ޚަބަރު ސަރުކާރު

ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ އެބަ ފެނޭ: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝެއިޚް އިމްރާން، ރައީސް ޞާލިޙާއެކު

ޒުވާނުންގެ މެދުގައި އޮތް މަސްތުވާތަކެތީގެ މައްސަލަ އާއި ގޭންގު ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

މި އަހަރުގެ ޤައުމީ ޒުވާނުންގެ ދުވަހުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންގެ މެދުގައި ހުރި މައްްސަލަތަކުގެތެރެއިން އަވަސް ހައްލެއް ބޭނުންވާ ދެ މައްސަލައެއް އެބައޮތް ކަމަށެވެ.

އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށާއި, އަނެއް މައްސަލައަކީ ގޭންގު ކުށްތަކާއި ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ މައްސަލަ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ މައްސަލައަކީވެސް އިޖުތިމާޢީ އެތައް ކަމަކާ ގުޅިފައިވާ ވަށައިޖެހޭ ހައްލަކަށް ބޭނުންވާ ދެ މައްސަލަކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަސްތުވާތަކެތިން ދިވެހި ރައްޔިތުން ދުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން ފަށާފައިވާ ކަމަށާއި, ގޭންގު ކުށްތަކާ ދެކޮޅަށް ވެސް ވަރަށް ރޭވުންތެރިކަމާއެކު ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މި ދެ މައްސަލައަށް މަގުފަހިކުރާ އެއް ކަމަކީ މަތީ ތަޢުލީމުގެ ފުރުސަތުތައް މަދުވުން ކަމަށާއި, އަނެއް ކަމަކީ ވަޒީފާގެ ފުރުސަތުތައް މަދުވުން ކަމަށެވެ.

އެ ގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވޭނެ މަގު ފަހިކޮށްދިނުމަކީ އެކަމަށް އެޅި އެއް ފިޔަވަޅު ކަމަށާއި, އަނެއް ކަމަކީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށްގެން ފަހިކޮށްދީފައިވާ ވަޒީފާގެ ފުރުސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ''މި ފިޔަވަޅުތަކުގެ ހެޔޮ ނަތީޖާ ވެސް އިރާދަކުރެއްވިއްޔާ މިހާރު އަންނަނީ ފެންނަމުން'' ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!