ހޮލީވުޑް މުނިފޫހިފިލުވުން

އެލެން ޕޮމްޕެއޯ ގްރޭސް އެނެޓޮމީ ދޫކޮށްލައިފި

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

މަޝްހޫރު މެޑިކަލް ޑްރާމާ ގްރޭސް އެނެޓޮމީގެ ލީޑު ރޯލުން މިދިޔަ 19 ސީޒަނުން ފެނިގެން ގޮސްފައިވާ އެލެން ޕޮމްޕެއޯ އޭނާ މި ޝޯ އިން ވަކި ވެއްޖެ ކަމަށް އިޢުލާނު ކޮށްފިއެވެ.

Ads by MWSC

އެލެން މިކަން އިއުލާނު ކޮށްފައިވަނީ އިންސްޓަގްރާމުގައި އޭނާ އަޕްލޯޑުކުރި ޕޯސްޓެއްގައެވެ.

އޭނާގެ މި ޕޯސްޓުގައި އޭނާއަށް ފޭނުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުމާއި ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ވާހަކަ ބުނެފައިވެއެވެ. އޭނާގެ ފޭނުންނާ ނުލާ އޭނާއަށް މިހާ ކުރިއެރުމެއް ނުލިބުނީސްކަމުގައިވެސް މި ޕޯސްޓުގައި އޭނާ ބުނެފައިވެއެވެ.

އެލެން ބުނެފައިވަނީ މިއީކީ ޝޯއަށް އެއްކޮށް އަލްވަދާއު ކިޔުމެއް ނޫންކަމާއި، ޝޯއަށް އޭނާ "ވިޒިޓް" ކުރާނެ ކަމަށެވެ. އެހެންކަމުން ފޭނުން އަންނަނީ އޭނާ އަދިވެސް ޝޯގެ ބައެއް އެޕިސޯޑު ތަކުގައި ފެންނާނެކަމަށް އުއްމީދުކުރަމުންނެވެ.

ގްރޭސް އެނެޓޮމީއަކީ 2005 އަކުން ފެށިގެން އެމެރިކާގެ މަޝްހޫރު އޭބީސީ ޗެނަލުން ދައްކަމުން އަންނަ ޑްރާމާއެކެވެ.

އެލެން ޕޮމްޕެއޯ ޝޯ ދޫކޮށްލާނެކަން އެންމެ ފުރަތަމަ ހާމަ ކުރީ  މި އަހަރުގެ އޯގަސްޓު މަހުގައެވެ. އަދި ރިޕޯޓުތަކުން ބުނާ ގޮތުގައި އޭނާ މި ނިންމުން ނިންމާފައިވަނީ އެހެން ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމަށެވެ. އެގޮތުން އޭނާ އަންނަނީ 2009 ގައި ނެރުނު ފިލްމު "އޯފަން" ގެ މައްޗަށް ބިނާކޮށް ހަދަމުން އަންނަ ލިމިޓެޑް ސީރީސްއެއްގެ މަސައްކަތް ކުރަމުންނެވެ.

ގްރޭސް އެނެޓޮމީ ސީޒަން 19 ގެ ފޯލް ފިނާލޭ ނިންމާލައިފާވަނީ އެލެން ޕޮމްޕެއޯގެ ކެރެކްޓަރު މެރެޑިތް ގްރޭ ސިއޭޓަލް ދޫކޮށް ބޮސްޓަންއަށް އަލްޒެއިމާޒް ގެ ބަލި ދިރާސާކުރުމަށް ދާތަނުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!