ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

" މަންމަގެ ލޯބި ލޯބި ނޫރު. ޔޫ ކޮމްޕްލީޓެޑް މައި ލައިފް".. ކަރުނައިގެ ތެރެއިން ނަވަލް ހިނިތުންވެލިއެވެ.

Ads by STELCO

*****************

ތިން  މަސް ފަހެވެ. "ނޫރު" ގޭގެ ދޮރު މައްޗަށް މަޑުކޮށްލީ ކަޅުކަންގަދަ އޮފްކާރެކެވެ. ކުރީ ދޮރުފަތް ހުޅުވާލުމަށްފަހު ފޭބި ދާވޫދް މަޑުކޮށްލީ ނަވަލްއާއި ކުލްސޫމް ފައިބަން ދެނެވެ. ފުރަތަމަ ފޭބީ ކުލްސޫމްއެވެ. އޭނާ ދާވޫދްއަށް ބަލާލީ ފެންކަޅިވެފައިވާ ނަޒަރަކުންނެވެ. މަޑުމަޑުން ދާވޫދް ބޯޖަހާލަމުން އަނބިމީހާއަށް ބަލާލީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ކަމުގައި ބުނާ ފަދައަކުންނެވެ.

އެވަގުތު ނުހަނު ލަސް ހަރަކާތަކާއެކު ކާރުން ނަވަލް ފޭބިއެވެ. އެ މޫނުން ފާޅުވާން ހުރީ އިންތިހާ ދަރަޖައިގެ ވޭނެވެ. ހައްދު ޖެހުމުގެ ސަބަބުން އެ ހަށިގަނޑުގައި ކޮޅަށް ހުންނާނޭ ހިތްވަރެއް ނެތެވެ. އަރިއަޅާލުމާއެކު ނަވަލްގެ ގައިގާ ހިފެހެއްޓީ ކުލްސޫމްއެވެ.

ހައްދު ޖަހަން ބޭނުންވީ ހުދު ނަވަލް އަމިއްލައަށެވެ. ކުރެވުނު ފާފައަށް ފުރިހަމަ ތައުބާއަކުން ތައުބާވާން އެދި ހައްދުގެ ހުކުމް ލިބިގަތީ އެއީ ރަނގަޅު ގޮތްކަމުގައި ވިސްނޭތީއެވެ.

" ނޫރު....".. ނަވަލްގެ އަނގައިން ބަސް ބޭރުވީ ކިރިޔާއެވެ. އޭނާ ހިނގަމުންދިޔައީ ކުލްސޫމްގެ އެހީގައެވެ. ދެމައިންގެ ފަހަތުން ހިނގާފައި އައި ދާވޫދް އިސްޖަހާލީ އެ މަންޒަރުން ހިތަށް އުނދަގޫކުރުވި ވަރުންނެވެ.

ގޭތެރެއަށް ވަދެވުމާއެކު ސިޓިންގްރޫމުގައި އިން އަރްހަމްގެ އަތު ތެރޭ އޮތް ނޫރު، ނަވަލްގެ ލޮލުގައި އަޅައިގަތެވެ. ލޮލުގައި ގިނަވެފައިވާ ކަރުނައިގެ ތެރެއިން ވެސް އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ހިނދުކޮޅަކަށް ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ވެސް ހަނދާންނެތުނު ފަދައެވެ. އަރްހަމްއާ ދިމާލަށް ނަވަލް ދާން ފެށުމުން ޔެލިޒް އެ ތުއްތު ދަރިފުޅު ނެގިއެވެ. ނަވަލް ސޯފާގައި އިށީނުމާއެކު އެ އަތުތެރޭގައި ނޫރު ބޭއްވިއެވެ.

ނޫރުގެ ތުއްތު މޫނުކޮޅު ފެނުމާއެކު ނަވަލްއަށް އެ ހަށިގަނޑު ގެނެސް ބައްދާލެވުނެވެ. ގިސްލެވެމުން ދިޔައިރު ހުއްޓުމެއްނެތި އެ މޫނުގައި ބޮސްދެމުންދިޔަ ގޮތުން އެންމެންގެ ލޯތަށް ތެންމާލިއެވެ.

" ގެނޭ މަންމަ ނޫރު ނިންދަވާނަން. ދަރިފުޅުދޭ އަރާމުކޮށްލަން. ނޫރުއަށް ނިދުނީމަ ދަރިފުޅު ކައިރިއަށް ގެންގޮސްދޭނަން". ކުރިއަށް ޖެހިލަމުން ކުލްސޫމް ބުނެލިއެވެ. މަންމައާ އެއްބަސްވުމުގެ ގޮތުން ނަވަލް ބޯޖަހާލިއެވެ. ކުލްސޫމް ނޫރު ނެގުމާއެކު ނަވަލް ކައިރިއަށް ޖެހިލީ ޔެލިޒްއެވެ.

ދެ އަންހެންކުދިން އެކުގައި ގޮސް ކޮޓަރިއަށް ވަނުމާއެކު ދާވޫދްއާއި، އަރްހަމްގެ އިތުރުން އުމައިރް ނުކުތީ ބޭރަށެވެ. ކައިރި މިސްކިތަކުން މެންދުރު ނަމާދުގެ ބަންގީގެ އަޑު އޭރު އިވިއިވި ހުއްޓެވެ.

ކޮޓަރިއަށް ވަން ގޮތަށް ޔެލިޒް ގުޅީ ޔާޒްއަށެވެ. އެގެއަށް އަންނާނަމޭ ބުނެ ޔާޒްގެ ހަބަރެއް ނުވުމުންނެވެ.

" އަދިވެސް އާދެވޭ ގޮތެއް ނުވޭތަ؟". ޔާޒް ފޯނު ނެގުމާއެކު ޔެލިޒް އަހާލިއެވެ.

" އަޅެ ދާނަމޭ ޔެލިޒް ގަނޑާ. ވަރަށް މަސައްކަތް އެބައޮތޭ. ދެން ވެސް ފޯނު ބޭއްވީމަ ނޫންތަ ނިންމާފަ އަވަހަށް ދެވޭނީ.. ނަވަލް އައީތަ؟ ކޮބާ ތިގޭ ފުށްގަނޑު؟ ނަވަލް ކައިރީ ބުނޭ އަހަރެން ދާންވާއިރަށް ނޫރު ނުނިންދަވާށޭ". ޔާޒް ވާހަކަދެއްކީ ނުހަނު އަވަހަށެވެ.

" މަސައްކަތް އޮތީމަތަ ނޫނީ އެހެން ކަމެއްވީތަ؟ ހާދަ ހީވެއޭ ސިއްރުން ކަންތައްގަނޑެއް ހިންގާހެން". ކައިރީ އިން ނަވަލްއަށް ބަލާލަމުން ޔެލިޒް ބުނެލީ ލާނެތް ހިނިތުންވުމަކާއެކުގައެވެ.

" ދެން ޔެލިޒް ވެސް ދޯ. ސިއްރުން އުޅޭކަށް ނޫޅެމޭ. އެހެން ނޫނަސް ތި ހީކުރާ ގޮތަށް ނޫނޭ ކުރިޔަށް ދަނީ. ހުރޭ، މިއަދު ދިމާވެފަ ކިޔައިދޭނަން". ލުއި ހުނުމަކާއެކު ޔާޒް ބުނެލިއެވެ. އެވަގުތު ނަވަލް ވެސް އެއްޗެކޭ ބުނެލީ ޔާޒްއާ ދިމާކުރުމުގެ ގޮތުންނެވެ.

" ނަމާދު ކޮށްލަން ހިނގާ..". ޔެލިޒް ފޯނު ބޭއްވުމުން ނަވަލް ބުނެލިއެވެ.

" ކިހިނެތް ތި ހާލުގަ ނަވަލް ނަމާދުކުރަނީ؟ އައި ތިންކް ޔޫ ޝުޑް ގެޓް ސަމް ރެސްޓް ފަސްޓް". ފޯނުން ނަޒަރު ވަކިކޮށްލުމެއްނެތި ޔެލިޒް ބުނެލިއެވެ. އެވަގުތު ނަވަލްއަށް ބުމަ ކައިރިކޮށްލެވުނެވެ. މަޑުމައިތިރިކަމާއެކު ޔެލިޒްގެ ނަމުން ގޮވާލިއެވެ. އޭރު އެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. ފާޅުވާންހުރީ ސީރިޔަސްކުލަވަރެކެވެ.

" ލިޒް! ތިހެން ނުވިސްނާ! އަހަރެން މިހުރީ ނަމާދު ނުކުރެވޭފަދަ ހާލަތެއްގައި ނޫން. މި ވޭނަކީ ނަރަކައިގެ ގަދަ ހޫނާ ބަލާފަ އެއްވެސް އެއްޗަކަށް ނުވާނެކަން ޔަގީން. ވީއިރު ނަމާދު ދޫކޮށްލާފަ އަރާމުކުރަން އޮތުމަކީ ކުރެވޭނެ ކިހާ ގޯސް ކަމެއް". ނަވަލްގެ ވާހަކަ ހުރިގޮތުން ޔެލިޒް ހިމޭންވިއެވެ. ހިނދުކޮޅަކަށް އެ ވާހަކައާ މެދު ވިސްނާލެވުނެވެ. އަބަދާއި އަބަދު އަރްހަމް ވެސް އޭނާ ކައިރިން އެދެނީ ނަމާދު ކުރުމަށެވެ. އެއީ ހިތުގެ ފިނިކަން ކަމުގައި ބުނެދެއެވެ. ނަމާދުގައި ހުރެ ދުޢާ ކުރުމަށް ހަނދާންކޮށްދެއެވެ. އެހެނަސް އެކަން ޔެލިޒްއަށް ނުކުރެވެނީއެވެ. އެއީ ބުރައެއް ކަމުގައި ދެކެވެނީއެވެ. އަރްހަމް ކައިރީ ނަމާދުކޮށްގެންނޭ ބުނި ކަމުގައި ވިޔަސް ހަގީގަތަކީ ނުކުރާ ކަމެވެ.

" ލިޒް މިކަމާ ވިސްނާލައްޗޭ". ޔެލިޒް އެއްޗެކޭ ނުބުނެ އިންނަން ފެށުމުން ނަވަލް ބުނެލިއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ބެލުމެއް ނެތި ނަވަލް ކޮޅަށް ތެދުވީ ފާރުގައި އަތް ޖައްސައިގެންނެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ފާހާނާއަށް ވަދެ ވުޟޫކޮށްގެން ނުކުތްއިރު ވެސް އެ ގޮތުގައި ޔެލިޒް އިނެވެ.

" ވެއިޓް. މި އަންނަނީ ވުޟޫކޮށްގެން". އެނދުން ތެދުވެ ހިނގައިގަންނަމުން ޔެލިޒް ބުނެލިއެވެ. ލުއި ހިނިތުންވުމެއް މޫނަށް ވެރިވެގެންދިޔުމާއެކު ނަވަލް ބޯ ޖަހާލިއެވެ. ޔެލިޒްގެ ފަރާތުން ހެޔޮ ބަދަލެއް ފެނޭތޯ އޭނާއަށް ދުޢާ ކޮށްލެވުނެވެ.

ސުންނަތް ނަމާދުން ނަވަލް ފެށިއެވެ. ނަމާދު ކުރިޔަށް ދިޔަ ވަރަކަށް ޔެލިޒްގެ ހިތަށް ކުރުވީ ތަފާތު އިހްސާސެކެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ނަމާދަށް ފަރުވާކުޑަ ކުރެވުނުކަން އިޙްސާސްވުމާއެކު މެޔަށް ގޮތެއްވިއެވެ. އެ ވިސްނުމާއެކު އެ ނަފްސުގެ ހަމަޖެހުން ގެއްލުނެެވެ. ނަމާދު ނިމި ނަވަލް ސަލާމް ދިނުމުންވެސް ޔެލިޒްއަށް އިނދެވުނީ ހަރަކާތް ހުއްޓިފައެވެ. ފަސްވަރަކަށް މިނިޓްފަހުން އެސްފިޔަތަށް ތަޅުވާލުމާއެކު ޔެލިޒް ސަލާމްދިނެވެ.

މުޞައްލަ އޮޅާލުމަށްފަހު ތެދުވިއިރު ވެސް އެ މޫނުގައިވީ ނުތަވަސްކަމެވެ. ނަވަލްއަށް ވެސް އެކަން ފާހަގަވެ ސުވާލުކޮށްލިއެވެ. ޔެލިޒްގެ ފަރާތުން ފެނުނީ ހިމޭންކަމެވެ. ކަމަކާ ފިކުރު ކުރާކަން އެ މޫނުން ހާމަވެއެވެ.

އެނދުގައި އިށީނދެ ހަމަޖެހިލުމުން ވެސް ޔެލިޒްގެ ނަފްސުވީ ހާސްކަމެއްގެ ތެރޭގައެވެ. އެހެނަސް އެހެންވާންވީ ސަބަބެއް ނުވިސްނުނެވެ. މީގެ ކުރިން ވެސް ނަމާދު ނުކުރަނީ ގަސްތުގައެވެ. އަރްހަމް ބުނިކަމުގައި ވިޔަސް ކޮންމެވެސް ގޮތެއް ހޯދައި އެކަމުން ސަލާމަތްވީއެވެ. ފަހަރެއްގައި މީގެ ކުރިން އެކަމާ މެދު ފުންކޮށް ވިސްނިފައި ނެތީއެވެ.

" ކިހިނެތް ފާއިތުވެ ދިޔަ ތަނުގައި ނުކުރެވި ހުރި ނަމާދު ކުރާނީ؟". ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔެލިޒް އަހާލީ މަޑު އަޑަކުންނެވެ.

" ހަނދާން ހުރެ، ގަސްތުގައި ނުކޮށް ދޫކޮށްލާ ނަމާދުތައް ގަޟާ ކުރުމެއް ނޯވޭ. އެ ނަމާދުގެ ވަގުތު ފާއިތުވީމަ ދެން ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ. އެކަމަކު ކުރެވެން އޮތް ކަމަކީ ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާ ކޮށް ނަމާދުތައް ނާޅާ، ވީހާ ވެސް ގިނައިން ސުންނަތް ނަމާދުތައް ކުރަންވީ". ނަވަލް ބުނެލިއެވެ. އެ ޖަވާބުން ހިނދުކޮޅަކަށް ޔެލިޒް މާޔޫސްވި ނަމަވެސް ދެން ނަވަލް ބުނެލި ވާހަކައިން އެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. ނަވަލް ބުނެދިނީ ކަނޑުގެ ލޮނުގަނޑަށްވުރެ ފާފަ ގިނަ ކަމުގައި ވިޔަސް އެ ފާފަތައް ފުއްސައިވައިދެއްވާނެ ކަމެވެ. ވީއިރު ޔެލިޒްގެ ފާފަތަށް ނުފުއްސަވާނެ ސަބަބަކީ ކޮބާތޯ އަހާލިއެވެ.

" ލިޒް ނުވިސްނަންތަ ބުރުގާ އަޅަން؟". ނަވަލް އަހާލިއެވެ.

" ފަހަކަށް އައިސް ވަރަށް ވިސްނޭ ކަމެއް ތިއީ. އެކަމަކު ހޫނެއް ނޫންތަ އަބަދު ބުރުގާ އަޅައިގެން އުޅެން؟ ބުރުގާ ނޭޅިޔަސް މުސްލިމެއް ގޮތުގަ ހުރެވިދާނެ ނޫންތަ؟" ފަހު ޖުމްލަ ޔެލިޒް ބުނެލީ ހިސާބެއްގެ ޖެހިލުންވުމަކާ އެކުގައެވެ. ނަވަލް ހިތްހަމަނުޖެހިދާނެހެން ހީވެ ހުރެއެވެ. ނަމަވެސް ބަދަލުގައި ނަވަލް ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ.

" އަޅެ ލިޒް ޓްރައި ކޮށްލަބަ އަލަމާރިން ހެދުމެއް. ހޫނެއް ނުވާނެ. ހޫނު ވުމަކުން  މައްސަލައެއް ވެސް ނެތެއްނު. އެހެން ފިރިހެންނުންގެ ލޯތަކަށް ލިޒްއެއް ނުފެންނާނެ. މާތްﷲގެ ރުހިވޮޑިގަތުން ލިބޭނެ. ހިޖާބަކީ އަންހެނުންގެ ފަހުރެއް. އެހެން ނޫނަސް ލިޒް ބޭނުންތަ އަރްހަމްއަކީ ދައްޔޫސަކަށް ވާން؟". ނަވަލް އަހާލުމުން ޔެލިޒްގެ ބުމަ ކައިރވެގެން ދިޔައެވެ. ދައްޔޫސުގެ މާނަ ޔެލިޒްއަށް ނޭނގުނީކަން ނަވަލް ދެނެގަތެވެ.

" ދައްޔޫސުންނަކީ ތިމާގެ އަނބިމީހާގެ ޒީނަތްތެރިކަން ހިލޭ ފިރިހެނުންނަށް ފެނުމަށް ރުހޭ މީހުންނާ ތިމާގެ އަނބިމީހާ އެހެން ފިރިހެނުންނާ ގައިގޯޅިވެ އުޅުނަސް އަޅާނުލާ ތިބޭ މީހުން. އެފަދަ މީހުންނަނީ ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ މީހުންކަމުގަ އަންގަވާފަވޭ". ނަވަލް ކިޔައިދިނުމުން ޔެލިޒްގެ މޫނުގައިވި ކުލަވަރު ބަދަލުވެއްޖެއެވެ.

" ސީރިޔަސްލީ؟ އެކަމަކު އަރްހަމްއަކީ އެކަހަލަ މީހެއް ނޫން". ޔެލިޒްއަށް ބުނެވުނީ އިހްތިޔާރަކާ ނުލައެވެ. ހިނިތުންވުމަކާއެކު ބޯ ޖަހާލަމުން ނަވަލް ތެދުވީ އުނދަގުލުންނެވެ. އަލަމާރި ހުޅުވާލުމަށްފަހު އޭނާ ނެގީ ހުދު ކުލައިގެ ކޮތަޅެކެވެ. އެނބުރި އައިސް އެނދުގައި އިށީނދެ އެ ކޮތަޅު ޔެލިޒްއަށް ދިނެވެ.

" މި ކޮތަޅުގަ ހުންނާނެ ހެދުން. ވަރަށް ފަހުން ގެނައި އާ ހެދުންކޮޅެއް ތި. ލިޒްއަށް ހަދިޔާއަކަށް މި ދިނީ". ނަވަލް ބުނެލުމުން ޔެލިޒް އެ ކޮތަޅުގައި ހުރި އެއްޗެއް ބަލާލިއެވެ.

އޭނާއަށް އެއްޗެއް ބުނެވެން ވާއިރަށް ކޮޓަރީގެ ދޮރު ހުޅުވުނެވެ. ކުލްސޫމްގެ އަތުތެރޭ އޮތް ނޫރު ގެނެސް ނަވަލްގެ އެނދާއި ޖެހިގެން ހުރި ކުޑަ އެނދުގައި ބޭއްވިއެވެ.

" ވަރަށް އަވަހަށް ނިދައިފި" ކުލްސޫމް ބުނެލިއެވެ. ނަވަލް ރައްދުކޮށްލީ ލުއި ހިނިތުންވުމެކެވެ. އަދި އަރާމުކޮށް ނިދާފައި އޮތް ނޫރުއަށް ބަލާލިއެވެ. އެއާއެކު ހިނދުކޮޅަކަށް ނަމަވެސް އެ މޫނުގައިވި ހިނިތުންވުން ފޭދުނެވެ. އެ ތުއްތު ދަރިފުޅުދެކެ ހިތާއި ފުރާނައިން ލޯބިވި ކަމުގައި ވިޔަސް އެ ސޫރަ ފެނިލާ ކޮންމެ ހިނދަކު ނަވަލްގެ ލޯ ކުރިމަތީ މާޒީ ތަކުރާރުވާކަހަލައެވެ. ނޫރުގެ ސިފަތައް ބޮޑަށް ވައްތަރީ ކައިސަންއާއެވެ. ހިނިތުންވެލާއިރު ކޯތާފަތަށް އެޅިގެންދާ އަޑިކޮޅުން ފެށިގެން ގޮސް ބުމައާއި، އިސްތަށިގަނޑު އަދި ލޮލުގެ ކުލަ ވެސް އެއްގޮތެވެ. ބަލާލި ކޮންމެ މީހަކަށް ވެސް އެ ދަރިފުޅު ވައްތަރީ ނަވަލްއާ ނޫންކަން އެނގޭހާވެއެވެ.

********************

އޮފީހުގެ ކެބިންގައި އިން ކައިސަންގެ ލޯ ވަނީ މަރާލެވިފައެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން އިން އިރު އެއް ވަރަކަށް ގޮނޑި އަނބުރަމުން ދިޔަ ގޮތުން ފުން ވިސްނުމެއްގައި އިންކަން އެނގެއެވެ. އެހެން އިނުމަށްފަހު މޭޒުމަތީ އޮތް ފޯނު ނެގިއެވެ. ފޯނު ހުޅުވުމާއެކު ފެނިގެން ދިޔައީ އިސްލާމީ ރިވެތި ނިޤާބުން ޒީނަތްތެރިވެފައިވާ އަންހެނެކެވެ. އެ އަންހެންމީހާގެ އަތުތެރޭ ތުއްތު ކުއްޖެއް އޮތް އިރު އެ ކުއްޖާގެ މޫނު ނިވާވެފައި ވިއެވެ.

މީގެ ތިން މަސް ކުރިން ކައިސަން އެ ދުވަހު ހޮސްޕިޓަލަށް ދިޔައީ އެއްވެސް ވަރަކަށް ނަވަލް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް އެ ދުވަހު ދެވުނުކަން އެއީ އޭނާގެ ނަސީބު ކަމުގައި ކައިސަން ގަބޫލު ކުރިއެވެ. އެހެން ނޫން ނަމަ ނަަވަލް ވިހެއިކަން ވެސް ނޭނގުނީހެވެ. އެ ދުވަހުގެ ފަހުން ކައިސަން، ނަވަލް ފެނޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. އެހެނަސް އެކަން ކާމިޔާބުވާގޮތެއް އަދި ނުވެއެވެ.

އެ ދަރިފުޅަކީ ކައިސަންގެ ވެސް ލެއެވެ. ދަރިފުޅު ދެކިލާހިތް ވެއެވެ. ނަވަލް ކައިރިން މާފަށް އެދި އެނބުރި އެ ހަޔާތަށް އައުމަށް އެދޭ ހިތްވެއެވެ. މިހާރު އެ ދަރިފުޅަށް ތިން މަސް ވެދާނެއެވެ. އެހެނަސް ކުޑަ މިނުން ކިޔާ ނަން ވެސް އެނގެނީ ނޫނެވެ. ކޮން ކަހަލަ ކުއްޖެއް ކަމެއް ވެސް ނޭނގެއެވެ. ކައިސަން ކަހަލަ ފިރިހެން ކުއްޖެއް ބާއެވެ؟ ނޫނީ ނަވަލް ފަދަ ރީތި އަންހެންކުއްޖެއް ބާއެވެ؟

އެ ހިޔާލާއެކު ކައިސަންއަށް ހީލެވުނެވެ. ނަވަލް މިހާރު ހުންނާނެގޮތެއް ސިފަކޮށްލެވުނެވެ. އެ ރީތިކަން ފަނޑުވާނެހެން ހިއެއް ނުވެއެވެ. އަދިވެސް ހީލާއިރު އެހާ މައުސޫމް ވާނެބާއެވެ؟ އެ މަޑު ކޯތާފަތުގައި ބީހިލަން ކައިސަންގެ ހިތް އެދުނެވެ.

އެހެނަސް އެ ފުރުސަތު ލިބޭނެބާއެވެ؟ ނަވަލްގެ މާފު ލިބިދާނެހެއްޔެވެ؟ އެ ތުއްތު ދަރިފުޅު ދެކިލަން އެންމެ ފުރުސަތެއް ނަމަވެސް ލިބިދާނެބާއެވެ؟

އެވަގުތު ކެބިންގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު ކައިސަންއަށް ހިޔާލުތަކުން ބޭރުވެވުނެވެ. އެތެރެއަށް ވަން ޖީނާ ފެނުމާއެކު ކައިސަންއަށް ހަށިގަނޑު ސީދާ ކޮށްލެވުނެވެ.

" ނުދާނަންތަ ހަމަ؟". ޖީނާ އަހާލީ ކެބިންއަށް ވަނުމަށްފަހުގައެވެ. ކަނާތު ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ތެރެއިން ނެގި ތަޅުދަނޑި މޭޒުމަތީ ޖީނާ ބޭއްވިއެވެ.

" ހޫމް.. ދޮންބެ މިކޮޅުގަ މަޑުކުރާނީ. ޖީންއާއި މަންމަ އެންޖޯއީ ކޮށްލާ. ވަރަށް އަވަހަށް ޖީންމެން ކައިރިއަށް ދާނަން". ކައިސަން އައިސް ޖީނާގެ ކުރިމައްޗަށްވާ ގޮތަށް މަޑުކޮށްލިއެވެ.

" ޕްލީޒް ކަމް ސޫން. މަންމަ ވެސް ދެން ބޭނުން ނުވޭ މިކޮޅަށް އެނބުރި އަންނަން. ދޮންބެ ވެސް ދާން މަންމަ ބޭނުންވޭ". ޖީނާގެ އަޑުގައި މޮޅިވެރިކަން އެކުލެވިފައިވިއެވެ.

މަންމަ ނެހާންއާއި އެކު މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކުރަން ޖީނާ ނިންމީ މީގެ ހަފްތާއެއް ކުރިންނެވެ. ވަރީގެ ކަންތައް ނިމި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެ ފަސްގަނޑުގައި ހުންނަން ނެހާން ބޭނުން ނުވިއެވެ. ސާއިފްއަށްޓަކައި އެ ހިތް އެއްކޮށް ފިނިވީއެވެ. ޖީނާއަށް ވެސް ކަމުދިޔައީ އެގޮތެވެ. ނަމަވެސް ދެރަވަނީ ކައިސަން އެނބުރި ދާން އެއްބަސް ނުވާތީއެވެ.

" އައި ވިލް މިސް ޔޫ ދޮންބެ. ދަނީ". ކައިސަން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ޖީނާ ބުނެލިއެވެ. އަދި ކައިރިއަށް ޖެހިލާ އެ ހަށިގަނޑުގައި ބައްދާލިއެވެ.

ޖީނާ ދިޔުމުން ވެސް ކައިސަންއަށް ހުރެވުނީއެވެ. އޭނާއަށް އުނދަގޫ ކުރުވަމުން ދިޔައީ އެންމެ ހިޔާލެކެވެ. ކެތްތެރިކަމެއް ނެތި ހިތް އެދެމުން ދިޔައީ އެންމެ ސޫރައެއް ދެކިލުމަށެވެ. އެ އަޑު އަހާލުމަށެވެ. ސިކުނޑި ހާސްވާން ފެށުމާއެކު ސިގިރެޓެއް ރޯ ކޮށްލުމަށްފަހު ކައިސަން ކުޑަ ދޮރު ކައިރިއަށް ޖެހިލިއެވެ.

********************

ޔާޒްއަށް ދެވުނު އިރު ފަހެއް ޖަހަން ކައިރިވެއްޖެއެވެ. ގޭގެ ދޮރު ހުޅުވީ ކުލްސޫމްއެވެ. ކުލްސޫމްއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ނަވަލް ކޮބައިތޯ ޔާޒް އަހާލިއެވެ.

" ޔާޒް ދޭބަލަ މައްޗަށް. ނަވަލް އެބައުޅޭ ނޫރު ރީތިކުރަން. ލިޒް ވެސް ވެއްޖެ އެ ކޮޓަރީގަ. މަންމަ ހީކުރީ ދެން މިއަދު ޔާޒް ނާންނަނީ ކަމަށް". ކުލްސޫމް މަންމައޭ ބުނެ މުހާތަބު ކުރުމުން ޔާޒްގެ މޫނަށް ކުޑަ ރަތްކަމެއް ފާއްދާލިއެވެ. އަވަސް އަވަހަށް ބޯ ޖަހާލަމުން ހިނގައިގަތްއިރު އެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ.

" އާދެވިއްޖެ ދޯ އެންމެ ފަހުން". ޔާޒް ވަނުމާއެކު ސޯފާގައި އިން ޔެލިޒް ބުނެލިއެވެ. ތުންކޮޅު އަނބުރާލަމުން ޔާޒް ޖެހިލީ ނަވަލް ކައިރިއަށެވެ.

" ޔާއްތުގެ ލޯބި ކޮޅު.. ހާދަ މީރުވަހެކޭ މި ދުވަނީ".. އެނދުގައި އޮތް ނޫރުގެ ކޯތާފަތުގައި ފިރުމާލަމުން ޔާޒް ބުނެލިއެވެ.

" ކޮން ޔާއްތުއެއްތަ؟ ދުވަސްކޮޅަކުން ވާނެ އެންނު ދޮންބެދައްތިއަށް". އަނެއްކާ ވެސް ބުނެލީ ޔެލިޒްއެވެ. އެއާއެކު ޔާޒް އަނގަޔަށް ގޮތެއް ހަދާލައިފިއެވެ.

" ދެން ނިކަން ބުނެބަލަ؟ ކީކޭތަ ދޮންބެ ބުނީ؟ ހަމަ ހިލާ ކިޔައިދޭކަށެއް ނޫޅުނު ވިއްޔާ!" ނަވަލް ވެސް އެންމެ ފަހުން އަހާލިއެވެ.

" ސާބަހޭ އިނގޭ. އުމައިރް ނުބުނޭ ވަކި އެއްޗެއް. މަންމަ ކައިރިން އެހީ އަހަންނާ ކައިވެނި ކުރަން ވެގެން. " ރަކި ހިނިތުންވުމަކާއެކު ޔާޒް ބުނެލުމުން ޔެލިޒް ހޭންފެށިއެވެ. އެއާއެކު ޔެލިޒްއާ ދިމާލަށް ޔާޒް ކަޅި އަޅާލިއެވެ.

" ދެން ނަވަލްގެ ކައިވެނި ވެސް އޮތީ އެންނު ކުރިޔަށް. އަރްޔަންއަށް ޖަވާބެއް ނުދޭނަންތަ އަދިވެސް؟ " ޔާޒްގެ ސުވާލާއެކު އެ ކޮޓަރިއަށް ވެރިވީ ހިމޭންކަމެވެ. ނަވަލްގެ މޫނުގައިިވި ހިނިތުންވުން ވެސް ފޭދުނީއެވެ. ދޭނޭ ޖަވާބެއް ނޭނގިފައި ނަވަލްއަށް އިނދެވުނެވެ.

" އައިމް ސޮރީ..". ނަވަލް ހިތްހަމަނުޖެހުނީހެން ހީވެ ޔާޒް ބުނެލިއެވެ.

" ނޫން. އަހަރެން.. އަހަންނަށް ނޭނގެ ދޭނެ ޖަވާބެއް.". ނަވަލް ބުނެލީ މަޑުމަޑުންނެވެ.

" އަޅެ ނަވަލް. ރަނގަޅަށް ވިސްނާލަބަ. ކިހާ ދުވަހެއް ވެއްޖެ އަރްޔަން އިންތިޒާރުގަ ހުންނަތާ މިހާރު؟ ގައިމު އަރްޔަންގެ ހިތުގަ ނަވަލްއާ މެދު އުފެދިފައިވާ އިހްސާސްތައް ރަނގަޅު ނޫން ނަމަ ހީވޭތަ އެގޮތުގަ ހުންނާނެހެން؟ ނަވަލް ބޭނުން ދުވަހަކުން ޖަވާބެއް ދޭން އަރްޔަން އެހުރީ ދޫކޮށްލައިގެން. ހީ އިޒް ގުޑް. ނަވަލްއަށް އެންމެ އެކަށީގެންވާ މީހަކީ އެއީ އޭ ލިޒްގެ ހިތް ބުނަނީ". ޔެލިޒް ބުނެލިއެވެ.

" ނޫން. އެއީ އަރްޔަންއަށް ހީވާގޮތެއް. ކިހިނެތް އަރްޔަން އަހަންނާ އެކީ އުޅޭނީ؟ ހައު ކެން ހީ ބީ އަ ފަރދާ ޓު ނޫރު؟ ކިތަންމެ ވަރަކަށް ބުންޏަސް ނޫރު ދެކެ އަރްޔަން ކިހިނެތް ލޯބި ވާނީ؟ އަރްޔަންއާ އަހަރެން ނުގުޅޭ. އަރްޔަން ޑިސަރވްސް ބެޓާ. އަހަންނަށްވުރެ މާ ރަނގަޅު ކުއްޖެއް ވެސް އަރްޔަންއަށް ލިބިދާނެ." ނަވަލްގެ ވާހަކަ މެދުކެނޑުނެވެ.

" ތިއީ ނަވަލް އަމިއްލައަށް ވިސްނާގޮތެއް. އެކަމަކު ޕޮސިޓިވް ސައިޑަށް ވިސްނާލާފަ އެއްޗެއް ބުނެބަލަ. އަރްޔަންއަށް ނޭނގޭ އެއްޗެއް އެބައޮތްތަ؟ ނަވަލްގެ ހަގީގަތް އަރްޔަންއަށް އެނގޭ. އެ ހަގީގަތާ އެކު ވެސް އަރްޔަން ހުރީ ނަވަލް ބަލައިގަންނަން. ނަވަލް ބޭނުން ނުވޭތަ އަރްޔަން ފަދަ ޒުވާނެއް ތި ދިރިއުޅުމަށް؟ ނޫރުއަށް ބޭނުން ނުވާނެތަ ބައްޕައެއްގެ ލޯބި؟". ޔާޒްގެ ވާހަކައިން ނަވަލްގެ ބަސް ހުއްޓުނެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސު ބޭނުންވާގޮތާ މެދު ވިސްނާލަން ޔާޒް ހަނދާންކޮށްދިން ކަހަލައެވެ.

އިރުކޮޅަކަށް އެކަކު ވެސް ވާހަކަ ނުދައްކާ ތިއްބެވެ. އޭރު ނަވަލްގެ ނަޒަރު އަމާޒުވެފައިވީ ނޫރުއަށެވެ. އެ ސިކުނޑީގައި އެތަށް ހާސް ހިޔާލުތަކެއް ދައުރުވަމުންދާކަން އެނގެނީ އެ މޫނަށް އިރުއިރުކޮޅާ ވެރިވާ އަސަރުތަކުންނެވެ.

*********************

އަށްގަޑި ބައިވާން ކައިރިވެފައި ވަނިކޮށް އަރްހަމް އައެވެ. ޔެލިޒް ނުކުންނާނެ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން އިނީ ގޭގެ ބޭރުގައެވެ. މި ދަނީ ކަމުގައި ބުނެ ޔެލިޒްގެ މެސެޖެއް ލިބުނުތާ ފަސްވަރަކަށް މިނިޓް ފަހުން "ނޫރު" ގޭގެ ދޮރު ހުޅުވުނެވެ.

އެ ދިމާލަަށް ނަޒަރު ހުއްޓާލެވުމާއެކު ހިނދުކޮޅަކަށް އަރްހަމް އަށް ހުރެވުނީ ގަބޫލުކުރަން ދަތިވެފައެވެ. ކަޅު ހެދުމުން ނިވާވެ ހުރި ޔެލިޒްގެ ފެންނާން ހުރީ ދެއަތްތިލައާއި މޫނު އެކަންޏެވެ. އެއްވެސް މޭކަޕެއް ނެތް އިރުވެސް އެ މޫނު ސާދަވިލޭރޭގެ ހަނދުހާ ފުރިހަމައެވެ. ފިޔާތޮށި ކުލަ އަރާ ތުންފަތުގައިވީ ރަކި ހިނިތުންވުމެކެވެ. އަރްހަމްއަށް ބަލާލުމަށްފަހު އެ ކަޅުކަންގަދަ ބޯ އެސްފިޔަތަށް ތިރިކޮށްލި ގޮތުން އެކަނި ވެސް އެ އަންހެންކުއްޖާގެ ލަދުރަކިކަން ހާމަވެއެވެ.

" އިޒް ދިސް ރިއަލީ ޔޫ ؟".. ޔެލިޒް އައިސް ކައިރީގައި ހުއްޓުމާއެކު އަރްހަމް ބުނެލީ އާޝޯޚުވެފައިވާ މީހެއް ފަދައިންނެވެ.

" ކިހިނެތްވީ؟ ހަޑީތަ؟". ޔެލިޒް އަހާލިއެވެ.

" ނޫން. ތިފަދަ ރީތިކަމެއް ދުވަހަކުވެސް ނުދެކެން. މާޝާﷲ. އަސްލުވެސް ވަރަށް ފުރިހަމަ..". އަރްހަމްގެ ދުލުން އޮހެމުންދިޔަ ތަޢުރީފުގެ ބަސްތަކާއެކު ޔެލިޒްއަށް ހުރެވުނީ ހިނިތުންވެފައެވެ. އަރްހަމްގެ މޫނުގައިވި އުފާވެރިކަމާއެކު ޔެލިޒްގެ ހިތަށް ވެސް ހަމަޖެހުން ގެނުވައިދިނެވެ.

" ލެޓްސް ގޯ.." ޔެލިޒްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލަމުން އަރްހަމް ބުނެލިއެވެ. ސައިކަލުގައި ގޮސް ދެމަފިރިން ކައިރި ކުރީ އާޓިފިޝަލް ބީޗަށެވެ. ސައިކަލު ޕާކު ކުރުމަށްފަހު ކައިރީ ހުރި ތަނަކުން ޖޫގޯއެއް ގަނެގެން ގޮސް މަޑުކޮށްލީ އާޓިފިޝަލްގެ ބީޗުގައި ހަދާފައިވާ ހަޓެއްގައެވެ.

" ކިހިނެތްވީ މާ ވަރަކަށް ބަލަނީ؟". އެންމެ ފަހުން ޔެލިޒް އަހާލިއެވެ. އެހެނަސް އެއްޗެކޭ ބުނަން އަރްހަމް ނޫޅުނެވެ. ހިނިތުންވެލައިގެން އިނީއެވެ.

" އަހަރެންގެ އަނބިމީހައާ ދިމާލަށް ބެލުމުގެ ހައްގު ލިބިގެންވާނެއެންނު. މިރޭ ލިޒް ހީވަނީ އެހެން މީހެއްހެން. ތިހާ ރީތި ކުއްޖަކު ފެނުނީމަ އެންމެނަށް ވެސް ބެލޭނެ". އަރްހަމް ބުނެލުމުން ޔެލިޒް ހޭން ފެށިއެވެ.

" އެހެންވީމަ އަރްހަމްއަށް އޯކޭތަ އެހެން ފިރިހެނުން ލިޒްއަށް ބެލިޔަސް؟". ޔެލިޒް އަހާލުމުން އަރްހަމްގެ މޫނުގައިވި ހިނިތުންވުން ފަނޑުވިއެވެ.

" ނެވަރ.. ޔޫ އަރ އޮންލީ މައިން". އަރްހަމް ބުނެލިއިރު އެ މޫނުން ފާޅުވެލީ ތަފާތު އަސަރެކެވެ. ވެރިވެގެން ދިޔަ ހިމޭންކަމާއެކު އަރްހަމް ޔެލިޒްއަށް ބަލާލިއެވެ.

" އަމް.. ލިޒް ބޭނުންވޭތަ މި ކައިވެނި ކުރިޔަށް ގެންދަން؟ ބީ ޓްރުތްފުލް އޯކޭ؟". އަރްހަމް އަހާލިއެވެ. އެހިނދު ޔެލިޒްގެ ނަޒަރު އަރްހަމްއާ ވަކިވިއެވެ. އެ މޫނުން ހިސާބެއްގެ ނުތަވަސްކަމެއް ފާޅުވީ ކީއްވެކަމެއް އަރްހަމްއަށް ނޭނގުނެވެ.

" ހިނގާ ގެއަށް ދާން. ވަރަށް ލަސްވެއްޖެ..". އެއްޗެކޭ ނުބުނެ އިނުމަށްފަހު ޔެލިޒް ބުނެލިގޮތުން އަރްހަމް މާޔޫސްވިއެވެ. އެހެނަސް އިތުރަށް އެވާހަކަ ކުރިޔަށް ގެންދިޔުމަށް ހުދު އަރްހަމް ވެސް ބޭނުންނުވިއެވެ. ޔެލިޒްގެ ހިތުގައި ހިނގާ އިހްސާސްތަކެއް ނޭނގެއެވެ. އެ އަމަލުތަކުން ބުނެދެނީ އެހެން ވާހަކަތަކެކެވެ. އެ ލޮލުން އަރްހަމްއަށް ފެންނަނީ ލޯބިހެން ހީވެއެވެ.

**********************

ނަވަލްއަށް ހޭލެވުނީ ބާލީސް ކައިރީ އޮތް ފޯނު ރިންގުވާ އަޑަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލުމާއެކު ފުރަތަމަ ވެސް ބަލައިލެވުނީ ކައިރީ ނިދާފައި އޮތް ތުއްތު ދަރިފުޅަށެވެ. ނޫރުއަށް ހޭލެވުމުގެ ކުރިން ނަވަލް އަވަސް އަވަހަށް ފޯނުގެ ރިންގު އޮފް ކޮށްލީ ގުޅަނީ ކާކުތޯ ބެލުމެއް ނެތިއެވެ. ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް އޭނާ ބަލާލީ ދެނެވެ. އޭރު ގަޑިން 12:45 ހިނގައި އެކެއް ޖަހަން ކައިރިވެއްޖެއެވެ. ބުމަ ކައިރިކޮށްލެވުމާއެކު އެފަދަ ގަޑިއެއްގައި ގުޅާނެ ފަރާތަކާ މެދު ނަވަލްއަށް ވިސްނާލެވުނެވެ. ބާލީސް ދަށަށް އަތް ކޮށްޕާލުމަށްފަހު ފޯނު ނަގައި ނަވަލް ބަލާލިއެވެ. ސްކްރީނަށް އަރާފައިވާ ނަންބަރު ސޭވްކުރެވިފައި ނެތް ނަމަވެސް އެއީ ކާކުކަން އެނގިއްޖެއެވެ. މޫނަށް ވެރިވި ނުތަވަސްކަމާއެކު އެ ނަޒަރު އަމާޒުވެލީ ނޫރުގެ ތުއްތު މޫނަށެވެ.

= ނުނިމޭ =

Ads by HDC
  1. އައިންތު

    ޙާދަ ދުވަހަކަށް ފަހު އޭ އާ ބައެއް މި ކިޔާލެވުނީ.
    31 ވަނަ ބައި ދެން ކޮން އިރަކުންބާ!!!

  2. ފާތުން

    ހާދަ ދުވަހަކައް ފަހުއޭ މިވާހަކަ އަޕްލޯޱްކުރަނީ

  3. ފާތުން

    މިވާހަކަ ހާދަ ދުވަހަކައް ފަހުއޭ އަޕްލޯޱް ކުރަނީ