މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ ޑރ. އިސްމާޢީލް މެންކް ރައީސް ޞާލިޙްގެ އަރިހަށް މިއަދު ހެނދުނު ވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
މެންކް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް ރާއްޖޭގެ މުޖުތަމައަށް މުހިންމު މައުޟޫޢުތަކަށް ދީނީ ދަރުސްދެއްވުމުގެ ސިލްސިލާއެއް ކުރިއަށް ގެންދެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިޙްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުންއައި ދަތުރުފުޅެއްކަމަށާއި މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމަޢުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ރައީސް ވަނީ ތަޢުރީފުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ.
އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިޙްތިރާމުކޮށްގެން ކުރިޔަށްދިއުމަކީ މުހިންމު ކަމެއް ކަމަށް މުފްތީ ވިދާޅުވިއެވެ. މުފްތީ ވަނީ އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީއަށް ވަނީ ޝުކުރުއަދާކޮށްފައެވެ.
ދީނީ އިލްމު ވެރިޔާއަށް ތައުރީފް ކުރިޔަސް އަދި ކަމަކުނުދޭ ތިމާ އިސްލާހުވާންޖެހޭ ، ލަވަޔާއި ނަށާ މީހުން ގެނެސްގެން އެކަންންންވެސް ކުރަމުން އޭގައިބައިވެރިވެ އުޅެގެން !