ރައީސް ޞާލިޙާއި, އޭނާ ވެރިކަމަށް ގެންނެވި ލީޑަރުން މި ފަސްގަނޑުން ބާލަންޖެހޭ: އަދުރޭ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނު ވެރިކަމަށް ގެންނެވުމަށް މަސައްކަތްކުރެއްވި ހުރިހާ ސިޔާސީ ލީޑަރުން މި ފަސްގަނޑުން ބޭރުކުރަންޖެހޭކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއިން ހއ.ދިއްދޫގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ
ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުނުފަހުން 800 އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހިދާޔަތުގައި ރައްޔިތުން ދިރިއުޅެމުން އަންނަނިކޮށް އެ ދީން ބީވެގެންދާނެހެން ހީވާނަމަ އެ ދީން މަތިވެރިކުރުމަށް މަސައްކަތް ކުރުމަކީ ވާޖިބެއްކަން އަދުރޭ ފާހަގަކުރެެއްވިއެވެ.
އަދުރޭ ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމަށް ރައީސް ޞާލިޙް ޖާގަދީފައިވާ ކަމަށާއި ސަރުކާރު ބަދަލުކުރަން އެ ސަބަބު އެކަނި ވެސް ފުދޭ ކަމަށެވެ.
''އެހެންވީމަ މިހާރު މިއޮތް ސަރުކާރު ބަދަލުކުރަން ހަމައެކަނި ފުދޭ މި ސަބަބު. އެހެން ހުރިހާކަމެއް ދޫކޮށްލައިފަ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ކީރިތި ރަސޫލާއަށް ހަޖޫ ޖެހުމަށް އިބްރާހިމް މުޙައްމަދު ޞާލިޙް ޖާގަދިނީމަ އަޅުގަނޑުމެންގެ މައްޗަށް އެބަ ވާޖިބުވޭ އަޅުގަނޑުމެން ނިކުމެ އަޅުގަނޑުމެންނަށް ވެވުނު ގޮތަކުން އިބްރާހިމް މުޙައްމަދު ޞާލިޙް ވެރިކަމުން ބާލަން. އެކަން ކުރެވެން އޮތީ ރެޔާދުވާލު ހޭލައި ތިބެގެންކަމަށްވަންޏާ އެކަން ވެސް ކުރަންޖެހޭ. އަދި އެކަން ކުރެވެން އޮތީ ރައީސް އޮފީހަށް ނުވަތަ މުލީއާގެއަށް ވަދެގެންކަމަށްވަންޏާ އެކަން ވެސް ކުރަންޖެހޭ. އެއީ ދީނަށްޓަކައި ކުރަންޖެހޭކަމެއް.
މީގެ އިތުރުން މިނިވަން މުސްތަޤިއްލު ދިވެހި ޤައުމުގެ މިނިވަންކަން ނަގާލައި އިންޑިއާއަށް މިނިވަންކަން ވިއްކައިލުމަކީ ވެސް ރައީސް ޞާލިޙް ވެރިކަމުން ދުރުކުރަންޖެހޭ ސަބަބެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
''އެބަ މަޖުބޫރުވޭ ނޫންތޯ އޭނަ ވެރިކަމުން ވަކިކުރަން.''
އަދުރޭ ވިދާޅުވީ ހަމައެކަނި ރައީސް ޞާލިޙެއް ނޫން ކަމަށާއި,
ރައްޔިތުންނަށް އޮޅުވާލައި މަކަރު ހަދައިގެން ރައީސް ޞާލިޙް ވެރިކަމަށް ގެންނެވި ހުރިހާ ލީޑަރުން މި ފަސްގަނޑުން ވެސް ބޭރުކުރަންޖެހޭ ކަމަށެވެ.






ކޮމެންޓް