ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ''ފުނޑާލައިފައިވާތީ'', މަސްވެރިންގެ ޝަކުވާތައް ސަރުކާރަށް އަޑު އިއްވުމަށް އިއްޔެ ކުރި މުޒާހަރާއިން ހައްޔަރުކުރި މީހުން މިނިވަންކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ނުފުއްދާތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ''ލޭނާރު'' ގެ ނަމުގައި އިއްޔެ ކުރި މުޒާހަރާ ފެށީ މަރުކަޒީ ބޭންކް, އެމްއެމްއޭ ސަރަހައްދުގައެވެ.
ނަމަވެސް ބާރުގެ ބޭނުންކޮށްގެން ފުލުހުން ވަނީ މުޒާހަރާ ރޫޅައިލައި, 10 މީހުން ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ހަތް އަންހެނުންނާއި, ތިން ފިރިހެނުންނެވެ.
ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ މުޒާހަރާގެ ބައިވެރިން އަޑުއުފުލީ މި ސަރުކާރުން މަސްވެރިކަމުގެ މުޅި ސިނާޢަތު ހަލާކުކޮށް, ދިވެހި މަސްކަނޑުތަކުގައި ބޭރުގެ ބޯޓުފަހަރަށް ދާއަޅަން ޖާގަދީ ސަރުކާރުން މަސްވެރިން ނިކަމެތިކޮށްފައިވާތީ ކަމަށެވެ.
''....މަސްވެރިންގެ ޙައްޤުގައި އަޑުއުފުލި އެތައް ރައްޔިތެއް އަނިޔާވެރިކަމާއެކީ ހައްޔަރަށްލުން ކުށްވެރިކޮށް މިހާރުން މިހާރަށް ދޫކޮށްލަން ގޮވާލަން.'' ޝިޔާމް ވިދާޅުވިއެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ކުރެއްވި ޓުވީޓެއްގައި ވެސް ވަނީ, މަސްވެރިންގެ ޙައްޤުގައި އިހުތިޖާޖު ކުރުމުން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ގޮވައިލައްވާފައެވެ.
''މީހުން ހައްޔަރު ކުރިޔަސް ޕީޕީއެމް/ޕީއެންސީ ސަޕޯޓަރުން ފަހަތަކަށް ނުޖެހޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވާނަން. ކުރިއަށް އޮތީ އުންމީދާއި ދިރުން.'' ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ''ޕާޓީ މީހުން މަގުމައްޗަށް ނުކުންނަން މަޖުބޫރު ކުރުވަންޏާ ދެން ފެންނާނީ [ވެރިކަން] ވެއްޓޭތަން'' ކަމަށެވެ. އޭނާ ވެސް ވަނީ ހައްޔަރީން ދޫކޮށްލަން ގޮވައިލައްވައިފައެވެ.
މި ސަރުކާރުން ވެރިކަމަށް އައީ މަސްވެރިން ބާނާަ މަހަށް ހަމަ އަގު ހޯދައިދީ, މަސްވެރިންނަށް ޚާއްސަ ޕްލެޓްފޯމުތައް ގާއިމުކޮށްދޭނެ ކަމަށް ވަޢުދުވެގެންނެވެ. އަދި ތެލުގެ އަގު ހެޔޮ ކުރުމާއި, ކަންނެލި ޖަގަހަތަކާއި, ގޭދޮށު މަސް ފެކްޓްރީތައް ގާއިމުކޮށްދޭން ވަޢުދުވެގެންނެވެ.
ދާދިފަހުން ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވަނީ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީން ވިދާޅުވީ ''މަސްވެރިން ޕްލެޓްފޯމުގައި ތިއްބާ'' ފެނިގެން މިދަނީ ދިވެހި މަސްކަނޑުތަކަށް އިންޑިއާގެ ބޯޓުތައް ވަދެ, ލޭނު އަޅާލައިގެން ވަގަށް މަސްގެންދާ މަންޒަރު ކަމަށެވެ.
''އެހެންވީމަ ވަޢުދު ފުދިއްޖެ ނޫންތޯ.“ ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ 2015 އިން 2018 އަށް މަސްވެރިންނަށް އޭރު ދަތިވި ވަރަށް ގިނަ ކަންކަން ހައްލުކޮށްދެއްވި ކަމަށް ވެސް ވިދާޅުވެފައެވެ.