ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ގޭގެ ބެލް ޖަހާލީ އެވަގުތުގައެވެ. ކުލްސޫމްގެ އެދުމަށް ނަވަލް މޫނު ފޮތިކޮޅު އެޅިއެވެ. ސޯފާއިން ތެދުވެ ގެއަށް އައީ ކާކުތޯ ބެލުމަށް ކުލްސޫމްގެ ފަހަތުން ހިނގައިގަތް އިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

Ads by STELCO

************************

ދޮރުމަތީ ފަސް އެނބުރި ހުރި ޒުވާނާ ފެނުމާއެކު ނަވަލްގެ މޫނަށް ވެރިވީ ހައިރާންކަމެވެ. އެތަށް ހާސް ސުވާލަކުން އެ ހިތް ފުރިގެން އައި އިރު އެ ނަޒަރު އަމާޒުވީ ކުލްސޫމްއަށެވެ. އެވަގުތު އެ ޒުވާނާ ވެސް ފަސްއެނބުރި ބަލައިފިއެވެ. ނަވަލްއާ ނަޒަރު ސީދާވީ ހިނދު އެ ތުންފަތަށް ވެރިކޮށްލީ ލުއި ހިނިތުންވުމެކެވެ. އެހެނަސް އެ މޫނުން ފާޅުވާން ހުރ ނުތަނަވަސްކަން ސިއްރެއް ނުވެއެވެ.

" ބޭރުގަ ނުހުރެ އެތެރެއަށް ވަދޭ އަވަހަށް. މި ތިބީ އަރްޔަންގެ އިންތިޒާރުގަ. ދޯ ނަވަލް". ކުލްސޫމް އެއްފަރާތަކަށް ޖެހިލަމުން ބުނެލިއެވެ.

ނަވަލް ބަލާލީ ފުން ނަޒަރަކުންނެވެ. އަރްޔަންގެ މޫނުން ކަމެއް ދޭހަކުރަން އުޅޭ ފަދައަކުންނެވެ. އެހެނަސް އަރްޔަން އެ މޫނަށް ބަލައި ވެސް ނުލާކަން ނަވަލްއަށް ފާހަގަވިއެވެ.

ނަވަލް އިށީނީ ކުލްސޫމްއާ ޖެހިގެންނެވެ. އަރްޔަން އިށީނުމާއެކު މާ ގިނަ އިރުތަކެއް ނުވެ ދާވޫދް ވެސް އަތުވެއްޖެއެވެ. ނަވަލްއަށް އިނދެވުނީ ހާސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އެ އަސަރުތައްވީ އަޅާލެވިފައިވާ ނިގާބްގެ ސަބަބުން ފަރުދާވެފައެވެ.

" ނަވަލް..".. އަރްޔަންއަށް ހިތާ ހިތުން ބުނެލެވުނު ހިނދު އެ ނަޒަރު އަމާޒުވީ އެ އަންހެންކުއްޖާއަށެވެ. ދުވަސްތަކެއް ފަހުން ފެނުނު އިރު އެ ހަށިގަނޑަށް އައިސްފައިވި ބަދަލު ފާހަގަކުރެވުނެވެ. ގަޔަށް ދޫކޮށް އޮތް ކަޅުހެދުމާއެކު އަޅައިގެން ހުރި ކަޅު ކުލައިގެ މޫނު ބުރުގާގެ ތެރެއިން ފެންނާން ހުރީ މައުސޫމްކަމުން ފުރިފައިވި ދެލޯ އެކަންޏެވެ. ހެދުން ކިތަންމެ ދޫ ނަމަވެސް ކޮންމެވެސް ވަރަކަށް ނަވަލްގެ ބޮޑު ވަމުން އަންނަ ބަނޑު ފާޅުވެއެވެ. އެއާއެކު އަރްޔަންއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އެހެނަސް ނަވަލްއަށް އައިސްފައިވި ހެޔޮ ބަދަލާ މެދު ވިސްނި އެކަމުން ނަވަލްއަށްޓަކާ އެ ހިތުގައިވި އިހްސާސްތައް އިތުރަށް ފުންވިހެން އަރްޔަންއަށް ހީވިއެވެ.

" އަރްޔަންތަ އަޅުގަނޑާ ބައްދަލުކުރަން އައީ؟". ހިތްވަރުކޮށްފައި ނަވަލް އަހާލީ ކުލްސޫމް ކައިރިންނެވެ. ކުލްސޫމް ބޯ ޖަހާލުމާއެކު ދާވޫދްއަށް ބަލާލިއެވެ. އެ ބެލުމުގެ މާނަ އެނގި ދާވުދް ދޫކޮށްލީ ފުން ނޭވާއެކެވެ. ދައްކަން އުޅޭ ވާހަކައަކަށް ނަފްސު ތައްޔާރު ކޮށްލި ފަދައެވެ.

" ދަރިފުޅު ނުވިސްނަންތަ ދިރިއުޅުމެއް ފަށަން؟". ދާވޫދް ޖެހިލީ ސީދާ މައުޟޫއަށެވެ. ވަގުތު ބޭކާރު ކުރުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. ނަވަލްއަށް އޮޅުވާލުމުގެ ވިސްނުމެއް ވެސް ނެތް ފަދައެވެ. އޭނާގެ ސުވާލާއެކު ނަވަލްގެ ލޯ ހަނިވިތަން ދާވޫދް ދުށްޓެވެ. އުނގުމަތީ ބޭއްވިފައި އޮތް އަތްތިލަ ޖޯޑު ކޮށްލެވުމާއެކު ނަވަލްގެ ނަޒަރު ހިނދުކޮޅަކަށް އަރްޔަންއާ އަމާޒުވެލިއެވެ. ކޮންމެވެސް ވަރަކަށް ވާން އުޅޭ ގޮތް ނަވަލްއަށް ފަހުމްވިއެވެ.

އެހެނަސް އެ ސިކުނޑީގައި ކުރެހި ދިޔައީ އެހެން ފަރާތެއްގެ ސޫރައެވެ. ސިއްރު ސިއްރުން ބަނޑުގައި އަތް ޖައްސާލެވުނު ހިނދު އެ ލޮލަށް ޖަމާވާން އުޅުނު ކަރުނަ ނަވަލް ހިންދާލިއެވެ. ކައިސަންގެ ނަން ހިތަށް އެރުމާއެކު އެ ހިތަށް ސާބިތުކަން ދެއްވާތޯ ދުޢާ ކޮށްލެވުނެވެ. އެ ހަނދާންތައް ހިތުން ނެރެލެވޭތޯ އެދި ދެންނެވުނެވެ. ދާވޫދްގެ ސުވާލަށް ޖަވާބުދޭން އުޅެފައި ވެސް ނަވަލް ފަސްޖެހުނެވެ. އަރްޔަންގެ ކުރިމަތީގައި އެފަދަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އޭނާއާއި ވަކިން އެވާހަކަ ދެއްކި ނަމައޭ ހިތަށް އެރިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި މިއީ އެންމެ ރަނގަޅު ގޮތޭ ހީވިއެވެ. ކުލްސޫމްގެ ނިންމުން ގޯސް ނުވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ލިބުނެވެ.

" އަޅުގަނޑު ކިހިނެތް ދިރިއުޅުމެއް ފެށުމާއި މެދު ވިސްނާނީ. އަޅުގަނޑުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ ފަރާތަކީ މަންމައާއި ބައްޕަ". ނަވަލްގެ ޖަވާބުން ދާވޫދް ހިމޭންވިއެވެ.

" ދަރިފުޅު ތިބުނި ވާހަކައާ މަންމަ އަދި ބައްޕަ ވެސް ދެކޮޅެއް ނޫން. މި ވަގުތު ކޮންމެހެން ދަރިފުޅުގެ ޖަވާބެއް ބޭނުމެއް ނޫން. މަންމަ އެދެނީ ތި ތުއްތު ފުރާނަ އުފަންވެ ދަރިފުޅު ހަމަޖެހުމުން ކައިވެނި ކުރަން. ދަރިފުޅު ބޭނުން ޒުވާނަކު އިހްތިޔާރު ކުރުމުގެ މިނިވަންކަން ދަރިފުޅަށް ދެން. އެކަމަކު ދަރިފުޅުގެ ކައިވެންޏަށް އެދި ބައްޕަ ކައިރިއަށް އައި ހަމައެކަނި ޒުވާނަކީ އަރްޔަން. އަރްޔަން ބޭނުންވީ ނަވަލްގެ ހާޒިރުގައި މި ވާހަކަތައް ދައްކަން. ނަވަލް ބޭނުން ޖަވާބެއް ދޭން. އަރްޔަންގެ އެދުމަށް ދަރިފުޅު ގަބޫލުވާނަންތަ؟" މަންމަގެ ވާހަކަތައް އަޑުއަހަން އިން ނަވަލްއަށް އިސްޖަހާލެވުނެވެ.

މީގެ ކުރިން އަރްޔަންގެ ހިތުގައި އެފަދަ އިހްސާސެއް ނަވަލްއަށްޓަކާ އުފެދިފައިވާ ކަމެއް އޭނާއަށް ނޭނގެއެވެ. ވީ އިރު އަރްޔަންގެ ވާހަކަތައް ތެދުކުރެވިދާނެތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.

"ނަވަލް؟" ދާވޫދްގެ އަޑު ކަންފަތުގައި ޖެހުމާއެކު ނަވަލްއަށް ލޯ ހުޅުވާލެވުނެވެ. ބައްޕަގެ މޫނާއި ނަޒަރު އަމާޒުވީ ހިނދު އެއްޗެއް ބުނުމަށް ދަތިވިއެވެ.

" އަޅުގަނޑު ވިސްނާލާފަ ޖަވާބެއް ދޭނަން. އެންމެ ރަނގަޅުތަ ކޮޓަރިއަށް ގޮސްލިޔަސް؟". ނަވަލް އަހާލިއެވެ. އޭނާ ތެދުވީ ކުލްސޫމް ބޯ ޖަހާލުމުންނެވެ. ނަވަލް ދިޔުމާއެކު އަރްޔަން ބަލާލީ ދާވޫދްއަށެވެ. ހިތުގައި އުންމީދެއް ނެތަސް އެ އަޒުމަކަށް ބަދަލެއް ނައެވެ.

" ނަވަލްގެ ޖަވާބަކަށް އިންތިޒާރު ކުރަމާ ދޯ. އެ ކުއްޖާއަށް ވަގުތު ދީ. އިރާދަ ކުރެއްވިއްޔާ އަރްޔަންގެ ތި އެދުން ފުރިހަމަވާނެ. އިންޝާﷲ". ދާވޫދް ބުނެލުމުން އަރްޔަން ބޯ ޖަހާލިއެވެ. އެހެނަސް އެ ހިތުގައި މާޔޫސްކަން ވިއެވެ. އޭނާއަށް ވާހަކަ ދައްކާނޭ ފުރުސަތެއް ވެސް ނުދީ ނަވަލް ދިޔުމުން ހިތް ނުތަނަވަސްކުރުވިއެވެ.

************************

ކޮޓަރިއަށް ވަދެވުމާއެކު ނަވަލް މޫނު ފޮތިކޮޅު ނަގާލިއެވެ. ފަސް މަހުގެ ބަނޑުގައި ފިރުމާލެވުނު ހިނދު އެ މޫނުގައިވި ނުތަވަސްކަން ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. އޭނާއަށް މާ ގިނަ ދުވަހެއް ނެތްކަން ނަވަލްއަށް އެނގެއެވެ. ހަތަރު މަސް ފާއިތުވާން ދުވަހެއް ނެތްކަން ވިސްނެއެވެ. އެހެނަސް އަރްޔަންގެ އެ އެދުމަށް ދޭނޭ ޖަވާބެއް އެ ސިކުނޑިއަށް ނައެވެ.

އެހެނަަސް އެ ހިތުގައި އަރްޔަންއަށް ހާއްސަ ގަދަރެއް ދެވިފައިވާކަން ނަވަލްއަށް އެނގެއެވެ. އަރްޔަންގެ ސަބަބުން މެނުވީ ނަވަލްއަށް އިތުރު ފުރުސަތެއް ނުލިބުނީކަމުގައި ގަބޫލު ކުރެވެއެވެ. އެކަމަށްޓަކައި ޝުކުރުވެރިވުމުގެ ގޮތުން ބުނެލާނޭ ލަފްޒެއް އެ ދުލަކު ނެތެވެ. އެހެނަސް އަރްޔަންއަށްޓަކާ އޭނާއަށް ހެޔޮ ދުޢާ ކުރެވެއެވެ. ފުރާނަ ސަލާމަތްކޮށްދިން ފަރާތެއްކަމުގައި އަރްޔަން ލެއްވެވީތީ މާތްﷲ އަށް ހަމްދުކުރެވެއެވެ.

************************

މުޅި ދުވަސް ހޭދަވި އިރު ވެސް އަރްހަމްއަށް ފާހަގަކުރެވުނީ ޔެލިޒްގެ ދުރުކަމެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އެ މޫނުން ފެނުނު ހިނިތުންވުން ފެންނާކަށް ނުހުރެއެވެ. އަރްހަމް ފެނުނަސް އެއްޗެކޭ ބުނެނުލައެވެ. ގިނަ ފަހަރަށް އަރްހަމްގެ ސުވާލަކަށް ޖަވާބު ދެނީ ވެސް މަޖުބޫރުވެގެން ކަހަލައެވެ.

އެރޭ ނިދަން އުޅެފައި ވެސް އަރްހަމްއަށް ނުނިދުނީ އެ ސަބަބާ ހުރެއެވެ. ސޯފާގައި އޮތް އިރު އޭނާއަށް ބެލެނީ ޔެލިޒްއަށެވެ. އޭނާ އެ ކޮޓަރިއަށް ވަނީ ވެސް ޔެލިޒްއަށް ނިދުނުކަން ޔަގީން ކޮށްފައެވެ. ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހުނީހެން އަރްހަމްއަށް ހީވަނީއެވެ.

ދަންވަރު އެކެއް ޖަހަން ކައިރިވެފައި ވަނިކޮށް އަރްހަމް ތެދުވިއެވެ. ގައިމަތީ އޮތް ރަޖާގަނޑު ދުރުކޮށްލުމަށްފަހު އޭނާ ކޮޓަރިން ނުކުތީ ސިއްރު ފިޔަވަޅު ތަކެއްގައެވެ. ޔެލިޒްއަށް ކުޑަ ވެސް އުނދަގުލެއް ނުވާނޭ ފަދައިންނެވެ.

އަރްހަމްގެ މިސްރާބު ހުރީ ބަދިގެއާ ދިމާލަށެވެ. ލުއި ފިޔަވަޅު ތަކެއްގައި ގޮސް އޭނާ ހުޅުވާލީ އައިސްއަލަމާރިއެވެ. ސިޓިންގްރޫމުގައިވި އޮރެންޖު ބޮކީގެ އަލިކަން ފަނޑުގޮތަކަށް އެ ދިމާލަށް ފޯރައެވެ. އަލަމާރިން ނެގި އައިސްކްރީމް ތަށި ހިފައިގެން ގޮސް އަރްހަމް އައިލެންޑްގެ ސްޓޫލްގައި އިށީނެވެ. އިރުކޮޅަކުން އަނެއްކާ ވެސް ތެދުވެ އޭނާ އައީ ސަމްސަލެއް ހިފައިގެންނެވެ. ކުދި އެތިކޮޅު ކޮޅަށް އައިސްކްރީމް ކަމުން ދިޔައިރު އަރްހަމް އިނީ އިސްޖެހިފައެވެ. އެ މޫނަށް އިރުއިރުކޮޅާ ވެރިވާ އަސަރުތަކުން ފުން ވިސްނުމެއްގައި އިންހެން ހީވެއެވެ.

ފަހަރެއްގައި އެ ދެމެދުގައިވި ގާތް ކަމުން ޔެލިޒްއަށް އުނދަގޫވަނީއޭ އަރްހަމްއަށް ހީވިއެވެ. މާ ކުރިން ވެސް ޔެލިޒް ވަނީ އޭނާއަށް ހުރިހާ ކަމެއް ސާފު ކޮށްދީފައެވެ. ޔެލިޒްގެ ފަރާތުން އަރްހަމް ބޭނުންވާ ލޯބި ނުލިބޭނެކަން އެ އަންހެންކުއްޖާ ހާމަކުރިއެވެ. އެކަން ހަނދާން ނައްތާލެވުނީ އަރްހަމްއަށެވެ. އެ ގުޅުމަށް މާ ބޮޑަށް އެދެވުނީ އޭނާއަށެވެ. ވީ އިރު ޔެލިޒް ހިތްހަމަނުޖެހުން އެއީ އަރްހަމްގެ ސަބަބުން ދިމާވި ކަމެއް ކަމުގައި ހީކުރެވުނެވެ.

" ވަޓްސް ރޯންގް؟" ފަހަތުން ޔެލިޒްގެ އަޑު އިވުމާއެކު އަރްހަމް ސިހުނެވެ. ފަސްއެނބުރި ބަލާލެވުމާއެކު ދޮރުމަތީ ހުއްޓި ހުރި ޔެލިޒް ފެނުނެވެ. އަރްހަމް ހައިރާންވީ އެ ލޮލުގައި ނިދީގެ އަސަރެއް ފާޅުވާން ނެތުމުންނެވެ. އަރްހަމް ބަލަން އިންދާ ޔެލިޒް އައިސް ޖެހިގެން ހުރި ސްޓޫލްގައި އިށީނެވެ. އަރްހަމް އަތުގައި އޮތް ސަމްސާ އަތުލުމަށްފަހު ޔެލިޒް އައިސްކްރީމް ތަށިން އެތިކޮޅެއް ކާލިއެވެ.

" ނުނިދުނީތަ؟". އަރްހަމް އަހާލީ މަޑުމަޑުންނެވެ. ޔެލިޒްއަށް ބެލުމެއް ނެތިއެވެ.

" ލިޒް ކުރި ސުވާލަށް ޖަވާބު ނުދެމެންނު. ކަމެއް ވީތަ؟ ސްޓްރެސް ވެފަތަ؟" ޔެލިޒް އަހާލީ އަރްހަމް އަށް ބަލާލަމުންނެވެ. އެ ބެލުމުން އަރްހަމްގެ މޫނުގައިވި އަސަރުތައް ދެނެގަންނަން އުޅޭ ފަދައެވެ. އަނގައިން ބުނުމެއް ނެތި އަރްހަމް ބޯ ހޫރުވާލިއެވެ. އެއާއެކު ޔެލިޒް ބޯ ހޫރާލިއެވެ. މީގެ ކުރިން ވެސް އަރްހަމްގެ އެ މިޒާޖު ޔެލިޒްއަށް ފެނުނެވެ. ކަމަކާ ފިކުރު ބޮޑުވެއްޖެނަމަ އަރްހަމް ފޮނި އެއްޗެހި ކައި އުޅޭތަން ޔެލިޒްއަށް ފެނިފައި އެބަހުއްޓެވެ. އެހެންކަމުން ކަނޑައެޅިގެން އަރްހަމް ދޮގު ހަދަނީކަން ޔެލިޒްއަށް އެނގުނެވެ.

" ނުނިދުނީމަ މި އައީ. އެކަމަކު މިހާރު ނިދި އައިއްސި. ދަނީ". އަރްހަމް ތެދުވާން އުޅުމުން ޔެލިޒް އޭނާ ހުއްޓުވިއެވެ. އިހުނަށްވުރެ ސްޓޫލް ކައިރިކޮށްލަމުން ފަރުވާތެރިކަމާއެކު އެ މޫނަށް ޔެލިޒް ބަލަން އިންގޮތުން އަރްހަމްއަށް ހިންދިރުވާލެވުނެވެ. އިސްޖަހާލަން އުޅުނު ޔެލިޒް އެ މޫނުގައި ހިފެހެއްޓިއެވެ.

"ކީއްވެ ދޮގު ހަދަނީ؟ ލިޒް މި ދުރު މީހެއްތަ؟ އަރްހަމް ނުބުންޏަސް ކަމެއް ވެއްޖެކަން ލިޒްއަށް އެނގޭ. ދޮގު ހެދުމުގެ ބޭނުމެއް ނެތެއްނު. އަރްހަމް ބުނަން ބޭނުން ނުވަންޏާ ނުބުންޏަސް މައްސަލައެއް ނެތް". އަރްހަމްއަށް މޫނުން އަތް ނައްޓުވާލަމުން ޔެލިޒް ބުނެލިއެވެ. އަރްހަމްއަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ. މުޅި ދުވަސް ހޭދަވިއިރު ޔެލިޒްގެ ފަރާތުން ނުލިބުނު އަޅާލުމެއް އެވަގުތު ލިބެން ފެށުމުން އެކަން ބަލައިގަންނަން އުނދަގޫވިއެވެ.

" އައިމް ސޮރީ ފޯރ ލާސްޓް ނައިޓް". އަރްހަމް ބުނެލީ މަޑުމަޑުންނެވެ. ޔެލިޒް އެއްޗެކޭ ނުބުނެ ގިނަ އިރު ވާން ފެށުމުން އަރްހަމް އެ މޫނަށް ބަލާލިއެވެ.

" ކޮން ކަމަކަށް އަރްހަމް މާފަށް ތި އެދެނީ؟". ޔެލިޒް އަހާލިއެވެ. އޭނާގެ މަގްސަދު އަރްހަމްއަށް ނޭނގުނެވެ. އެހެނަސް ޔެލިޒް އިސްވެ ވާހަކަ ދެއްކުމުން އަރްހަމް އެ ވަގުތުގެ ބޭނުން ހިފިއެވެ.

" ލިޒްގެ ހުއްދަ ނެތިވެ އަތް ލެވުނީތީ އައިމް ސޮރީ. އެގަޑީގަ ހަނދާން ނެތުނީ. ލިޒް ހިތްހަމަނުޖެހުނީ ދޯ؟". އަރްހަމް އަހާލުމުން ޔެލިޒްގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

" ހޫ އެމް އައި؟" ޔެލިޒް އަހާލިއެވެ. އެވަގުތު އެ ހިތުގެ ތެޅުން އަވަސްވަމުން އައި ކަން ޔެލިޒްއަށް އިހްސާސްކުރެވުނެވެ.

" ޔެލިޒް އެންނު". އަރްހަމް ބުނެލުމާއެކު ޔެލިޒްއަށް ހެވިއްޖެއެވެ.

" އައި އެމް ޔޯރ ވައިފް. މާނައަކީ ލިޒްގެ ހުއްދަ ނެތަސް އަރްހަމްއަށް ލިޒް ގައިގަ އަތް ލެވޭނެއޭ. މިއީ އަރްހަމްގެ ހަލާލު އަނބިމީހާ ނޫންތަ؟". ޔެލިޒް ބުނެލުމާއެކު އަރްހަމް ބަލާލީ ގަބޫލު ނުކުރެވިފައެވެ. އެފަދައިން ޔެލިޒް ބުނުމުން ހައިރާންވިއެވެ.

" ދެން ކީއްވެ ހިތްހަމަނުޖެހިފަ ހުރީ؟ ފަތިސްނަމާދަށް ހޭލެވުނު އިރު ލިޒްއެއް ނެތް". އަރްހަމް ބުންޏެވެ. އެއާއެކު އަނެއްކާ ވެސް ޔެލިޒްއަށް ހެވިއްޖެއެވެ. އައިލެންޑްގައި އަތް އަޅުވާލަމުން ޔެލިޒް އިސްޖަހާލިއިރު ވެސް އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

" ހިތްހަމަނުޖެހިފައި ނޫން. ލިޒް ހީކުރީ ރޭގަވީ ކަންތަކާ ހުރެ އަރްހަމް ހުންނާނީ ހިތްހަމަނުޖެހިފައޭ. ލިޒްއަށް ނިދިގެން އަރްހަމްގެ ގައި މައްޗަށް ދޯ ވެއްޓުނީ. ހޭލެވުނު އިރު އަރްހަމްއަށް ވެސް ނިދިފަ އިނީ. އެގަޑީގަ ކުރާނެ ކަމެއް ނޭނގުނު. އެހެންވެ އަވަހަށް ކޮޓަރިއަށް ދިޔައީ. ހެނދުނު ހޭލާފަ ވެސް އަރްހަމް އެކަމާ ގުޅިގެން އެއްޗެއް ނުބުނީމަ ލިޒް ހީކުރީ އަރްހަމް ރުޅި އައީއޭ." ޔެލިޒް ބުނުމާއެކު ދެ ޒުވާނުންނަށް ވެސް ހެވިއްޖެއެވެ. އެއާއެކު ކުއްލިއަކަށް ގުދުވެލާ ޔެލިޒްގެ ކޯތާފަތުގައި އަރްހަމް ބޮސްދިނެވެ.

" ހަލާލު އަނބިމީހާ އެންނު". ޔެލިޒް ލޯ އަޅާލުމާއެކު އަރްހަމް ބުނެލިއެވެ. އެއާއެކު ޔެލިޒް ވެސް އެއްޗެކޭ ނުބުނެ ބޯ ހޫރާލިއެވެ.

ދެ ޒުވާނުން އެކުގައި ކޮޓަރިއަށް ވަނުމަށްފަހު ޔެލިޒް އެނދުގައި އޮށޯތެވެ. އަރްހަމް ވެސް ސޯފާގައި އޮށޯތުމާއެކު ޔެލިޒް ސިރުން އެ ދިމާލަށް ބަލާލިއެވެ. ދެން އޭނާ ބަލާލީ އެނދުގައި ހުސްކޮށް އޮތް ޖާގައަށެވެ.

" ކީއް ތި ކުރަނީ؟". ޔެލިޒް ތެދުވެ އިންތަން ފެނުމުން އަރްހަމް އަހާލިއެވެ. އޭރު ބާލީސްތަކެއް ނަގައިގެން ޔެލިޒް އުޅެއެވެ. އަރްހަމްގެ ސުވާލަށް ޖަވާބެއް ދިނުމެއް ނެތި އޭނާ ކުރަމުން ދިޔަ މަސައްކަތް ނިންމާލިއެވެ.

" މިއީ ލިޒްގެ ސައިޑް. މިކޮޅުގަ މިއީ އަރްހަމްގެ" މެދުގައި ބާލީސް ޖަހާފައި ހުރި އިރު ޔެލިޒް އިޝާރާތުން ދެއްކި ދިމާލަށް އަރްހަމް ބަލާލިއެވެ. ލާނެތް ހިނިތުންވުމެއް ވެރިވުމާއެކު އަރްހަމް ދެލޯ ހަނިކޮށްލަމުން ޔެލިޒްއަށް ބަލާލިއެވެ.

" މިސާލަކަށް އެމީހެއްގެ ސައިޑް ނޫން ސައިޑަކަށް ދެވިއްޖެނަމަ ދެން ވާނީ ކިހިނެތް؟ އަދަބު ލިބޭނެތަ؟" އަރްހަމް އަހާލުމުން ޔެލިޒް އެއްޗެކޭ ނުބުންޏެވެ. އެހެނަސް އިޝާރާތުން އޭނާ ދައްކާލީ ސޯފާއެވެ. އޭގެ މާނަ ވިސްނުނު ހިނދު އަރްހަމްގެ ލުއި ހުނުމުގެ އަޑު އިވުނެވެ. އިތުރު އެއްޗެއް ނުބުނެ ފަސްއެނބުރި ޔެލިޒް އޮށޯތެވެ. އިރުކޮޅަކުން އަރްހަމް އައިސް އެނދުގަ އިށީންކަން ޔެލިޒްއަށް އެނގުނެވެ. އެހެނަސް އެނބުރި ބަލާކަށް އޭނާ ނޫޅުނެވެ.

*********************

ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ނަވަލްއަށް އެކި އުނދަގޫތަކާ ކުރިމަތިލާން ޖެހުނެވެ. ވިހަން ދީފައިވާ ދުވަސް ކައިރިވާ ވަރަކަށް އޭނާއަށް ލިބިފައިވާ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އަބަދު އިވޭ ވާހަކަތަކަށް ބުރަވެ އެއީ އުނދަގޫ މަރުހަލާއެއްކަން ނަވަލްއަށް އެނގެއެވެ. ޔާޒްއާއި ޔެލިޒްގެ އިތުރުން ކުލްސޫމްގެ އެހީތެރިކަން ކިތަންމެހާ ވެސް ލިބެއެވެ. ދޭތެރެއަކުން އަރްޔަން ވެސް އޭނާގެ ހާލު އޮޅުން ފިލުވައެވެ.

ފަހަކަށް އައިސް ކުލްސޫމް ނިދަނީ ވެސް ނަވަލްގެ ކޮޓަރީގައެވެ. އެ ދަރިފުޅަށް ކުޑަ ނަމަވެސް އެހީތެރިކަމެއް ބޭނުން ވެއްޖެނަމަ އެކަމެއް ފޯރުކޮށްދޭން ކުލްސޫމް ހުންނަނީ ތައްޔާރަށެވެ.

ނިދަން ތައްޔާރުވެގެން އައި ނަވަލް ފެނުމުން ކުލްސޫމް ހިނިތުންވެލިއެވެ. މި ދެތިން ދުވަހު ނަވަލް އުޅޭ ގޮތުން ކުލްސޫމް ހުންނަނީ ކަންބޮޑުވެފައެވެ. އިރުއިރުކޮޅާ ބަނޑުގައި ރިއްސާތޯ އަހާލެވެއެވެ.

" ދަރިފުޅު ރަނގަޅުތަ؟". ނަވަލްގެ މޫނުން ފެންނަމުންދާ އަސަރުތަކުން މިފަހަރުވެސް ކުލްސޫމްއަށް އަހާލެވުނެވެ. ބޮޑުވެފައިވާ ބަނޑާއެކީ ނަވަލް އައިސް އެނދުގައި އިށީނެވެ. އެވަގުތު ކުލްސޫމް ތެދުވެ ބާލީސްތައް ރަނގަޅުކޮށް ނަވަލް އޮށޯތުމަށް އެހީވެދިނެވެ.

" މަންމަ ރިލެކްސް. އަޅުގަނޑު ރަނގަޅު". ނަވަލް ބުނެލިއެވެ. އެހެނަސް ކުލްސޫމްއަށް ހުރެވުނީ ޝައްކެއްގައެވެ. ދެން އޭނާ ކިޔައިދޭން ފެށީ ނަވަލްއަށް ބަލިވެ އިން ދުވަސްވަރުގެ ވާހަކަތަކެވެ. ނަވަލްއަށް ނިދުނީ ވެސް އެވާހަކަތައް އަޑު އަހަން އޮއްވައެވެ. އެހެނަސް ނިދީގައި ވެސް އެ މޫނުގައިވި ވޭން ކުލްސޫމްއަށް ފާހަގަވިއެވެ. ހިތުގައި އުފެދޭ ޝައްކުތަކާ ހުރެ ނިންޖާ އެލޯ ދުރުވެފައި ވިއެވެ.

ނަވަލް ހޭލީ ބާރަގަޑި ބައިވެ އެކެއް ޖަހަން ކައިރިވެފައި ވަނިކޮށްނެވެ. އުނަގަނޑަށް އަރައިގެން ދިޔަ ތަދާއެކު އޭނާއަށް ހިފާލެވުނީ ކުލްސޫމްގެ އަތުގައެވެ. މަޑު އާހެއް ބޭރުވުމާއެކު ނަވަލްއަށް ކެތްކުރަން އުނދަގޫވިއެވެ. އެފަދަ ވަގުތަކަށް ސަމާލުވެގެން އޮތް ކުލްސޫމް ތެދުވިއެވެ. ދާވޫދްއަށް ގޮވަމުން އޭނާ ތެދުވެ ނަވަލް ގާތު ހޮސްޕިޓަލަށް ދާންވީ ވަގުތު ޖެހުނީކަން ބުނެދިނެވެ.

ހޮސްޕިޓަލަށް ގުޅައި ދާވޫދް ހުރިހާ ކަމެއް ހަމަޖައްސަންވާ އިރަށް ކުލްސޫމްގެ އެހީގައި ނަވަލް ތައްޔާރުވެއްޖެއެވެ. އޭރު އުމައިރް ވެސް ހޭލައިފިއެވެ. އެމްބިއުލާންސް އަންނަންވާއިރަށް މަޑުކުރުމެއް ނެތި ކާރުގައި ދިޔުމަށް އުމައިރް އެދުނެވެ. ނަވަލްގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނާއެކު ކުލްސޫމް އަދި ދާވޫދްއަށް ވެސް އެގޮތް ކަމުދިޔައެވެ.

ހޮސްޕިޓަލަށް ގެންދެވުނުތާ މާ ގިނަ އިރުތަކެއް ނުވެ ނަވަލް ވިއްސާކޮޓަރިއަށް ވައްދައިފިއެވެ. އޭނާއާއެކު އެތެރެއަށް ވަނީ ކުލްސޫމްއެވެ. ނަވަލްއަށް ކުލްސޫމްގެ އެހީ އެވަގުތު ބޭނުންވާނެކަން އޭނާއަށް އެނގޭތީއެވެ. ވިހެއުމުގެ ގަދަ ވޭނުގައި ނަވަލް އުޅެމުންދިޔަ ހާލު ފެނި ކުލްސޫމްއަށް ރޮވުނެވެ. އެހެނަސް ހުއްޓުމެއްނެތި ދުޢާ ކުރެވުމުން ދިޔައީ ހެއްދެވި ފަރާތަށެވެ. އެ ތުއްތު ފުރާނައާއެކު ނަވަލްގެ ހެޔޮ ހާލުގައި ލެެހެއްޓުމަށް އެދިއެވެ.

ދަރިފުޅު އުފަން ކުރުމަށްޓަކައި އުފުލި ވޭނަށްފަހު އެ ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑު ގުގުމާލީ ފަތިސް ނަމާދުގެ ބަންގީގެ އަޑާ އެކުއެވެ. ސާފުކޮށް ނިމުމާއެކު ދަރިފުޅު ގެނެސް ނަވަލްގެ މޭމަތީ ބާއްވާލިއެވެ. އެހިނދު އިވިގެންދިޔައީ ނަވަލްގެ މަޑު ގިސްލުމުގެ އަޑެވެ. ވަރުބަލިވެފައިވީ ނަމަވެސް އެ ދަރިފުޅު ގެނެސް ލޯބިން ބައްދާލިއިރު މައިވަންތަކަމުގެ ކުލުނުން އެ ހިތް ފުރިގެން އައެވެ.

" މަންމަގެ ލޯބި ލޯބި ނޫރު. ޔޫ ކޮމްޕްލީޓެޑް މައި ލައިފް".. ކަރުނައިގެ ތެރެއިން ނަވަލް ހިނިތުންވެލިއެވެ.

= ނުނިމޭ=

  1. ސުކުރިއްޔާ

  2. ޙިރާ

    އިންޓަރެސްޓިންގް…ކީޕްއަޕްލޯޑިން ސޫން.