ރައީސް ޔާމީން ހާ އަލިފަށް ވަޑައިގަންނަވަނީ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހއ.އަތޮޅަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ ފަސް ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ވަޑައިގަންނަވާނީ ކެލާ, ބާރަށް, ދިއްދޫ, އިހަވަންދޫ އަދި ތުރާކުނަށް ކަމަށް ހީނާ ވިދާޅުވިއެވެ.
''ޕާޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި, ހަމައެހެންމެ ވަޑައިގަންނަވާ ރަށްރަށުގެ ޢާންމު ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ.'' ހީނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މަޢުލޫމާތު ދެއްވަނީ. ފޮޓޯ: ޕީޕީއެމް
ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ކުރައްވާ ދެވަނަ ދަތުރުފުޅުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މަޢުލޫމާތުތައް އެއްކުރެއްވުން ހިމެނެއެވެ. އެ ގޮތުން ޒުވާނުންގެ މެނިފެސްޓޯއާއި, މަސްވެރިންގެެ މެނިފެސްޓޯއާއި, އަންހެނުންގެ މެނިފެސްޓޯ އަދި ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ވެސް ކުރިއަށްދާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކުރުމާއި, ރިޔާސީ އިންތިޚާބަށްޓަކައި ވާންޖެހޭ ތައްޔާރީތައްވުމާއި, މިހާރު ރަށްރަށުގައި ހުރި މައްސަލަތައް ދެނެގަތުމާއި, ޕާޓީއަށް މެންބަރުން އިތުރުކުރުންފަދަ ކަންކަން މި ދަތުރުފުޅުގައި ކުރިއަށްދާނެކަމަށް ހީނާ ވިދާޅުވިއެވެ.
''ދަތުރުފުޅުތައް ކުރައްވާއިރު އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެ އަތޮޅެއްގެ ހުރިހާ ރަށަކަށް ވެސް ދަތުރުކުރައްވަން. އެހެންނަމަވެސް ވަގުތު ހުންނަ ގޮތުން އަދި ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތަކުން ހުރިހާ ރަށަކަށް އެއްފަހަރާ ވަޑައިގެންނެވޭ ގޮތެއްނުވޭ. އެހެންނަމަވެސް އެ ވަޑައިގަންނަވާ ރަށެއްގެ ކައިރީގަ އޮންނަ ރަށްރަށުގެ ބޭފުޅުންނަށް ވެސް ހަމަ އެ ރަށަކަށް ވަޑައިގެން ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފަ.''
ހީނާގެ ވާހަކައިގައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހއ.އަތޮޅުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާއި, އެ ގޮތުން ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދެވިކަން ވެސް ފާހަގަ ކުރައްވައިފައެވެ.
2013 އިން 2018 އަށް:
އިހަވަންދޫގައި 14 މަޝްރޫޢު.
ކެލާގައި 16 މަޝްރޫޢު.
ދިއްދޫ 27 މަޝްރޫޢު.
ބާރަށް 17 މަޝްރޫޢު.

2018 ގައި ކެލާގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފެށުން. ފޮޓޯ: ރައީސް އޮފީސް
18 ޖުލައި 2018 ގައި ދިއްދުއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ އެ ރަށުގައި ގާއިމުކުރެއްވި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާހު ކޮށްދެއްވައި, އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަ ކުރައްވައި, އެ ރަށުގެ މަގުހެދުމުގެ މަސައްކަތް ނިމުން ފާހަގަކުރައްވައި, އެ ރަށުގައި ހެދި ހައުސިންގ ޔުނިޓްތައް ހުޅުއްވައި ދެއްވާފައެވެ.

2018 ގައި ދިއްދޫގައި ފެނުގެ ޚިދުމަތް ފަށްޓަވައި ދެއްވުން. ފޮޓޯ: ރައީސް އޮފީސް
ހަމަ އެ ދަތުރުފުޅުގައި ކެލަޔަށް ވަޑައިގެން ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވިއެވެ. ބާރަށަށް ވަޑައިގެން އެ ރަށުގައި މެރީނާ ގޮތަށް ހަދާފައިވާ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވިއެވެ. ހަނިމާދޫއަށް ވަޑައިގެން ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވިއެވެ.