ރާއްޖެ އަމާންކަންމަތީ ބޭއްވުމަށްވުރެ ވަކި މުހިންމު ކަމެއް ނެތް: ނަޝީދު

ރާއްޖެ އަމާންކަންމަތީ ބޭއްވުމަށްވުރެ ވަކި މުހިންމު ކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ފުލުހުންނާއި ސިފައިން ޓެރަރިޒަމާ ދެކޮޅަށް ހިންގާ މަސައްކަތްތައް ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފުން ޓެރަރިޒަމާ ދެކޮޅަށް ހިންގަވާ މަސައްކަތްތަކަށް މަރުހަބާ ދަންނަވަން. ރާއްޖެ އަމާންކަންމަތީ ބޭއްވުމަށްވުރެ ވަކި މުހިންމު ކަމެއް ނެތް.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ސަލާމަތީ ބާރުތަކުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވަނިކޮށެވެ.
ގޮވާތަކެތި ބޭނުންކޮށްގެން ގިނަ ބަޔަކު މަރުވެދާނެ ފަދަ ގޮތަކަށް ދޭން އުޅުނު ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވައި 14 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރެއްވީ އިއްޔެގައެވެ.
ހަނގުރާމަވެރި ޖަމާޢަތް، އައިއެސްއަށް ތާއީދުކުރާ އެ މީހުން ހައްޔަރުކުރީ މާލެއާއި މާލެ އަތޮޅު ގުރައިދުއާއި އައްޑޫގައި ހިންގި އޮޕަރޭޝަނުގެ ތެެރެއިންނެވެ.