ސޮނާކްޝީގެ “ޑަބަލް އެކްސްއެލް” އޭނާގެ ހަޔާތާ ގުޅިފައި

“ޑަބަލް އެކްސްއެލް” ފިލްމަކީ އޭނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ފިލްމެއް ކަމަށް ބޮލީވުޑްގެ ކާމިޔާބު ބަތަލާ ސޮނާކްޝީ ސިންހާ ބުނެފިއެވެ.
ހުމާ ގުރައިޝީ ވެސް ލީޑް ރޯލުން ފެނިގެންދާ "ޑަބަލް އެކްސްއެލް" އަކީ އަމިއްލަ ނަފްސަށް އޮތް ލޯތްބާއި ބޮޑީ ޕޮޒިޓިވިޓީގެ މައްޗަށް ބިނާކޮށް ހަދާ ފައިވާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް ނިކުމެފައިވަނީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
2022 ވަނަ އަހަރު އަމިއްލަ ބިއުޓީ ބްރޭންޑެއް ލޯންޗްކުރި ބަތަލާ ސޮނާކްޝީ ބުނީ "ޑަބަލް އެކްސްއެލް" އަކީ އޭނާ އަށް ވަރަށް ޕާސަނަލް ފިލްމެއް ކަމަށެވެ.
"މިއީ އަޅުގަނޑަށް ވަރަށް ޕާސަނަލް ފިލްމެއް، ވަރަށް ގިނަ ކަންކަމުގައި އަންހެނުންނަށް މަލާމާތް ކުރާކަން އެންމެންނަށް ވެސް ހަނދާންކޮށްދޭން ބޭނުން، އެކަމަކު މިއިން އެއްވެސް ކަމެއް ދިމާވެގެން ފަހަތަށް ނުޖެހޭށޭ ބުނާނީ،" ސޮނާކްޝީ ބުންޏެވެ.
2010 ވަނަ އަހަރު ދެއްކި "ދަބަންގް" އިން ސަލްމާން ޚާނާއެކު ބޮލީވުޑަށް ތަޢާރަފުވި ސޮނާކްޝީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ކަކުޑާ" އަދި ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ" ވެސް ހިމެނެއެވެ.