ބިންހެލުމާއި ފެންބޮޑުވުމުގެ ސަބަބުން ބަލްޓިސްތާނުގައި ހާލުގައި ޖެހުނު މީހުން މުޒާހަރާއަށް

ޕާކިސްތާނުގެ އަވަށެއް ކަމަށްވާ ގިލްގިޓް-ބަލްޓިސްތާންގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން މުޒާހަރާކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިން ބުނީ އެ ގައުމުގެ ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށާއި ކާރިސާތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ލިބުނު ގެއްލުމުގެ ސަބަބުން މިހާރުވެސް 1155 އާއިލާއެއްް ހާލުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް ސަމާލުކަން ނުދީފިނަމަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ބޮޑު މުޒާހަރާ އެއް ކުރާނެ ކަަމަށާއި ހަމަނުޖެހުންވެސް ހިންގާނެ ކަމަށް ބައިވެރިން ބުނެފައިވެއެވެ.
އާންމުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގެދޮރުގެ ކުއްޔާއި ކާޑުގެ ބާވަތްތަކާއި ހަލާކުވެފައިވާ ތަކެތީގެ ބަދަލުގެ ގޮތުގައި 25 ހާސް ރުޕީސް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވައުދުވި ނަމަވެސް އެއްވެސް އެއްޗެއް ދީފައި ނުވާ ކަމަށެވެ.
އަދި 70 ހާސް އާބާދީއެއް ދިރިއުޅޭ އެ ސަރަހައްދުގައި ހުންނަނީ އެންމެ އަންހެން ޑޮކްޓަރަކާއި އެއް މެޑިކަލް އޮފީހެއް ކަމަށާއި މިކަމުގެ ސަބަބުން އެކަށީގެންވާ ސިއްހީ ހިދުމަތްތައް ނުލިބޭ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.