މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން ހައްޔަރުކުރިި އެ ރަށު ޢަބްދުﷲ ރަޝީދު (މާޓީ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
އިއްޔެގެ ވަގުތެއްގައި ހޯޑެއްދޫ ސްޓިއަރިންގ ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެ ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް ޢާއިލާއިން ބުނެއެވެ.
ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި, ނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެތައް އިރެއްފަހުން އޭނާ މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި, ފުލުހުން މި މައްސަލައިގައި ޢަމަލުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަން ފާހަގަކުރާ ކަމަށެވެ.
ޕީޕއެމްއިން ބުނީ ދިވެހި ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުވާކޮށްގެން ތިބި ބައެއް ކަމަށާއި, އެހެންކަމުން ފުލުހުންގެ މި ޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
''..މި މައްސަލަ ވީހާވެސް އަވަހަކަށް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަޙްޤީޤުކުރުމަށް ގޮވާލަމެވެ. މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާ އިންސާފު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލަމެވެ.''
ރަޝީދު މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާއާގުޅޭ މަޢުލޫމާތު ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާއި އެޗްއާރްސީއެމްއާ ހިއްސާކޮށް ތަޙްޤީޤުކޮށްދިނުމަށް އެދިފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.