ޚަބަރު ޝަރުޢީ ދާއިރާ

ސްޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނާ ގުޅިގެން ހައިލަމް ފާޑުވިދާޅުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް/ ފޮޓޯ: އަވަސް

ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ހެކިންގެ ހެކިބަހުން ޗެއިން އޮފް ކަސްޓަޑީ ކަށަވަރު ކުރެވޭނެކަމަށް ބުނެ ސްޕްރީމް ކޯޓުން ޕްރެކްޓިސް ޑައިރެކްޝަނެއް ޢާންމުކުރުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

ޑްރަގެ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާ މީހުންގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް, ޗެއިން އޮފް ކަސްޓަޑީގެ ލިޔުންތަކުގައި މައްސަލަ ހުރުމުން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ސްޕްރީމް ކޯޓުން މި މަހުގެ ނުވަވަނަ ދުވަހު ވަނީ, ޑްރަގްގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީޢަތުގައި ފެންމަތިވެއްޖެ ހިނދެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ޝަރީޢަތަށް ހާޒިރުކޮށް ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެކަމަށް ބުނެ, ޕްރެކްޓިސް ޑައިރެކްޝަނެއް ޢާންމުކޮށްފައެވެ.

''މަސްތުވާތަކެތީގެ މައްސަލަ ތަހުލީލު ކުރެވިފައިވަނީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރު ކުރުމުގައި, ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތްނަމަ, ނުވަތަ ޗެއިން އޮފް ކަސްޓަޑީއާމެދު ސުވާލު އުފެދޭކަމެއް އޮތްނަމަ, އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި, އެ ޗެއިންގައި ހިމެނޭ އެންމެހައި ފަރާތްތައް ޝަރީޢަތަށް ހާޒިރުކޮށް, ނުވަތަ ޗެއިން މެދުކެނޑިފައި ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީޢަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމާ ހެކިންގެ ހެކިބަހުން ތަހުލީލު ކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ހިޒާޔަތުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައިވާ ކަމަށް ބަލަންވާނެ.'' އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ޢަދުނާން ސޮއިކުރައްވައި ސްޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވެއެވެ.

މިކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާއިރު ހައިލަމް ވިދާޅުވީ ދަޢުވާ ހުށަހަޅާއިރު މައްސަލަ ސާބިތުކުރަން ބޭނުންވާ އެންމެހައި ހެކިތައް ދަޢުވާ ފޯމުގައި ހިމަނަންޖެހޭނެ ކަމަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް ބަޔާންކޮށްފައިވާއިރު ޝަރީޢަތުގެ މަރުހަލާގެ މެދުތެރެއިން ހެކި ހުށަހެޅުމަށް ފުރުސަތު ދިނުމަކީ, އެ ހެކި ޠަޢުނުކުރުމަށް (ޗެލެންޖުކުރުން, ވާދަކުރުން, އިސްތިއުނާފުކުރުން) ދަޢުވާލިބޭ ފަރާތަށް އޮންނަ ޙައްޤު ގެއްލި އިޖުރާއީ ތަރުތީބު ފުނޑުފުނޑުވެގެންދާނެކަމެއް ކަމަށް ވެސް ހައިލަމް ވިދާޅުވިއެވެ.

ހައިލަމް ވިދާޅުވީ ދަޢުވާ ކުރުމަށްފަހު, ފުރިހަމަނުވާ ޗެއިންތަކުގައި ފުލުހުންނާއި, ދައުލަތުން ގުޅިގެން ސޮއި/ތާރީޚް ޖަހައިފައިވާކަން ފާހަގަކުރެވިފައިވާއިރު މިފަދަ ގޮތަކަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަކީ ކަންބޮޑުވެވަޑައިގަންނަވާކަމެއް ކަމަށެވެ.

ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރު ޢަބްދުލް މާނިއު ޙުސައިން ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ޤާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށާއި, ފަނޑިޔާރުން ޤާނޫނާ ޚިލާފުވުމަކީ ޤާނޫނުއަސާސީގެ 142 ގައި މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

''މި ފަދައިން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ގާނޫނުއަސާސީގެ 141ގެ (ނ) އާ ވެސް ޚިލާފުކަމެއް. ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަކީ ސްޕްރީމް ކޯޓުން ވިޔަސް ކޮށްގެންވާނެ ކަމެއް ނޫން.''

މާނިއު ވިދާޅުވީ ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނަކީ ގާނޫނުއަސާސީގެ 143ގެ (ރ) އަށް ފެއްތޭނެ އެއްޗެއް ވެސް ނޫން ކަމަށާއި, އެއަށް ދަށު ކޯޓުން ތަބާވާކަށް ނުޖެއްސޭނެ ކަމަށެވެ. އަދި މި ނުކިއްސަރު ހަރަކާތް ސްޕްރީމް ކޯޓުން ވަގުތުން ހުއްޓަންޖެހޭކަމަށް ވެސް މާނިއު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ަަށވޔަނި

    ސާބަސް ހައިލަމް