ގާސިމްގެ ތާއީދު ނުލިބުނު ނަމަ ރައީސް ޔާމީނަށް ވެރިކަން ނުލިބޭނެ: މުގުނީ
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ނުލިބުނުނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެރިކަމަށް ވަޑައިނުގެންނެވުނީސް ކަމަށް, ސްޓެލްކޯގެ ކުރީގެ އެމްޑީ، މިހާރުގެ އެންވަޔަރަމަންޓް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގްނީ ވިދާޅުވެއްޖެއެވެ.
މުގުނީ މިހެން ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީއަށާއި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އަމާޒުކޮށް، ރައީސް ޔާމީން ފާޑު ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީން ވަނީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ލިބުނީ ރައީސް ޔާމީންގެ ޕާޓީން، ޖޭޕީއާއެކުވި އެއްބަސްވުމުގެ ސަބަބުން ކަމަށެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި މުގުނީ ވިދާޅުވީ، މީން ވެރިކަމުގައި އަދި ޕީޕީއެމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެއިލްވެ ހިތިކަން ލިބުނީ ވެރިކަމުގައި އަނިޔާވެރިކަމާއި ވައްކަން އިސްކުރުމުން ކަމަށެވެ.
އޭގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ވިއްކައިގެން ލިބުނީ ކިތައް ވޯޓުތޯ މުގުނީ ސުވާލުކުރެއްވިއެވެ.
"ގާސިމް އަދި ޖޭޕީގެ ސަޕޯޓް ނުލިބުނު ނަމަ ރައީސްކަން ވެސް އަދި ޕީޕީއެމް ވެސް ނުލިބި ހުންނަވާނީ ތި ރުޅި މޫނުފުޅާއި އެއްކޮށް 3،000 ހަމަ ނުވާ ޕީއޭގައި ނޫންތޯ؟ ބޮޑާ ދޮގު ބަސް ވިދާޅުނުވެ ހުންނަވާ." މުގްނީ ވިދާޅުވިއެވެ.