ޚިޔާނާތުގެ މުގުލުގައި ތިބި މީހުންނާއެކު އެއްބަސްވުން ހެދީ ފައިސާ ހޯދޭ ގޮތަކަށް ނޫން: މުޢިއްޒު
އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާއެކު އެއްބަސްވުންތައް ހަދާފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭ ގޮތަކަށް ނޫންކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މުޢިއްޒު އެހެން ވިދާޅުވީ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ފަތުރުވެރިކަން ތަރައްޤީކޮށް ފުޅާކުރުމުގައިހުރި އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމަށް ދޫކޮށްފައި ހުރި ބައެއް ތަންތަން އެތައް އަހަރުތަކެއްވީއިރު ވެސް ތަރައްޤީ ނުކުރެވި އޮތް އޮތުން ކަމަށާއި, އެފަދަ ތަންތަނަކީ ދުރު ރާސްތާގެ ރޭވުމެއްނެތި ދޫކޮށްފައި ހުރި ތަންތަންކަމަށެވެ.
''އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަށްތަކާއި ފަޅުތައް، ބަޔަކަށް ވިއްކައިލިއިރު، އެ ތަންތަނުގެ އަގުވެސް ދައުލަތަކަށް ނުލިބޭ. އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުޢީ ކޯޓުތައް މެދުވެރިކޮށް މި އަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް، އޭސީސީން އަންނަނީ ތަޙުޤީޤު ކުރަމުން.'' ރައީސް ވިދާޅުވިއެވެ.
އެކަމަށް ފާޑުވިދާޅުވެ މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ ގެއްލުނު ފައިސާ ހޯދުމުގެ އެންމެ މައްސަލައެއް ވެސް ކޯޓަށް ހުށަހެޅިފައިވޭތޯ ސުވާލު ކުރައްވައިފައެވެ. އަދި އެމްއެމްޕީއާރްސީގެ މުގުލުގައި ތިބި މީހުންނާއެކު އެއްބަސްވުންތައް ހަދާފައިވަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ލިބޭ ގޮތަކަށް ނޫން ކަމަށާއި ދައުލަތުގެ މަސްލަހަތު ރައްކާތެރި ކުރެވިފައެއްނުވާ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ބަދަލު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވި ނަމަވެސް ސަރުކާރުން އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިކަމަކަށް އަދި އެނގިފައެއް ނުވެއެވެ.
ދައުލަތުން ވަނީ ޚިޔާނާތުގެ މުގުލުގައި ތިބި މީހުންނާއެކު އިޢުތިރާފު އެއްބަސްވުން ހަދައިފައެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވެސް ހިމެނެއެވެ.