191 ފަސެންޖަރުންނާއެކު ކެރެލާއަށް ޖެއްސި އެއާ އިންޑިއާގެ ފްލައިޓެއް ކަހާލައި، ދެފަޅިވެއްޖެ

ދުބާއީން ފުރައިގެން، އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކަޓުގެ އެއާޕޯޓަށް ދަތުރުކުރި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ރަންވޭ މަތިން ކަހާލައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
191 ފަސިންޖަރުންނާއެކު ދުބާއީ އިން ކެރެލާގެ ކޮޒިކޮޑް އެއާޕޯޓަށް ޖެއްސި ފުލައިޓު ރަންވޭ މަތިން ކަހާލި ވަގުތު ބޯކޮށް ވާރޭ ވެހޭ ކަމަށް އެއާޕޯޓުގެ އޮފިޝަލުން ވިދާޅުވެއެވެ.
މިހާދިސާގައި ތިން މީހުން މަރުވެފައިވާކަން ކެރެލާގެ މިނިސްޓަރު ކޭޓީ ޖަލީލް ވަނީ ކަށަވަރު ކޮށްދެއްވައިފައެވެ. މަރުވި މީހުންގެ ތެރޭގައި ޕައިލެޓް ހިމެނޭ ކަމަށް ވެއެވެ. އަދި ކޯ ޕައިލެޓްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 7:40 ހާއިރު އެވެ، އެއިރު އެ ސަރަހައްދަށް ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔަ ކަަމަށާއި މި ހާދިސާގައި ބޯޓު ދެފަޅިވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. އަދި ބޯޓުގެ ކޮކްޕިޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަަމަށް ޚަބަރުތައް ބުނެއެވެ.