ޚަބަރު ޝަރުޢީ ދާއިރާ

ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަޝްވަރާތައް ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުން. ފޮޓޯ: އޭޖީ އޮފީސް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ފަށައިފިއެވެ.

Ads by STELCO

ވެރިކަން ނިމެން ހިނދުކޮޅަކަށްވެފައިވާއިރު އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ މަހުގެ 30 ގައި ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް މުރާޖަޢާކޮށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވައިލަންޖެހޭ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ބުނެފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލު އެކުލަވާލައި ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އެ ބިލު އެކުލަވާލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ބައެއް އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ. އެއީ ސުޕްރީމް ކޯޓާއި, ހައި ކޯޓާއި, ދަށު ކޯޓުތަކާއި, ޖޭއެސްސީއާ އެ ނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން މަޝްވަރާތައް ފެށީ އިއްޔެގައެވެ. އެ އޮފީހުން އިއްޔެ ބުނީ ފުރަތަމަ ބައްދަލުކުރީ ޖޭއެސްސީއާއި, ސްޕްރީމް ކޯޓާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!