ޚަބަރު ސަރުކާރު

އެންމެ އިސްކަން ދޭނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޞާލިޙް. ފޮޓޯ: ރައީސް އޮފީސް

މިއަދު ވެސް އިއްޔެ ވެސް އަދި މާދަމާ ވެސް އެ މަނިކުފާނު އެންމެ އިސްކަން ދެއްވާނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރި ކުރެއްވުމަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހިންގެ މިނިވަންކަމާއި, ޤައުމީ ސިޔާދަތު ދިފާޢުކޮށްދިން އެންމެ ވަރުގަދަ އައްޑަނައަކީ ދީނީ ޢަޤީދާގެ ސަބަބުން ދިވެހިންގެ މެދުގައި އުފެދިފައި އޮތް އެއްބައިވަންތަކަން ކަމަށެވެ. އަދި ދީނީގޮތުން ތަފާތު މަޒްހަބުތަކާއި ތަފާތު ގަބޫލުކުރުންތައް ނެތުމަކީ ދިވެހިންނަށް މަތިވެރި އިލާހު ދެއްވި އެންމެ އަގުބޮޑު ނިޢުމަތް ކަމަށާއި, މިއަދުވެސް ދިވެހިން މި ތިބީ އެ ޢަޤީދާގައި, އެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހިންގެ ދީނީ ޢަޤީދާ ރައްކާތެރިކުރުމަށް ކަމަށް ކަމަށެވެ. އަދި މި ސަރުކާރުގެ އެންމެ އިސް ވާޖިބަކީ ދިވެހިންގެ ސިޔާދަތީ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

''މިއަދު ވެސް އިއްޔެ ވެސް އަދި މާދަމާ ވެސް އަޅުގަނޑު އެންމެ އިސްކަން ދޭނީ މި ދެ ކަންތަކަށް.''

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް ކަމަށާއި, އެ ދީން އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް ކަމަށެވެ.

'''އިސްލާމްދީނަކީ ޞުލްޙަޔާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީން. އެ ސިފަތައް މުޖުތަމަޢުގައި ދެމެހެއްޓުމަށްޓަކައި މުސްލިމުންގެ ކިބައިގައި ހަރުލައްވަންޖެހޭ އެންމެ މުހިންމު ސިފަޔަކީ ތެދުބުނުން. ކޮންމެ ކަމެއްގައި ވެސް ތެދު ބަހުން ވާހަކަ ދެއްކުން. ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ނުފެތުރުން. ޙަޤީޤަތް އެނގި ތިބެ މަސްލަތު ނަގައިލުމަށްޓަކައި އޮޅުވާލައިގެން ވާހަކަ ނުދެއްކުން.''

އެހެންކަމުން ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރާއިރު އެ މަތިވެރި ދީން ގެނެސްދިން ރިވެތި ސިފަތަކާއި, ހަމަތަކުގެ މަތީގައި ސާބިތުވެ ތިބުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!