ޚަބަރު އިޖުތިމާޢީ

މާލެ އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ ގާފަރު ސްކޫލަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލެ އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ދަރިވަރަކު ކިޔަވަނީ. ފޮޓޯ: ކާށިދޫ ކައުންސިލް

މާލެ އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އެއްވަނަ ސްކޫލުގެ މަޤާމު ގާފަރު ސްކޫލުން ހޯދައިފިއެވެ.

Ads by Sosun Fihaara

މާލެ އަތޮޅު ކައުންސިލްގެ 11 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ފެށީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.

ކާށިދޫގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި މާލެ އަތޮޅުގެ 09 ރަށަކުން ކުދިން ބައިވެރިވިއިރު, ބަލައިގެން ކިޔެވުމުގެ ބައިންނާއި, ނުބަލައި ކިޔެވުމުގެ ބައިން 05 ކީސްޓޭޖުން ޖުމްލަ 122 ދަރިވަރުން ވާދަކުރިއެވެ.

މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވާއިރު, އެއްވަނަ ސްކޫލަކަށް ހޮވުނީ ގާފަރު ސްކޫލެވެ. ދެވަނަ ސްކޫލަކަށް މާފުށީ ސްކޫލް ހޮވުނުއިރު, ތިންވަނަ ސްކޫލަކަށް ހޮވުނީ ހިންމަފުށީ ސްކޫލް ސްކޫލެވެ.

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދީ ގުރައިދޫ ސްކޫލުގެ އާލް މުހައްމަދު ނިޔާޒެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދީ ހުރާ ސްކޫލުގެ އައިޝަތު އިޝްފާއު އިސްހާޤެވެ. އަދި މުޅި މުބާރާތުން 01 ވަނަ ަދަރިވަރަކަށް ވެސް ހޮވުނީ އައިޝަތު އިޝްފާއު އިސްހާޤެވެ.

މި މުބާރާތުގައި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ނޮމިނޭޓްވި ދަރިވަރުން ހޮވާފައިވާއިރު, 18 ދަރިވަރަކު ވަނީ ޤައުމީ މުބާރާތައް ނޮމިނޭޓް ވެފައެވެ.

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަނޑިޔާރުންނެވެ. ނަތީޖާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުބާރާތުގެ އިސް ފަނޑިޔާރު އަލްޤާރީ ހަސަން ތަޢުފީޤް ވަނީ ދަރިވަރުންގެ ކިޔެވުމަށް ތަޢުރީފް ކުރައްވައި ދަރިވަރުންނަށް ހިތްވަރު ދެއްވައިފައެވެ.

ޖަލްސާގައި އަތޮޅު ކައުންސިލްގެ ފަރާތުން ވާހަކަދެއްކެވި އަތޮޅު ކައުންސިލްގެ މެންބަރު އަދި ކ. ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން މުޙައްމަދު ވަނީ މިފަދަ މުބާރާތެއް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުން ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން މި މުބާރާތުގެ އިންތިޒާމުތައް ހަމަޖެއްސި ކާށިދޫ ކައުންސިލަށް ޔާމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ޖަލްސާގައި ކާށިދޫ ކައުންސިލްގެ ރައީސް ވެސް ވަނީ މި މުބާރާތް ފުރިހަމަކާއެކު ނިންމައިލުމަށް ކާށިދޫ ކައުންސިލްގެ އިދާރީ މުވައްޒަފުން ކުރެއްވި މަސައްކަތާއި ދެއްވި އެއްބާރުލުން ފާހަަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.

އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ކޮންމެ އަހަރަކު ވެސް ވާދަވެރި މުބާރާތަކަށްވެގެންދެއެވެ. ވޭތުވެދިޔަ 03 އަހަރު ވެސް މާލެ އަތޮޅު ކައުންސިލުގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފަހުރުވެރި 01 ވަނަ ހޯދާފައިވަނީ ހުރާ ސްކޫލުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!