ރިޔާޟްގެ މަސްލަހަތު އޮންނަ ކުންފުންޏެއް އޭސީސީއަށް ހާޒިރުވާން އަންގައި އިއުލާނުކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުވާން އަންގައި އެ ކޮމިޝަނުން މިއަދު ކުންފުންޏެއްގެ ނަން އިއުލާނުކޮށްފިއެވެ.
އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ކޮމިޝަނަށް ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުމަށް ދިން މުއްދަތުގައި އެކަން އަންގާފައެއް ނުވެއެވެ. އަދި ކޮމިޝަނަށް ހާޒިރުވުމަށް ދިން ފުރުސަތުގައި ހާޒިރުވެފައެއް ވެސް ނުވެއެވެ.
އެހެންކަމުން އެ ކުންފުނީގެ ފަރާތުން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅައި މި މަހުގެ 23 ވަނަ ދުވަހުގެ 14:00 އަށް އޭސީސީއަށް ހާޒިރުވުމަށް އެ ކޮމިޝަނުން ވަނީ އަންގައި އިއުލާނުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި އެ ކުންފުންޏަކީ ވިލިފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޟް ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އެނގިފައިވާ ގޮތުން އެ ކުންފުނި އޭސީސީއަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލައެއްގެ ތަޙްޤީޤަށެވެ.