ޚަބަރު ޝަރުޢީ ދާއިރާ

އަރުޝަދު ބަންދުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ސްޕްރީމް ކޯޓަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޑްރަގް މައްސަލައެއްގައި ޝާމިލްވާ އެންމެ އިސް މީހާކަމަށް ފުލުހުން ތުހުމަތުކުރާ ގދ.ހޯނޑެއްދޫ/އަލޯރާ އަރުޝަދު ޚާލިދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި އެ ކޯޓުން ނެރުނު ޢަމުރު, އޭނާގެ ފަރާތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

Ads by Sosun Fihaara

މި މަހުގެ 10 ވަނަ ދުވަހުގެރޭ އަރުޝަދު ރާއްޖެ އައުމާއެކު ފުލުހުންގެ އޭނާ ހައްޔަރުކުރިއެވެ. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރި ނަމަވެސް ކޯޓަށް ހާޒިރުނުކޮށް ފުލުހުން އަރުޝަދު ދޫކޮށްލުމުން, އޭނާ ކޯޓަށް ހާޒިރުވެފައިވަނީ ބަންދުގައި ހުރި މީހެއްގެ ގޮތުގައެއް ނޫނެވެ. އެހެންވެ ހައިކޯޓުން ނިންމީ އޭނާގެ ބަންދާމެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

https://twitter.com/DhenOnline/status/1584116744696000512?t=g2Wg3DhaabqKbA8PQ1dSGw&s=19

އަރުޝަދު ބަންދުކޮށްގެން ހައިކޯޓަށް ހާޒިރުކުރުމަށް އަންގައި ހައިކޯޓުން ނެރުނު ޢަމުރު ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު މެންދުރުކުރީ ބޭއްވި އަޑުއެހުމުގައި އަރުޝަދުގެ ފަރާތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރިއެވެ.

ފުރަތަމަ ނުކުތާގައި ވަނީ އެފަދަ ޢަމުރެއް ނެރުމުގެ އިޚްތިޔާރު ކޯޓަށް ލިބޭނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުވެ ނަމަވެސް މަގުބޫލު އުޒުރެއްނެތި ކޯޓަށް ހާޒިރުނުވުމުންކަމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއެވެ.
އަރުޝަދުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ މިދިޔަ ޖޫންމަހުގެ 07 ވަނަ ދުވަހު ޢަމުރު ނެރުނުއިރު ވެސް އަރުޝަދު ދިޔައީ ހައިކޯޓާ މުޢާމަލާތް ކުރަމުން ކަމަށާއި އެހެންކަމުން ޤާނޫނުގައި ބުނާފަދަ ހާލަތެއް ވުޖޫދުވެފައެއް ނެތް ކަމަށެވެ.

އަރުޝަދުގެ ފަރާތުން ފާހަގަކުރި އަނެއް ނުކުތާއަކީ އެފަދަ ޢަމުރެއްގައި ކޯޓަށް ހާޒިރު ކުރަންވީ ވަގުތު އެނގެން އޮންނަންވާނެ ކަމަށް ޝަރީޢަތްކުރުމާބެހޭ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއެވެ. ނޫރުއްސަލާމް ވިދާޅުވީ ޢަމުރުގައި ވަގުތާއި ތާރީޚު ލިޔެފައިނުވާ ކަމަށެވެ.

ހައިކޯޓުގެ މައްސަލަތައް ބަލަންވާނީ އޮނަހިރި ޢަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުން ކަމަށްވާއިރު, ތިންވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަކުރީ ޢަމުރުގައި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތުމެވެ.

މި މައްސަލައިގައި 07 ދުވަހުން ގޮތެއް ނިންމަންޖެހޭއިރު އަދި ގޮތެެއް ނުނިންމައެވެ.

އަރުޝަދުގެ ފަރާތުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއިރު, އަރުޝަދު ދޫކޮށްލަން ހައިކޯޓުން ނިންމި ނިންމުން ދައުލަތުން އިސްތިއުނާފުކުރުމުން ސްޕްރީމް ކޯޓުން މިހާރު ވަނީ އެ މައްސަލަ ވެސް ބަލައިގެންފިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!