރޭނެ. ދެން ހަމަޖެހޭނީ ނަވަލް މަގޭ ހައްގަކަށްވީމަ". ތުނިކޮށް ބަހައްޓާފައި ހުރި ތުނބުޅީގައި އަތް ހިންގާލަމުން ކައިސަން ބުނެލިއިރު އެ ލޮލުގައިވީ މަސްތުކަމެވެ. ބޭގަރާރުވެފައި އިން މީހެއް ފަދައެވެ.

" އޯކޭ މައްސަލައެއް ނެތް! ހަފްތާއެއްގެ ތެރޭ ތި ކޮޅަށް ދެވޭނެ ކަމަށް މި ބަލަނީ. އޭރުން އަހަރެން ނަވަލް ކައިރިއަށް ދާނަން". ތުންފަތަށް ވެރިވި ހިނިތުންވުމާއެކު ކައިސަން ފޯނު ކަނޑާލިއެވެ. އެއާއެކު ދުރުގައި ހުރި މޭޒެއްގައި ތިބި ޖީނާއާއި މަންމަ ނެހާން އަށް ބަލާލިއެވެ. ޖީނާގެ މޫނުން ފާޅުވޭވޭ ހުރި ހިނިތުންވުން ފެނި ކައިސަންގެ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. މިހާރު އެ މައުސޫމު މޫނުން ފެންނަނީ އުފާވެރިކަމެވެ. ފާއިތުވެ ދިޔަ މާޒީ މަތިން އެ ޅަ ސިކުނޑި ހަދާން ނުވާ ފަދައެވެ. އެހެނަސް ކައިސަންގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެ ހިތުގައި އުފެދެން ފަށައިފައިވި އިހްސާސްތަކާމެދު ޖީނާ މާ ހިތްހަމަޖެހިދާނެއޭ އެ ހިތް ނުބުނަނީއެވެ. ނަމަވެސް ފަހަރެއްގައި އަރްޔަންގެ ހިތް ޖީނާގެ މައްޗަށް ލަންބުވައިލެވިއްޖެނަމަ ނަވަލްއަށްޓަކާ ކައިސަންގެ ހިތުގައިވާ ލޯތްބާ މެދު ޖީނާ ނުރުހުންނުވާނޭ ކަމުގައި ކައިސަން އަމިއްލަ ނަފްސަށް ވިސްނުވައިދިނެވެ. އެ ހިޔާލުތަކާއެކު އޭނާ ތެދުވީ ހަމަޖެހިފައިވާ ހިތަކާއެކީގައެވެ.

************************

ސިޑީގެ ހަރުފަތްތަށް ގިރާކުރަމުން މައްޗަށް އަރަމުންދިޔަ އަރްޔަންގެ ހަރަކާތްތަކުގައި ވަނީ ޖެހިލުންވުމެވެ. ފިނިވެފައިވާ ދެއަތްތިލަ ޖީބަށް ޖަހައިގެން ހުރެ ޓަކި ދިނީ އުމައިރްގެ ކޮޓަރީގައެވެ. ލަސްތަކެއް ނުވެ ދޮރު ހުޅުވިގެން ދިޔުމާއެކު އެތެރެއިން އުމައިރް ބޯ ދިއްކޮށްލިއެވެ.

" ކޮބާ އަޕްޑޭޓަކީ؟". އުމައިރް އަހާލީ ސޯފާގައި ހަމަޖެހިލަމުންނެވެ.

" ޖީން ދޯ، މި ކޮޅުގަ ވީ". އަރްޔަން ބުނެލިއެވެ. އުމައިރް ވަކި އެއްޗެކޭ ނުބުނެ ބަލާލިގޮތުން ވެސް އެ މޫނުގައިވި ކަންބޮޑުވުން އަރްޔަން ދެނެގަތެވެ.

" އަހަންނަށް ހީވަނީ ހަމަ ޖީންގެ އަތެއް މި ކަމުގަ ވެޔޭ. ނޫން ނަމަ ކައިސަން މި ހިސާބަށް ނައީސް. ނޫންތަ؟" އުމައިރް އަހާލުމުން އެކަމާ އެއްބަސްވުމުގެ ގޮތުން އަރްޔަން ވެސް ބޯ ޖަހާލިއެވެ.

" އަހަރެން ހީކުރީ ޖީންއަށް ފަހުން ވިޔަސް ވިސްނޭނެކަމަށް. އެދުވަހުގެ ހާދިސާ އެންމެ ރަނގަޅަށް އެނގޭނީ ވެސް ޖީންއަށް. ޔާންއަށް ނުދެވުނު ނަމަ އެފަކީރު މިހާރު އުޅޭނެ ހާލެއް ވެސް ނޭނގެ. އެވަރުން ވެސް ޝުކުރުވެރިވާން ވެސް ނޭނގުނު". އުމައިރްގެ އަޑުން އޭނާ ހިތްހަމަނުޖެހިފައި އިންވިރު އެނގެއެވެ.

" އެކަމަކު ވައި ނަވަލް؟ ޖީންއަށް ނަވަލް ނުވެސް އެނގޭނެ". ދެން ވެސް ވާހަކަދެއްކީ އުމައިރްއެވެ. އޭނާގެ ހިތުގައި އުފެދިފައިވީ ސުވާލުގެ ޖަވާބު ނުލިބެނީސް އެ ހިތަށް ލިބޭނޭ ހަމަޖެހުމެއް ނެތްކަން އުމައިރްއަށް އެނގެއެވެ. އެ ސުވާލާއެކު އަރްޔަން އިސްޖަހާލިއެވެ. އުމައިރްގެ ފަރާތުން ނަވަލްއާއި ކައިސަންގެ ގުޅުން ވީ އޭނާއަށް އެނގިފައެވެ. ފުރަތަމަ އެވާހަކަތައް ގަބޫލުކުރަން ދަތިވިޔަސް ލޮލުން ފެނުނު ހަގީގަތް ދޮގުކުރެވެން ނެތް ކަމުގައި އަރްޔަން ގަބޫލުކުރިއެވެ. ހަމަ އެއާއެކު ޖީނާގެ އަމާޒު ފަތްގަނޑަށް ނަވަލް ވީ ކީއްވެކަން ވެސް އޭނާއަށް އެނގުނެވެ. އެހެނަސް އެވާހަކަ އުމައިރްއާ ހިއްސާ ކުރަން އެ ހިތް އެއްބަސް ނުވިއެވެ. ޖެހިލުންވެފައި އިނދެވުމުންނެވެ. އުމައިރް ދެކޭނޭ ގޮތެއް ނޭނގޭތީއެވެ.

އެ ވާހަކައާ ގުޅިގެން ދެން ދެކެވުނު ވާހަކައެއް ވިއްޔާ ދެއްކީ ނުހަނު ސިއްރުންނެވެ. ފަހަރެއްގައި ވެސް އެ ވާހަކަތައް އިތުރު މީހަކަށް އިވެން އެ ޒުވާނުން ބޭނުންނުވާތީއެވެ. އިރުއޮއްސުނު ފަހުން އަރްޔަން ނުކުތް އިރު އެ ހިތްވީ ހާސްކަމެއްގެ ތެރޭގައެވެ. ނަވަލްއަށް ދިމާވި ގޮތުގެ ޒިންމާ ނަގަން ޖެހޭނީ ހުދު އަރްޔަން ކަމުގައި ހީކުރެވުނެވެ. ޖީނާ އެދުނު ފަދައިން އެ ލޯބި އަރްޔަން ގަބޫލު ކުރި ނަމަ ނަވަލްއަށް އެ ހާލު ނުޖެހުނީސްކަން އަރްޔަންއަށް ޔަގީނެވެ. އެ ހިޔާލުގައި ހުރެ ގެއިން ނުކުތުމަށްފަހު ވެސް އަރްޔަން މަޑުކޮށްލިއެވެ. އަވަސް ވެފައިވާ ހިތް ހަމައަކަށް އެޅުވުމުގެ ނިޔަތުގައެވެ. ދެލޯ މަރާލުމަށްފަހު އޭނާ ދޫކޮށްލީ ފުން ނޭވާއެކެވެ. އެގޮތުގައި ހުރެ ފަސްއެނބުރި މައްޗަށް ބަލާލީ ނަވަލްގެ ކޮޓަރި ފެންނާނޭހެންނެވެ.

ލިބުނު ސިހުމާއެކު އަރްޔަންގެ ދެލޯ ބޮޑުވީ ކުއްލިއަކަށެވެ. ގެންނާނޭ ހަރަކާތެއް ނޭނގި ހުރެވުނީ އިރުކޮޅަކަށެވެ. އެނބުރި ގެއަށް ވަނުމަށް ދުއްވައިގަތް އިރު އެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ.

= ނުނިމޭ =

Ads by Ooredoo
  1. ައައިންތު

    ރީތި، އެކަމަކު 22 އަދި 23 ވަނަ ބައި ވަރަށް ކުރު، އުއްމީދު ކުރަން 24 ވަނަ ބައި އެކަށީގެންވާ ވަރަށް ދިގު ކޮށް އަޕްލޯޑް ކުރާނެ ކަމަށް.
    ޝުކުރިއްޔާ.