ޚަބަރު އިޖުތިމާޢީ

ގޭންގުތަކުގެ ފަރާތުން ރައްޔިތުންނަށް އޮތް ބިރު ބޮޑުތަނުން ކުޑަކުރެވިއްޖެ: ސީޕީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު--

ގޭންގުތަކުގެ ފުށުން ރައްޔިތުންނަށް ވެރިވެފައި އޮތް ބިރުވެރިކަން ބޮޑުތަނުން ކުޑަކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޙަމީދު ވިދާޅުވީ ގޭންގްތަކުގެ މައްސަލަ ހައްލުކުރަން ޚާއްސަ އިސްކަމެއްދޭ ކަމަށާއި އެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

ދެން އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން މިހާތަނަށް ކުރި މަސައްކަތުން ގޭންގުތަކުގެ ފުށުން ރައްޔިތުންނަށް މި ވެރިވެފައި އޮންނަ ބިރުވެރިކަން ކުރިއާ އަޅާބަލާއިރު ކުޑަކުރެވިއްޖެ ވަރަށް ބޮޑުތަނުން. އެކަމަށް އަބަދު ވެސް ފާރަވެރިވެ އެކަމަށް ޚާއްސަކޮށް ފުލުހުންނާއި ސިފައިން އޮޕަރޭޝަން ހިންގަނީ.

ސީޕީ ވިދާޅުވީ މި އަންނަ އަހަރުގެ ފެށުމާއެކީގައި އެ އޮޕަރޭޝަންގެ މޮޑެލް ބަދަލުކޮށް އިތުރަށް މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

މި ފަރާތްތަކާ ކުރިމަތިލެވޭނެ. އަދި އެ ފަރާތްތައް ޤާނޫނުގެ ކުރިމަތީގައި ބޯ ލެންބެވޭނެފަދަ ފުލުހުން މަގުމަތީގަ ހަރަކާތްތެރިވެ އުޅޭތަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގަ ރައްޔިތުންނަށް ފެނިގެންދާނެ.

މާލޭގައި ޖުމްލަ 44 ގޭންގެއް އެބައޮތް ކަމަށާއި އޭގެ ތެރެއިން ވަރަށް ހަރަކާތްތެރި 09 ގޭންގު އޮތްކަމަށް މި އަހަރުގެ މެއިމަހުގައި އުކުޅަހުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން ވިދާޅުވެފައިވެއެވެ.

އަދި މިދިޔަ ސެޕްޓެމްބަރުމަހު ލ.ގަމުގައި ބޭއްވި ވިޔަވަތި ރާއްޖެ ކޮންފަރެންސްގައި ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި ދެކުނުގައި އެކަނި ވެސް 31 ގޭންގް ހަރަކާތްތެރިވެއެވެ. އޭގެތެރެއިން 20 ގޭންގަކީ މިހާރު ވެސް ކުށްތަކަށް އަރައިގަންނަ ގޭންގްތައް ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!