ދުނިޔެ

ތައުލީމީ ސެޓްފިކެޓްތައް ހިފައިގެން އަފްގާނުގެ އަންހެނުން ވަޒީފާ ހޯދަން މަގުތަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގްރޭޑް ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކޫލަށް ދިއުމާއި، އަންހެން ވަޒީފާ އަދާކުރުމަށް އަފްގާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން ގެންގުޅެމުން އަންނަ ހަރުކަށި ކަންކަމާއިމެދު ކަންބޮޑުވުން ފާޅުކުރުމަށް އަންހެނުންގެ ބަޔަކު ވެރިރަށް ކާބުލްގައި މުޒާހަރާކުރިއެވެ.

Ads by Sosun Fihaara

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ބާރުގެ ދަށަށް ގެނައި ފަހުން، އަންހެނުންގެ އަސާސީ ހައްގުތަކަށް ހުރަސް އަޅާފަ ކަމަށް ބުނެ ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. ތާލިބާނުންގެ ސަރުކާރު މިހާތަނަށް އެއްވެސް ޤައުމަކުން ރަސްމީކޮށް ބަލައިގެންފައެއް ނުވެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ތާލިބާނުންގެ ވެރިކަމުގެ ސަބަބުން ގައުމުގެ ފަގީރުކަން އިތުރުވެފައިވާތީ އަންހެނުންނަށް މަސައްކަތްކުރުމަށާއި ގްރޭޑް ހަތަރަކުން މަތީގެ އަންހެން ކުދިންނަށް އުނގެނުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

"އދ އާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލަނީ އަޅުގަނޑުމެންނަށް ސަމާލުކަން ދީ، އަންހެނުންގެ ހައްގުތައް ނިގުޅައިގަތުމުން އަންހެނުން ސަލާމަތް ކުރުމަށް،" ދާހިލީ ވުޒާރާގެ ކުރީގެ މުވައްޒަފެއް ކަމަށްވާ މާގަލަރޭ ބޭރުގެ ނޫހަކަށް ވިދާޅުވިއެވެ.

މުޒާހަރާގެ ބައިވެރިން އިހުތިޖާޖުގައި، އެމީހުންގެ ތައުލީމީ ލިޔުންތައް ދައްކައި އެ މީހުންނަކީ ޤާބިލު ބައެއް ކަމަށްވަނީ ބުނެފައެވެ.

"އަޅުގަނޑުމެންގެ އަތުގައި އޮތް ލިޔުމަކީ ބޭކާރު ލިޔުމެއް، އަޅުގަނޑުމެން އެންމެން ވެސް ތިބީ ގޭގައި، ވަޒީފާއެއް ނުލިބޭތީ،" މުޒާހަރާގެ ބައިވެރިއެއް ކަމަށްވާ ޝޯކޯރިއާ ބުންޏެވެ.

އޮގަސްޓް 15، 2021 ގައި ތާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް އަތުލުމާ އެކު، އަންހެނުންގެ ހައްޤުތައް ވަނީ ހަނިކޮށްފައެވެ. ތާލިބާނުންގެ ވެރިކަމުގެ ފުރަތަމަ ހަފުތާއިން ފެށިގެން އަންހެނުން މަގުމަތީގައި އިހުތިޖާޖު ކުރަން ވަނީ ފަށާފައެވެ. މިގޮތަށް މުޒާހަރާ ބައެއް ފަރާތްތަކަށް ހަރުކަށި އަދަބު މީގެ ކުރިން ވަނީ ދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!