ކުޅިވަރު ފުޓްބޯޅަ

މެންޗެސްޓަރ ޔުނައިޓެޑް އިން އޮޅުވާލައިފާކަމަށް ރޮނާލްޑޯ ބުނެފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއަށް މެންޗެސްޓަރ ޔުނައިޓެޑުން އޮޅުވާލައި އޭނާއާ މެދު ކަންތައް ކޮށްފައިވަނީ ވަރަށް ގޯސްކޮށް ކަމަށް އޭނާ ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ މަޝްހޫރު ޓެބްލޮއިޑެއްކަމުގައިވާ "ސަން" ގެ ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނެފައިވަނީ ޔުނައިޓެޑުގެ ކޯޗުގެ އިތުރުން އެ ޓީމުގައި ހިމެނޭ އިތުރު ދެތިން މީހެއްވެސް ދަނީ އޭނާ ކުލަބުން ބޭރުކޮށްލުމަށް ވަރަށް މަސައްކަތް ކުރަމުން ކަމަށެވެ.

"..މިއަހަރު އެކަންޗެއް ނޫން، މިދިޔަ އަހަރުވެސް ހަމަ މިގޮތައް އަހަންނާމެދު ކަންތައް ކޮށްފައިވަނީ" އޭނާގެ ވާހަކަ އިތުރައް ކިޔައިދެމުން 37 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޔުނައިޓެޑުން ޓޮޓެންހެމްއާއެކު ކުޅުނު މެޗެއްގެ ބަދަލު ކުޅުންތެރިއަކަށް އެރުމަށް ރޮނާލްޑޯ ދެކޮޅު ހެދުމުން ޔުނައިޓެޑުގެ ކޯޗު ޓެން ހެގް ވަނީ ޔުނައިޓެޑުގެ ދެން އޮތް މެޗަށް އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ.

"އަހަރެން އޭނާ (ޓެން ހެގް) އަކަށް އިހުތިރާމެއް ނުކުރަން. އެއީ އޭނާވެސް އަހަރެންނަކަށް އިހުތިރާމެއް ނުކުރޭ. އަހަރެންނަށް އިހުތިރާމް ނުކުރާ މީހަކަށް އަހަރެންގެވެސް އިހުތިރާމެއް ނުލިބޭނެ." ޓެން ހެގް އާ މެދު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނާ ގޮތުގައި ކުލަބުގެ އެތައް ބައެއްގެ ލޯބި ލިބިގެންދިޔަ ކޯޗު ކަމުގައިވާ އެލެކްސް ފާގަސަން ވެސް ކްލަބާމެދު ގެންގުޅެނީ އޭނާއާ އެއްގޮތް ހިޔާލެކެވެ. ދެމީހުންވެސް ޤަބޫލުކުރާ ގޮތުގައި މިވަގުތު ކުލަބުގެ މިސްރާބު ހުރީ ނުބައި ކޮޅަކަށެވެ. ފާގަސަންއަށް ފަހު ކުލަބުގައި ކަންތައްތައް އެއްވެސް ވަރަކަށް ރަނގަޅަށް ނުދާކަމަށްވެސް ރޮނާލްޑޯ ބުނެއެވެ.

"މިކަން އެނގޭ އެންމެނަށްވެސް. މިކަން ނުފެންނަ މީހުންނަށް ނުފެންނަނީ އެމީހުން ފެންނަން ބޭނުން ނުވާތީ. ކަނު ބައެއްގެ ގޮތުގަ ތިބެނީ" ރޮނާލްޑޯ ބުނެއެވެ.

90 މިނިޓުގެ މި އިންޓަވިއު ދެއްކުމަށް ހަމަ ޖެހިފައިވަނީ އަންނަ ބުދަ އާއި ބުރާސްފަތި ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!