ތުއްތު ދަރިފުޅު މަރައިލި މައްސަލަ: މާމައާއި ދޮންކާފަ 10 އަހަރަށް ޖަލަށް
ށ.ފޭދޫގައި ތުއްތުކުއްޖަކު މަރައިލިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މާމަ އެ ރަށު ވައިމަތީއާގޭ ޢަޒީޒާއި އިބްރާހިމާއި, އެ ކުއްޖާގެ ދޮން ކާފަ އެ ރަށު ބްލޫހެވަން, ޢަބްދުލްޣަފޫރު ޤާސިމްގެ މައްޗަށް އުފުލި ދަޢުވާ ސާބިތުވެ އެ ދެ މީހުން ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ޢަޒީޒާއާއި, ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ 2012 ވަނަ އަހަރު ޢަޒީޒާގެ 15 އަހަރުގެ އަންހެން ދަރިފުޅު ވިހެއި ތުއްތު ދަރިފުޅު މަރައިލި ކަމުގެ ތުހުމަތުގައެވެ. މި މައްސަލަގައި އެންމެ ފުރަތަމަ ދަޢުވާ އުފުލާފައިވަނީ 2013 ވަނަ އަހަރުކަމަށްވިޔަސް, އެ ދަޢުވާ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް ދަޢުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުއެވެ.
އެ ދެ މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޚުލާސާ:
2012 ވަނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު އަންހެންކުއްޖާ ވިހާފައިވާ ދަރިފުޅަށް ބަލިވެއިނީއްސުރެ ވިހެއުމާއި ހަމައަށް ޑޮކްޓަރަށް ދައްކާފައެއްނުވޭ.
ދަރިފުޅުގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވޭ.
ބަލިވެ އިންކަން ސިއްރުކުރި.
ވިހެއުމުގެ ވޭންވަރު އައިކަން އެނގުމުން އަންހެންކުއްޖާ ހޮސްޕިޓަލަށް ފޮނުވާފައެއްނުވޭ.
ވައިމަތީއާގޭ ގިފިލިތެރޭގައި ދަރިފުޅު ވަޅުލި.
ދަރިފުޅު މަރުވެފައިވަނީ ޢަޒީޒާއާއި, ޢަބްދުލްޣަފޫރު ބައިވެރިވުމާއި އިހުމާލުން.
ޝަރީޢަތުގެ މަރުހަލާގައި އެ ދެ މީހުން ވެސް ވަނީ ދަޢުވާއަށް އިންކާރުކޮށްފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ޙުކުމްކޮށްފައެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާއަށް ބަލާއިރު, މިއީ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ކަނޑައަޅައި, ކުއްޖަކު މެރުމުގެ (ޝިބްހު ޢަމްދުގެ ކުށް) ކުށުން އެ ދެ މީހުން ކުށްވެރިވެއްޖެކަމަށް މިއަދު ކުރި ޙުކުމުގައި ވަނީ ކަނޑައަޅައިފައެވެ.
ޙުކުމުގައި ބުނެފައިވަނީ ގަސްދަކާއި ނުލައި މީހަކު މެރުމުގެ ކުށުން ޢަބްދުލްޣަފޫރާއި, ޢަޒީޒާ ކުށްވެރިވެފައިވާތީ 10 އަހަރާއި 06 މަސްދުވަހުގެ މުއްދަތަށް އެ ދެ މީހުން ޖަލަށްލުމަށް ޙުކުމްކުރާ ކަމަށެވެ. އަދި އެ ދެ މީހުންގެ މައްޗަށް ކަނޑައެޅޭ މަރުގެ ދިޔަގެ އަދަދަކީ 1,000,000 ރުފިޔާކަމަށް ކަނޑައަޅައި, އެ ފައިސާ މިއަދުން ފެށިގެން އެއް އަހަރު ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން މި ކުށުގެ ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަންގާފައެވެ.