ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔުމާއެކު ބޭރުގައި ހުރި މީހަކު ނަވަލްއަށް ފެނުނެވެ. އެ މޫނުން ފާޅުވެގެން ދިޔައީ ހިސާބެއްގެ ހައިރާންކަމެވެ. އެހެނަސް އިސްޖަހާލަމުން އެއް ފަރާތަށް ޖެހިލީ ބޭރުގައި ހުރި ކުލްސޫމްއަށް އެތެރެއަށް ވަނުމަށް ޖާގަ ދެމުންނެވެ.

Ads by Sosun Fihaara

*********************

ކޮޓަރިއަށް ވަދެ އެނދުގައި ކުލްސޫމް އިށީނުމުން ވެސް ނަވަލްއަށް ހުރެވުނީ ކޮޅަށެވެ. އިސްޖެހިފައި ހުރި އިރު މަންމައާ ކުރިމަތިލާނޭ ގޮތެއް އެ ސިކުނޑިއަކު ނެތެވެ. އެކި ދުވަސްތައް މަތިން ކުލްސޫމް ދީފައިވާ ނަސޭހަތްތަކާ މެދު ވިސްނާލެވުނުން ނަވަލްގެ ލޯ ފުސްވީ ކަރުނުންނެވެ.

" ކިހާ ދުވަހެއް ވެއްޖެ؟". ކުލްސޫމްގެ އަޑު ކަންފަތުގައި ޖެހުމުން ނަވަލް އިސްއުފުލާލިއެވެ. އެ ބުނީ ކީކޭ ކަން އެނގުނަސް އޭނާއަށް އޭގެ ޖަވާބު ބުނަން ދަތިވިއެވެ.

" ނޭނގެ".. ނަވަލްގެ ޖަވާބު ލިބުމުން ކުލްސޫމްއަށް ލޯ މަރާލެވުނީ ހިތަށް ކޮށްފައިވި އަސަރުންނެވެ. މިއީ ނުބައިވެގެންވާ ހުވަފެނަކަށް ވި ނަމައޭ ހާސްފަހަރު އެ ހިތަށް އަރައިފިއެވެ. އެހެނަސް ހަގީގަތް ބަދަލުނުވާނޭކަން ހުދު އޭނާއަށް ވެސް އެނގެއެވެ. ލޮލުގެ ކޮއި ފަދައިން ބެލެހެއްޓި އަންހެންދަރިފުޅު އެފަދަ އަމަލެއް ކުރުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ ހުއްޓުމެއް ނެތިއެވެ. ކުލްސޫމް، ނަވަލްއަށް ދަސްކޮށްދޭން ބޭނުންވި އުޅުމަކީ އެޔެއް ނޫނެވެ.

ބަސްހުއްޓިފައި އިން މަންމައަށް ބަލަން ހުރި ނަވަލްގެ ބަޑި ފަޅައިގެން ދިޔައެވެ. ހުރި ތަނަށް ތިރި ވެވުމާއެކު އެ ވޭނީ ރުއިމުގެ އަޑު އިވެން ފެށިއެވެ. ކުލްސޫމްއަށް ބަލާލެވުނީ ހިތްދަތިވެފައެވެ. އެ މައި ލަނގޮޑިއަށް ވެސް ކެތް ނުކުރެވުނީއެވެ. އެނދުން ތެދުވެ ގޮސް ނަވަލްގެ ކޮނޑުގައި ހިފައި ނެގި އިރު އެ ދެލޯ ވެސް ފެންކަޅިވެފައި ވިއެވެ. ހުރި ހަމައެކަނި އަންހެން ދަރި އިން ހާލު ފެނި އެ ހިތްވީ ފިސްވިސް ވެފައެވެ.

" ހުއްޓާލާ ދަރިފުޅު!! މިއީ ތައުބާވާން ލިބުނު ފުރުސަތެއް ކަމުގަ ބަލާ! ދުނިޔޭގެ އެކި އިންސާނުންނާ ދިމާވާނީ އެކި އިމްތިހާނު. މި މަންމަ މި އައީ ދަރިފުޅަށް މާފް ކުރަން. އެކަމަކު ނަވަލް ވައުދުވޭ! ވައުދުވޭ އިތުރަށް މި މަންމަގެ ހިތް ހަލާކު ނުކުރުމަށް!!" ރޮވިފައި އިނދެ ކުލްސޫމް ބުނެލިއެވެ.

" އަހަރެން ވައުދުވަން! ދުވަހަކުވެސް މަންމަ ހިތުގަ ޖެހޭ ފަދަ ކަމެއް ނުކުރާނަން. މި ދަރިފުޅަށް އިހުމާލެއް ނުވާނަން. މަންމަ އަޅުގަނޑާ އެކު ވާނަމަ އިތުރަށް އަޅުގަނޑު އެދޭނެ އެދުމެއް ނެތް. ތި އޯގާތެރިކަން ނޫން އެއްޗަކަށް އަޅުގަނޑު ނޭދެން. މަންމަގެ ވާހަކަތަކަށް ބީރު ކަންފަތެއް ދެވުނީ އަޅުގަނޑުގެ މޮޔަ ކަމުން. މި ދަރިފުޅަކީ އަޅުގަނޑުގެ ހަޔާތަށް އައި އަލިކަމެއް. ނޫރެއް. އިންޝާﷲ. މާތްﷲ އަކީ އެންމެ އޯގާވަންތަ ރަސްކަލާނގެ. މި ތުއްތު ފުރާނައަކީ އެކަލާނގެ ހަވާލުކުރައްވަވާފައިވާ އަމާނާތެއް." ކަރުނައިގެ ތެރެއިން ވެސް ނަވަލްއަށް ހިިނިތުންވެވުނެވެ. ކުލްސޫމްގެ މާފު ލިބުނުކަން ޔަގީންވެ އެ ހިތަށް ލިބުނީ ނުހަނު ބޮޑު ހަމަޖެހުމެކެވެ.

" މަންމަ ނާހާނަން ތި ދަރިފުޅުގެ ބައްޕައަކީ ކާކުތޯއެއް. އެކަމަކު މަންމަ ބޭނުން އެއްޗެއް އޮޅުންފިލުވަން." ކުލްސޫމް ބުނެލިއެވެ. ކުރިމަތިވާން އުޅޭ ސުވާލު ޔަގީނާއި ގާތަށް އެނގި ހުރެ ނަވަލް ބޯ ޖަހާލިއެވެ.

" އެ މީހާއަށް އެނގޭތަ ތިކަން؟ އޭނަ ބޭނުންވޭތަ ދަރިފުޅާ ކައިވެނި ކުރަން؟". ކުލްސޫމް އަހާލިއެވެ. ނަވަލްގެ މޫނަށް ވެރިވި ކުލަތަކާ އެ ހިމޭންކަމުން ކުލްސޫމްއަށް ޖަވާބު ލިބުނު ފަދައެވެ. ދަރިފުޅުގެ އަތުގައި ހިފާލަމުން ބޯ ޖަހާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އެހެނަސް ކުލްސޫމްގެ ހިތުގައި އަދިވެސް ރިއްސަނީއެވެ. ދަރިން ބޮޑެތިވުމުން އޭނާ ދެކެން ބޭނުންވީ މި ދުވަހެއް ނޫނެވެ. އިސްލާމީ ރިވެތި އުސޫލުތަކުގެ މަތިން އެ ކުދިން ބޮޑެތި ވުމީ ކުލްސޫމް ދުށް ހުވަފެނެވެ. އެހެނަސް އެ ކުދިންގެ އަމިއްލަ ވިސްނުމުގެ މައްޗަށް ދިރިއުޅުން ބައްޓަން ކުރީއެވެ. ކުލްސޫމްގެ ނަސޭހަތްތަށް އިވި އިވެ ބޭކާރު އެއްޗެއްކަމުގައި ގަބޫލު ކުރީއެވެ.

އެހެނަސް ނަވަލް އެހާލައިގެން އެކަނި ދޫކޮށްލަން އެ ހިތް ދެކޮޅު ހެދީއެވެ. އުމައިރްގެ ވާހަކަތަކުން ހިތްވަރު ލިބިގަތީއެވެ. އެއީ މާތްﷲ އޭނާގެ މައްޗަށް ފޮނުއްވި އިމްތިހާނެއް ކަމުުގައި ގަބޫލުކުރެވުނީ އުމައިރްގެ ސަބަބުންނެވެ. މިއަދު ނަވަލް އުޅޭނޭ ހާލު ކުލްސޫމްއަށް އިހްސާސް ކުރެވެއެވެ. އެ އަންހެންކުއްޖާގެ ހަށިގަނޑާއި ހިތުގައި އަޅާނޭ ވޭން ތަސައްވަރު ކުރެވެއެވެ. ވީއިރު އެ ދަރިފުޅަށް ބޭނުންވަނީ ކުލްސޫމްއެވެ. އެހެން ނޫނީ އެއަށްވުރެ ގޯސްމަގެއް ނަވަލް އިހްތިޔާރު ކޮށްފާނޭ ކަމުގެ ބިރު ކުލްސޫމްގެ ހިތުގައި ވިއެވެ.

" ހިނގާ ކާން ދާން. ދަރިފުޅަށް ކޯއްޗެއް ކެވޭނީ؟ މަންމަ ކައިރީ ނުބުނެ ނުހުންނާތި. މި އިމްތިހާނާ ކުރިމަތިލާނީ ދަރިފުޅު އެކަނި ނޫން.". ނަވަލްގެ އަތުގައި ހިފައި އެނދުން ތެދުކުރުވަމުން ކުލްސޫމް ބުނެލިއެވެ. ނަވަލްގެ ލޮލުގައި ބޮނޑިވެގަތް ތާޒާ ކަރުނަ ކުލްސޫމް ދުށްޓެވެ. އެހެނަސް އެއީ ހިތާމައިގެ ކަރުނަ ނޫންކަން އޭނާއަށް އެނގެއެވެ.

" ތިހާ ރަނގަޅު މަންމައަށް ހުރެމެ އަޅުގަނޑަށް އެކަން ކުރިން ނުވިސްނުނީ ކީއްވެ؟" ނަވަލްއަށް ބުނެލެވުނެވެ. ހަގީގަތުގައި ވެސް ކުލްސޫމްގެ މުހިންމުކަން އޭނާއަށް އިހްސާސް ކުރެވިއްޖެއެވެ. އެ މައިމީހާއާ ނުލާ ދުނިޔޭގައި އުޅޭނެ ގޮތެއް ތަސައްވަރު ކޮށްލަން ވެސް އެވަގުތުކޮޅު ނަވަލްއަށް ދަތިވިއެވެ. ކުލްސޫމްގެ ހަށިގަނޑުގައި އޭނާ ބައްދާލީ އެހެންވެއެވެ.

*************************

ހެނދުނު އޮފީހަށް ނުކުތް ގޮތަށް އަރްހަމް ފެންނަނީ ނުހަނު ބުރަކޮށް އުޅޭ މަންޒަރެވެ. މޭޒުމަތީ ބަހައްޓާފައި ހުރި ލޭންޑްލައިން ނަންބަރުން މިހާރު ދެތިން ފަހަރު މީހަކަށް ގުޅައިފިއެވެ. އެ ތޫނު ނަޒަރު ހުއްޓިފައިވީ ކުރިމަތީ ހުރި ލެޕްޓޮޕުގެ ސްކްރީނަށެވެ. ލިޔެފައިވި ސުރުހީ އަދިވެސް އެއްފަހަރު ކިޔާލި އިރު އެމޫނުން ހިސާބެއްގެ ނުތަވަސްކަމެއް ފާޅުވާން ހުއްޓެވެ.

" ހީވޭތަ ސަނާ މި ހަބަރު ޕަބްލިޝް ކުރިޔަދޭނެހެން؟". އަރްހަމް އަހާލީ ކައިރީ އިން ނޫސްވެރިޔާ ޝަމާއިލް ކައިރިންނެވެ.

" ކުރަން ޖެހޭނީ މި ފަހަރު. ސާއިފް އަކީ މިހާރު އަހަރެމެންގެ ސްޕޮންސަރ އެއް ވެސް ނޫން. އެހެން ނޫނަސް ހުރިހާ ނޫސްތަކަށް ވެސް ތި ހަބަރު އަރައިފި. ވަކި އަހަރެމެން ނުލިޔަންވީ ސަބަބެއް ނެތް. ސާއިފް ނުކުރާ ކަމެއް ކަމުގައި ބުންޏަސް އެ އަންހެންކުއްޖާ ހިޔެއް ނުވޭ އެވަރު ދޮގެއް ހަދާނެހެންނެއް. އެ މޫނުން ފެންނަނީ ދޮގު ހަދާ މީހެއްގެ މޫނުން ފެންނާނޭ އަސަރުތަކެއް ނޫން. " ޝަމާއިލް ބުނެލުމުން އެކަމާ އެއްބަސް ވުމުގެ ގޮތުން އަރްހަމް ބޯ ޖަހާލިއެވެ.

ދުވަހުގެ އިރުއެރީ ގޭގައި ގެންގުޅޭ ބޭރު އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ސާއިފްގެ މައްޗަށް ކުރެވިގެންނެވެ. ސޯޝަލް މީޑިޔާގެ ފަލަ ސުރުހީތަކުގައި އެ ވާހަކަ ވީއިރު ސާއިފް އެކަން ދޮގު ކުރިއެވެ. މަހަލް އަށް ވެސް ލިބިފައިވީ ޝޮކުގައި ހުރެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. އެހެނަސް މަހަލް ހުރީ ސާއިފްއާ އެއްކޮޅަށެވެ. އިންތިހާބު ކައިރިވެފައި ވުމުން ބަޔަކު މީހުން ރޯޒީ ލައްވާ ދޮގު ވާހަކަތަކެއް ކަމުގައި ބުނެ މަހަލް ހުރީ ނޫސްތަކަށް ބަޔާން ދޭން ވެސް ތައްޔާރަށެވެ. މަހަލްއާ ހިލާފަށް ނެހާން އެކަމާ ގުޅިގެން އެއްޗެކޭ ނުބުނުންވީ ސާއިފްއަށް ހައިރާންކަން ގެނުވި ކަމަކަށެވެ. އެވަރު ބޮޑު ވާހަކައެއް ދެކެވޭ އިރު ނެހާންގެ ކަންފަތަށް އެވާހަކަތަށް ނުފޯރާ ނުހުންނޭނެކަން ސާއިފްއަށް ގައިމެވެ. އެހެނަސް އެކަމާ ގުޅިގެން ސުވާލެއް ނަމަވެސް ނެހާން ނުކުރުމުން އޭނާއަށް ހުރެވުނީ ގަބޫލު ކުރަން އުނދަގޫވެފައެވެ.

އިޔާޒްގެ ފޯނު ކޯލު ލިބުނީ މެންދުރު ނަމާދުން ފޭބި ފަހުންނެވެ. ދެ ހަފްތާއަށް ރާއްޖެއިން ބޭރުގައި އުޅުމަށްފަހު އިޔާޒް ރާއްޖެ އައީ ދެ ދުވަސް ކުރިންނެވެ. އެހެނަސް ވިޔަފާރީގެ ކަންކަން ހުރިގޮތުން އަރްހަމްއާ ބައްދަލުކުރުމުގައި އިޔާޒްއަށް ލަސްކުރެވުނީއެވެ.

ދެބަފައިން އެކުގައި ގޮސް ވަނީ މަޝްހޫރު ރެސްޓޯރެންޓަކަށެވެ. ކާތަކެއްޗަށް އޯޑަރު ކުރުމަށްފަހު ކުރިމަތީ އިން އަރްހަމްއަށް އިޔާޒް ބަލާލީ ފަރުވާތެރި ނަޒަރަކުންނެވެ. ދަރިފުޅުގެ މޫނު މަތިން ފެންނަން ޖެހޭ އުފާވެރިކަން އަރްހަމްގެ މޫނުން އިޔާޒްއަށް ނުފެނުނީއެވެ. އެކަމާ ސުވާލު ކުރަން އުޅެފައި ވެސް ފުރަތަމަ އަރްހަމްގެ ސުވާލުތަކަށް ޖަވާބު ދޭން އިޔާޒް ނިންމިއެވެ.

" ކިހިނެތް ޔެލިޒްއަށް އެނގުނީ؟" އިޔާޒް އަހާލިއެވެ. ހީކުރި ގޮތަށް އަރްހަމްގެ ފަރާތުން އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ.

" ދަރިފުޅު ހަނދާން ހުންނާނެ މީގެ ތިން މަސް ކުރިން ބައްޕައާއި ސަލްމާން ބެންގަލޫރަށް ކުރި ދަތުރު. ހަގީގަތުގައި އެއީ ވިޔަފާރި ދަތުރެއް ނޫން. އަސްރާއަށް ނޭނގުނަސް ސަލްމާން ބަލިވާން ފެށީ ކުއްލިއަކަށް. އޮފީހުގައި ހުންނަ އިރު އަބަދު ވެސް މީހާ ފެންނަނީ ފިކުރުބޮޑުވެފައި ހުންނަ މަންޒަރު. ބައްޕަމެން ބޭއްވި ވަރަށް ބޮޑު މީޓިން އެއްގަ ފުރަތަމަ ސަލްމާން ވެއްޓުނީ. ވަގުތުން މީޓިންގް ކެންސަލްކޮށް ސަލްމާން ހޮސްޕިޓަލަށް ގެންދެވުނު. ނަސީބަކުން މާ ގިނަ އިރުތަކެއް ނުވެ ހޭއަރައިފި. އަސްރާ ކައިރިން އެ ވާހަކަ ނުބުނުމަށް ސަލްމާން އެދުމުން ބައްޕަ ވެސް އެކަމާ ނޫޅެން. ބައްޕައާ އަސްރާއާ މާ ގާތް މީހުންނަށް ނުވާތީއާ ވެސް އެކުގަ. އެދުވަހު ސަލްމާންގެ ބައެއް ޓެސްޓުތައް ހެދުމަށްފަހު ޑޮކްޓަރު ލަފާދިނީ ވީހާ ވެސް އަވަހަކަށް ބޭރަށް ފުރުމަށް. ބުނި މައްސަލައެއް އުޅޭހެން ހީވެއޭ. އެކޮޅަށް ގޮއްސަ ރަނގަޅު ޑޮކްޓަރަކަށް ދައްކާލީމައޭ އެނގޭނީ. ސަލްމާންގެ ހަށިގަނޑުން ފެނުނު ބައެއް އަލާމާތްތަކަށް ބަލާފަ ޑޮކްޓަރު ބުނި ނުރައްކާތެރި ބައްޔެއްގެ އަލާމާތޭ. ބެންގަލޫރަށް ގޮސް ހެދި ޓެސްޓުތަކުން ޔަގީންވި ސަލްމާންގެ ހަށިގަނޑުގައި ލޭގެ ކެންސަރު ހުރިކަން. އޭރު ސަލާމަތް ކުރެވޭ ވަރަށް ވުރެ ބޮޑު ވަރު ވެއްޖެ. ދެވެން ހުރި ފަރުވާއެއް ވިއްޔާ ސަލްމާންއަށް ކުރި. ޑޮކްޓަރުންގެ މާ ބޮޑު އުންމީދެއް ވެސް ނެތް. މިހާރު ވެސް މަހަކު އެއްފަހަރު ހެން މިދާ ދަތުރުތަކަކީ އެ ބޭނުމުގައި ކުރެވޭ ދަތުރުތައް. ސަލްމާން އަކީ ވަރަށް ހިތްވަރުގަދަ މީހެއް. ޔެލިޒްއަށްޓަކާ ސަލްމާން ބޭނުންވީ އެ ދަރިފުޅު ރައްކާތެރިކަމާއެކު ބަލަހައްޓައިދޭނޭ ފަރާތެއް. އެއްވެސް އިރެއްގައި ސަލްމާން ބޭނުންވި ކަމެއް ނޫން ޔެލިޒްއަށް ކައިވެނި މަޖުބޫރު ކުރުމަކީ. ސަލްމާން ހުރީ އަޖައިބު ވެފަ އެއްވެސް ސުވާލެއް ކުރުމެއްނެތި ކައިވެންޏަށް އެއްބަސް ވުމުން. ބައްޕައާ ސަލްމާންއަށް ވެސް އެނގޭ ތި ދެކުދިން އެކަކު އަނެކަކު ދެކެ ލޯބި ނުވާކަން. އެއީ ދަރިފުޅުމެންނަށް ދެވުނު އަނިޔާއެއް ކަމުގަ ވަނީނަމަ ބައްޕަ މާފަށް އެދެން". އިޔާޒްގެ ވާހަކަތަކުން އަރްހަމް އިނީ ހައިރާންވެފައެވެ. އެއާއެކު އެ ހަބަރު ޔެލިޒްއަށް ލިބިއްޖެނަމަ ވާނެގޮތް ހިތަށް އަރުވާލުމުން އެތެރެހައްޓަށް ފިނިވި ކަހަލަ އިހްސާސެއް އޭނާއަށް ކުރެވުނެވެ.

" ބައްޕަ ތި ބުނީ ސަލްމާންބެ ސޭވް ނުކުރެވޭނޭތަ؟" އަރްހަމް އަހާލިއެވެ.

" ބައްޕައަށް ތި ސުވާލުގެ ޖަވާބު ދޭން ނޭނގެ. ބަލިތަކަށް ޝިފާ ދެއްވާ ރަސްކަލާނގެއަކީ މާތްﷲ. ސަލްމާންގެ ހަށިގަނޑުގައި ކެންސަރުގެ ސެލްތަށް ހަލްޤު ކުރެއްވި ރަސްކަލާނގެ އެއީ. އެހެންވީމަ އެކަލާނގެ ރަސްކަންފުޅާއެކު އެ ބަލިން ސަލްމާން ރަނގަޅު ވެސް ވެދާނެ. ދުޢާ އަކީ ހުރިހާ ކަމެއް ވެސް ރަނގަޅު ވުން." އިޔާޒް ބުންޏެވެ. އަރްހަމް ވެސް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

" ދެން ބުނެބަލަ! ޔެލިޒްއާ ދެކުދިންގެ ގުޅުން ރަނގަޅުތަ؟ ކައިވެނި ކުރިފަހުން ގެއަށް ވެސް ނާންނާތީ މަންމަ ވަރަށް ސުވާލު ކުރޭ. ކުރިން ދުވަހު ވެސް ދަރިފުޅު ދާނަމޭ ބުނެފަ ނުދިޔައިމަ މަންމަ ހުރީ ދެރަވެފަ. ޙުއްބާ ވެސް އަންނަނީ މަދު ފަހަރެއްގަ. ދަރިން ބޮޑެތި ވީމަ ދެން ވާނީ ވެސް މިހެން". ހިނިތުންވުމަކާއެކު އިޔާޒް ބުނެލިއެވެ.

" އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދާނަން. ޔެލިޒް ވެސް މިހާރު ވަޒީފާގަ އުޅޭތީ ބިޒީ ވަނީ". ކޮންމެވެސް ކޮޅެއްގައި ވާހަކަ ޖެއްސުމުގެ ނިޔަތުގައި އަރްހަމް ބުނެލިއެވެ.

އޯޑަރު ކުރި ކާތަކެތި ގެނައުމާއެކު އެވާހަކަ މެދުކެނޑުނެވެ. ދެން ދެކެވުނީ ވިޔަފާރީގެ ވާހަކަތަކެވެ. އަރްހަމް ވެސް ތައާރަފް ކުރަން އުޅޭ އޭނާގެ އަމިއްލަ ނޫހުގެ ވާހަކަ އިޔާޒްއާ ހިއްސާކުރިއެވެ. އެ ނޫހުގެ މަސައްކަތަށް މިހާރު އެއްކޮށް ނިމިފައިވާ އިރު ދެން އޮތީ ނޫހުގައި މަސައްކަތް ކުރާނޭ ކުދިން ހޯދުމެވެ.

******************

އޮފީސް ނިންމާލުމަށްފަހު އަރްހަމްއަށް ގެއަށް ދެވުނު އިރު ހަތަރުގަޑި ބައި ވާން ކައިރިވަނީއެވެ. އެވަގުތަކީ ޔެލިޒް ވެސް އޮފީސް ނިމޭނެ ވަގުތުކަން އެނގޭތީ ޔެލިޒް ބަލާދިޔުމަށް ހިތް އެދުނެވެ. ހާއްސަކޮށް އިޔާޒްގެ ފަރާތުން އެނގުނު ވާހަކަތަކަށްފަހު އެ ހިތުގައި ޔެލިޒްއަށްޓަކާ އުފެދިފައިވީ މީގެ ކުރިން ނެތް ހަމްދަރުދީއެކެވެ. އެ އަންހެންކުއްޖާގެ ސިކުނޑީގައި ހިނގާނޭ ކަންކަން އަންދާޒާ ކޮށްލެވޭ ކޮންމެ ފަހަރަކު އެ ހިތް ރޫރޫ އަޅާހެން ހީވެއެވެ. ވިސްނާލެވުމުން ޔެލިޒް ބޭސް ބޭނުން ކުރާ ސަބަބު ވެސް އަރްހަމް އަށް ފަހުމްވިއެވެ. އެ ހިޔާލުތަކާ ދުރުވުމުގެ ގޮތުން ޔެލިޒް ކުރާ ކަމެއްކަން އެނގުނު ހިނދު އަރްހަމްއަށް އަމިއްލަ ނަފްސު ކުރެވުނެވެ. އެއްވެސް ހަގީގަތެއް ނެތް އިލްޒާމްތަކެއްގެ ޝިކާރައަކަށް އޭނާ ޔެލިޒް ހެދީ އެއްވެސް ރަހުމެއް ނެތިއެވެ. ހިތުގައި ކުޑަ ނަމަވެސް އޯގާތެރިކަމެއް ވީނަމަ އެފަދައިން ޔެލިޒްއާ މެދު އަރްހަމް ކަންތައް ނުކުރާނޭ ކަމުގައި ހުދު އަމިއްލައަށް ވެސް އަރްހަމްއަށް އެއްބަސް ވެވުނެވެ.

ހިޔާލުތަކުގައި ހުރެ ގެއަށް ދެވުނު އިރު ގޭގައި ޔެލިޒް އުޅެއެވެ. އަރްހަމްއަށް ބަލާލަމުން ލުއި ހިނިތުންވުމެއް ހަދިޔާކޮށްލި ގޮތުން ހިތަށް ފިނިކަމެއް ލިބުނީ ކީއްވެކަމެއް އަރްހަމްއަށް ނޭނގުނެވެ. އެހެނަސް އެކަންވީ އޭނާ ގަޔާވި ކަމަކަށެވެ.

" ސައި ހަދަންތަ؟". ޔެލިޒް އަހާލިއެވެ. ބޯ ޖަހާލަމުން އަރްހަމް އަވަސް ވެގަތީ ލައިގެން ހުރި އޮފީސް ހެދުން ބަދަލުކުރުމަށެވެ. ފަސް ވަރަކަށް މިނިޓް ފަހުން އަރްހަމް އައި އިރު ސައި ތައްޔާރު ކޮށްފައި ޔެލިޒް ހުއްޓެވެ.

" ޔެލިޒް ސައި ނުބޮންތަ؟". އަރްހަމް އަހާލީ މޭޒުމަތީ އެންމެ ސައިތަށްޓެއް ބަހައްޓާފައި ހުރުމުންނެވެ.

" މިވަގުތު ސައިބޯ ހިތެއް ނެތް" ޔެލިޒް ބުނެލިއެވެ. އެހެނަސް އެގޮތާ އަރްހަމްއަށް އެއްބަސް ނުވެވުނެވެ.

" ނޫން. ކޮންމެވެސް ކާން ވާނެ. ނޫނީ އަހަރެން ކައި ނިމެންދެން މަޑުކޮށްލަންވީ އެންނު. އަސްލު އެކަނި އިނދެ ކެއުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަނިވެރި އިހްސާސެއް ކުރުވާ ކަމެއް. ޔެލިޒްއަށް ވަގުތު އޮތް ނަމަ މަޑުކޮށްލެވިދާނެތަ؟" އަރްހަމް އަހާލިއެވެ. އޭނާގެ ބޭނުމަކަށްވީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ނަމަވެސް ޔެލިޒް ކައިރީގައި ބޭންދުމެވެ. ދެމެދުގައި އެކުވެރިކަން އުފެއްދުމެވެ.

އަރްހަމްއަށް ބަލަން ހުރުމަށްފަހު ޔެލިޒް ގޮނޑިއެއް ދަމާލައިގެން އިށީނދެއްޖެއެވެ. އެހެނަސް ކާ އެއްޗެއްގައި އަތްލާން އޭނާ ނޫޅުނެވެ.

" ޔެލިޒް ތައްޔާރު ކުރި ކޭކެއްތަ މި؟" އަރްހަމް އަހާލުމުން ޔެލިޒް ބޯ ޖަހާލިއެވެ. އެހިނދު އަރްހަމްގެ ދުލުން އޮއްސާލި ތަޢުރީފުގެ ބަސްތަކާއެކު ޔެލިޒްއަށް ހިނިތުންވެވުނެވެ.

" " ތިއީ ބައްޕައަށް ވަރަށް މީރު ކޭކެއް. ހުންނާނެ ތަށްޓަކަށް ނަގާފަ. މިރޭ ގެއަށް ގޮސްލަން ކަމަށް މި އުޅެނީ. އަރްހަމް ވެސް ދާނަން ދޯ". ޔެލިޒް އަހާލިއެވެ. އެ ދެމެދުގައި ގުޅުމެއް ނެތަސް އެކަން މީހުންގެ ލޯތަކަށް ވަންހަނާ ކުރަން ޔެލިޒް ބޭނުމެވެ. އަރްހަމްއަށް އެކަން ވިސްނި އެއްބަސްވީ އޭނާ ވެސް ބޭނުންވާ ގޮތަކީ އެއީ ކަމަށް ވީތީއެވެ. އެހެނަސް އަރްހަމްއަށް ފާހަނގަވީ މި ފަހަރު ހަގީގަތުގައި ވެސް ޔެލިޒްއާ އެކު އޭނާ ދާން ބޭނުންވި ކަމެވެ.

ފަހަކަށް އައިސް ޔެލިޒްއާ މެދު ދެކެވޭ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާ ހެން އަރްހަމްއަށް ހީވިއެވެ. އޭނާއަށް ނޭނގުނީ އެ އިހްސާސްތަކަށް ދޭނޭ ނަމެކެވެ. ވިސްނަން ބޭނުން ނުވިޔަސް އެ ހިތުގައި އަބަދުމެ ވަނީ އެ ނަމެވެ.

**********************

އޮފީހުގެ ކެބިންގައި އިން ސާއިފްގެ މޫނުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ފޯނުން ހުޅުވާފައިވި ހަބަރުން އޭނާ ބަލާލީ ސުރުހީ އެކަންޏެވެ. އޭގައި އޮތް އެއްޗެއް ބެލުމުގައި ކުރިން އެވާހަކަތަށް އެ ކަންފަތަށް ފޯރައިފިއެވެ. ރޯޒީގެ ބަޔާން ހަބަރުގައި ލިޔެފައިވީ އިރު ސާއިފްއާ ދެކޮޅަށް ހުރި ގިނަ ވާހަކަތަކެއް ހިމަނާފައިވިއެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާއަށް އަމާޒުކޮށް އެފަދަ ހަބަރެއް ލިޔުނު ފަރާތް ސާއިފް ބަލާލިއެވެ. ހަބަރުގެ ކަވަރ ފޮޓޯގެ ދަށުން ލިޔެފައި ނޫސްވެރިޔާގެ ނަން ފެނުމުން އެ ވަރުގަދަ ބުމަ އިހުނަށްވުރެ ކައިރިކޮށްލެވުނެވެ.

" އަރްހަމް" އިށީނދެ އިން ބޮޑު ގޮނޑި ވަށައިގެން އަނބުރާލަމުން ސާއިފް އެ ނަން ކިޔާލިއެވެ.

= ނުނިމޭ =

Ads by HDC
  1. ..........

    މި ވާހަކަ އަޕްލޯޑު ކުރާ ދުވަސްތައް ބުނެދީބަ… ޕްލީޒް

  2. ސަނާ

    ހިތައްއެރިދހުވަހެއްގަ އަޕްލޯޑް ކުރާ ވާހަކައެއްހެން ހީވަނީ

  3. ފޯވީތީ މިހިތްކަރުނުން މިހާރު ނިމުނީތާ……ނޫނީ އަޒްކީ ބަލީތަ.ދެން ކިޔުންތެރިން އިންތިޒާރުގަ ނުބައިތިއްބާ ކޮންމެސް އެއްޗެއް ބުނެލަންވީނު.