ޚަބަރު އިޖުތިމާޢީ

ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ ހުރިހާ އެންމެން ވެސް މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން: ފައިޞަލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ނައިބު ރައީސް ފައިޞަލް. ފޮޓޯ: ރައީސް އޮފީސް

ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކަކުން ވެސް މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެ މަނިކުފާނު މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ ޕްރައިމަރީ ސްކޫލުކަމަށްވާ ''ކާމިލްދީދީ ޕްރައިމަރީ ސްކޫލް'' ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވިދާޅުވީ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދަކާއި ޔަޤީންކަމަކާއި އެކުގައި ކަމަށާއި, އެ ކުދިންނާއި މެދު ޤައުމު ވެސް ފޮނި އުންމީދުތަކެއް ކުރާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ ޤައުމު ބޭނުންވާފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ ހުރިހާ ފަރާތްތަކަކުން ވެސް, އެ ފަރާތްތަކާއި ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ތަޢުލީމީ ހަޔާތް ނިންމާފައި ނުކުންނަ ދަރިވަރުންނަކީ، ދިރިއުޅުމަކަށް ތައްޔާރުވެފައިވާ މަސައްކަތް ދަސްކޮށް, މުޖުތަމަޢުއަށް އަހުލުވެރިވެފައިވާ, ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ ދަރިވަރަކަށް ވާންޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ދަރިވަރަކީ
އުފެއްދުންތެރި އަމިއްލަ މަސައްކަތުން ދިރިއުޅެވޭނެ ދަރިވަރަކަށްވެސް ވާންޖެހޭނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވެން އޮތީ މުޅި މުޖުތަމަޢުއިން ޒިންމާ އަދާކޮށްގެން ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހުޅުވި މި ސުކޫލަކީ ތަޢުލީމީ ދާއިރާއަށާއި, ދިވެހި އަދަބިއްޔާތަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަޙްމަދު ކާމިލްދީދީގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާ ސުކޫލެކެވެ.

ފައުންޑޭޝަން ލެވެލްއިން ފެށިގެން ގުރޭޑު ހަޔަކާހަމައަށް ކިޔަވައިދޭ މި ސްކޫލުގައި 824 ދަރިވަރުން ތަޢުލީމު ހާސިލު ކުރާއިރު, މުދައްރިސުންނާއެކު ޖުމުލަ 65 މުވައްޒަފުން މި ވަގުތު މަސައްކަތް ކުރައްވަމުން ގެންދަވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!