ދުނިޔެ

އދ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުކަން އިންޑިއާއާއި ބްރެޒިލްއަށް ދޭން ރަޝިއާއިން ތާއީދުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން އިންޑިއާއާއި ބްރެޒިލަށް ދިނުމަށް ތާއީދުކުރާކަމަށް ރަޝިއާއިން ބުނެފިއެވެ.

Ads by WAMCO

އދ.ގެ 77 ވަނަ އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރަޝިއާގެ ފޮރިން މިނިސްޓަރ ސެރްގެއި ލެވްރޮވް ވަނީ، އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން އެ ދެ ގައުމަށް ދިނުމަށް ރަޝިއާއިން ތާއީދުކުރާކަން ހާމަކުރައްވާފައެވެ.

ލެވްރޮވް ވަނީ، އެ ދެ ގައުމަކީ މިހާރު ބައިނަލްއަގުވާމީ މަސްރަހުގައި މުހިންމު ދައުރުތަކެއް އަދާކުރާ ދެ ގައުމުކަމަށާއި، މި ދެގައުމަކީވެސް ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރުކަން ދިނުމަށް ޝަރުތުހަމަވާ ދެގައުމުކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ލެވްރޮވް ވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުކޮށް، މިހާރަށްވުރެ ބޮޑަށް ޑިމޮކްރެޓިކްކޮށް މަޖިލީހުގެ ކަންތައްތައް ކުރިއަށްގެންދަން ރަޝިއާއިން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގައި އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ގައުމުތައް ތަންފީޒުކުރާވަރު އިތުރުކުރަން ބޭނުންވާކަމަށްވެސް ލެވްރޮވް ވަނީ ވިދާޅުވެފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ މިހާރުގެ ދާއިމީ މެމްބަރުންނަކީ ރަޝިއާ، ޗައިނާ، އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!