ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނާ ބެހުން ހައްދު ފަހަނައަޅާ ގޮސްފި: ޢަލީ ރަމީޒު
ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިތުރުވެފައިވާތީ ޖަމުޢިއްޔަތުއްސަލަފުގެ އޮޕަރޭޝަންސް މެނޭޖަރު ޢަލީ ރަމީޒް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި ވާހަކަ ދައްކަވަމުން ގެންދަވާ ޢަލީ ރަމީޒުގެ މި ކަންބޮޑުވުން ހިއްސާކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޢަލީ ވިދާޅުވީ ރާއްޖޭގައި އިންޑިއާ މީހުން ކުޑަކުދިންނާ ބެހުމާއި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.
ޢަލީ ރަމީޒް މިހެން ވިދާޅުވިއިރު މި ހަފުތާތެރޭގައި މީޑިއާއަށް ވަނީ އެފަދަ ދެ މައްސަލައެއް ފެންމަތިވެފައެވެ.
އެއް މައްސަލައަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. އެ މައްސަލައިގައި ކޯޓު ޢަމުރެއްގެ ދަށުން މި މަހުގެ ފަސް ވަނަ ދުވަހު އިންޑިއާގެ 21 އަހަރުގެ ފިިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން އުތުރުގެ ރަށެއްގައި 17 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޢުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކުރީ ރޭގައެވެ. މި މައްސަލައިގައި ހައްޔަރުކުރީ އެ ރަށު ސްކޫލުގައި ވަޒީފާ އަދާކުރަމުންދިޔަ އިންޑިއާ ޓީޗަރެކެވެ.