ޚަބަރު ޝަރުޢީ ދާއިރާ

ސިވިލް ކޯޓުގެ ގާޒީ ފަހީމަށް ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ގާޒީ ޙަސަން ފަހީމް. ފޮޓޯ: ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ ޙަސަން ފަހީމް އިބްރާހިމާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

Ads by Sosun Fihaara

ޖޭއެސްސީން މިއަދު ބުނީ ގާޒީ ފަހީމާ ގުޅޭގޮތުން ތަޙްޤީޤުކުރި ތިން މައްސަލައެއްގައި އޭނާ ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، މި މައްސަލަތަކުގައި އޭނާގެ ސުލޫކަށް އަސަރުކުރާފަދަ ކަމެއް އޮތް ކަމަކަށް މި މައްސަލަތައް ތަޙްޤީޤުކުރި ތަޙްޤީޤު ކޮމިޓީގެ މެމްބަރުންނަކަށް ނުފެންނަ ކަމަށެވެ.

އެހެންނަމަވެސް ގާޒީ ފަހީމާ ގުޅޭގޮތުން ތަޙްޤީޤުކުރި އެހެން މައްސަލައެއްގައި އޭނާ ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލައިގައި ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަމަށް ކޮމިޝަންގެ ތަޙްޤީޤުގައި އޭނާ އިޢުތިރާފުވެފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ އެ މައްސަލައާ ގުޅޭގޮތުން ހުށަހަޅަންޖެހޭ ހެއްކާއި ޤަރީނާ ހުށަހެޅުމާއި، މައްސަލައާގުޅޭ ވާހަކަތައް ދެއްކުމަށް މައްސަލައިގެ ޚަސްމުންނަށް ނުވަތަ ޚަސްމުން ތަމްސީލުކުރާ ފަރާތްތަކަށް އިޖުރާޢަތުގައިވާގޮތުގެ މަތިން އެކަށޭނެ ފުރުސަތު ދޭންޖެހޭނެކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމުގެ ސަބަބުން ގާޒީ ފަހީމުގެ މި ޢަމަލަކީ ފަނޑިޔާރުންގެ ޤާނޫނާއި, ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފު ޢަމަލެއް ކަމަށެވެ. އެހެންވެ އޭނާއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!