ޚަބަރު އިޖުތިމާޢީ

ގުރައިދޫ މިސްކިތަށް ދާއިމީ މުދިމަކު ހަމަޖެއްސުން ލަސްވެފައިވަނީ ސީއެސްސީއާ ހެދި: މިނިސްޓްރީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކ.ގުރައިދޫ މަސްޖިދުލްއިޚާއަށް ދާއިމީ މުދިމަކު ހަމަޖެހުން ލަސްވެފައިވަނީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން އެ ވަޒީފާއަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާތީކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

މީގެ ދޮޅު އަހަރުކުރިން މަސްޖިދުލްއިޚާގެ މުދިމު ރިޓަޔާކުރެއްވިގޮތަށް މިއަދާ ހަމައަށް ދާއިމީ މުދިމަކު ހަމަޖެހިފައިނުވާތީ ގުރައިދޫ ކައުންސިލުގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު ރިޓަޔާކުރެއްވީ 12 މާރިޗު 2021 ގައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދާއިމީ މުދިމަކު ހަމަނުޖެހޭތީ އިސްލާމިކް މިނިސްޓްރީއަށް ގުޅައި, އާދޭސް ކޮށް, ސިޓީ ފޮނުވާތާ އަހަރަކަށްވުރެ ގިނަދުވަސްވެއްޖެކަމަށް ޔާމީން ވިދާޅުވިއެވެ.

''ކ.ގުރައިދޫ މަސްޖިދުލްއިޚާގެ މުދިމު 12 މާރިޗް 2021 ވަނަ ދުވަހު ރިޓަޔާކުރެއްވި ގޮތަށް މިއަދާ ހަމައަށް ދާއިމީ މުދިމަކު ހަމަނުޖެހި، މިނިސްޓްރީއަށް ގުޅައި އާދޭސްކޮށް, ސިޓީ ފޮނުވާތާ އަހަރަކަށްވުރެ ގިނަދުވަސްވީ. މިހާރު ފޯނު ވެސް ނުނަގާ، ސިޓީއަށް ޖަވާބުނުދޭ. އަދި ކިހާދުވަހެއްވާނެތޯ'' ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ވަޒީފާއަށް އިއުލާނުކޮށް, އިންޓަވިއު ކުރި މީހުންގެ ތެރެއިން ދެ މީހަކު ސީއެސްސީއަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ ޝަކުވާއާ ގުޅިގެން އެ ކޮމިޝަނުން އެ މައްސަލަ ބެލުމަށްޓަކައި އެ މަޤާމަށް މީހަކު ނެގުމުގެ މަސައްކަތް ހުއްޓުވާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ސީއެސްސީން ނިންމެވި ގޮތް މިނިސްޓްރީއަށް އަންގަވާފައިނުވާކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި އެކަމާ ގުޅިގެން މި އަހަރުގެތެރޭގައި ސީއެސްސީއަށް އެކި ގޮތްގޮތުން މުއާމަލާތްކޮށް ސިޓީ ފޮނުވިކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެކަމާބެހޭ މަޢުލޫމާތުތައް ގުރައިދޫ ކައުންސިލާ ވެސް ހިއްސާކޮށް މަޢުލޫމާތު ބަދަލުކުރެވިފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!