ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ޕަފޯމަންސްއަށް ކްރިސް ރޮކް

ނެޓްފްލިކްސްގައި ފުރަތަމަ ފަހަރަށް ލައިވް ޕަރފޯމެންސް ދޭނެ އާޓިސްޓަކަށް ކްރިސް ރޮކް ވެއްޖެއެވެ.
ނެޓްްފްލިކްސް އިން މިފަހުން ދަނީ ލައިވް ޕަރފޯމެންސްތަކާއި ސްޓޭންޑަޕް ކޮމެޑީ ޝޯތައް އުފެއްދުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ކްރިސް ރޮކްގެ މި ޝޯއަކީ މިގޮތަށް އިއުލާންކުރި ފުރަތަމަ ޝޯއެވެ.
2023 ގައި ރިލީޒްކުރުމަށް ނިންމާފައިވާ މި ޝޯ ވެގެންދާނީ ކްރިސް ރޮކްގެ ދެވަނަ ނެޓްފްލިކްސް ޕްރޮޖެކްޓަށެވެ. އޭނާ ފުރަތަމަ ނެޓްފްލިކްސްއިން ފެނިގެން ދިޔައީ "ކްރިސް ރޮކް: ޓެމްބޮރީން" އިންނެވެ.
2022 ގެ އޮސްކާސް ހަފުލާގައި ވިލް ސްމިތް އޭނާގެ މޫނުމަތީގައި ޖެހުމާ ގުޅޭގޮތުން އޭނާ މި ޝޯގައި ވާހަކަދައްކާނެ ކަމަށް ބުނެއެވެ. އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ މީހުން އޭނާ އެކަމާމެދު ވާހަކަ ދައްކާނެ ކަމަށް އުއްމީދުކޮށްގެން ހުރި ކަމުގައި ވިޔަސް މިވަގުތު އޭނާ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނާނެ ކަމާއި، އެއްޗެއް ބުނާނީ ނެޓްފްލިކްސް އަށް އޭނާ ދޭ ލައިވް ޕަރފޯމެންސްގައި ކަމަށެވެ.

އޮސްކާ ހަފުލާގައި ވިލް ސްމިތް ކްރިސް ރޮކްގެ މޫނުމަތީގައި ޖަހަނީ
ނެޓްފްފްލިކްސްއިން ބުނަނީ މި ޝޯއާ ގުޅޭ އިތުރު ތަފުސީލު ފަހުން ހާމަކުރާނެކަމަށެވެ. މި ޕްލެޓްފޯމްގެ ނައިބު ރައީސް ބުނެފައިވަނީ ކްރިސް ރޮކްއަކީ މިޒަމާނުގެ އެންމެ މޮޅު އެއް ކޮމީޑިއަންކަމަށާއި އެންމެންވެސް ތިބީ އޭނާގެ މި ލައިވް ޕަރފޯމަންސް ބަލާލުމަށް ކެތްމަދު ވެފައިކަމަށެވެ. އަދި ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ޕަރފޯމަންސް ދިނުމުގެ ސަބަބުން ނެޓްފްލިކްސްގެ ތާރީޚުގައިވެސް ކްރިސް ރޮކް ހިމެނިގެންދާނެކަމީ ވަރަށް އުފާވާކަމެއްގެ ގޮތުގައި އޭނާ ބުނެފައިވެއެވެ.