''ޕާކިސްތާނަށް 100,000 ބަތް ޕާރުސަލް'' ނަމުގައި ޤައުމީ ހަރަކާތެއް ހިންގަނީ

މިދިޔަ ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ހާލުގައި ޖެހިފައިވާތީ, އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ''ޕާކިސްތާނަށް 100,000 ބަތް ޕާރުސަލް'' މި ނަމުގައި ޤައުމީ ހަރަކާތެއް ހިންގުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ނިންމައިފިއެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތް ކުރިއަށް ގެންދާނީ މި މަހުގެ 30 ވަނަ ދުވަހާއި, އޮކްޓޫބަރު 01 މި ދެދުވަހު ކަމަށެވެ. އަދި ހަރަކާތް ކުރިއަށް ދާނެ ވަގުތުތަކާއި ސަރަހައްދުތައް އަދި އިއުލާން ކުރެވޭނެކަމަށެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން އިން ވަނީ މި ހަރަކާތުގައި ބައިވެރިވުމަށް އެންމެހައި ކުލަބު ޖަމްޢިއްޔާތަކާއި, އެހެނިހެން މުއައްސަސާތަކަށް ވެސް ދަޢުވަތު އަރުވައިފައެވެ. އެ ހަރަކާތުގައި މިހާތަނަށް 10 ޖަމްޢިއްޔާއަކުން ވަނީ ބައިވެރިވެފައެވެ.