ޚަބަރު

އަރަބިއްޔާއަށް އެހެން ޕްރިންސިޕަލަކު އައްޔަން ނުކުރަން ވަގުތީ އަމުރެއް ނެރެފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަރަބިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް ވަކިކުރި މައްސަލަ ނިމެންދެން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފިއެެވެ.

Ads by MWSC

މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލަ ނިމެންދެން، އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނެގުމަށާއި އަދި އެފަދަ މަސައްކަތެއް ހިންގަމުންދާނަމަ އެކަން ހުއްޓާލަން ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އަރަބި ތައުލީމު އުނގަންނައިދިނުމަށް ޚާއްސަކޮށްގެން މާލޭގައި ހިންގަމުން އަންނަ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް އެ މަގާމުން ވަކިކުރުމުން އެ ސްކޫލުގެ ބެލެނިވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ޝުޖާއު ވަނީ ޕްރިންސިޕަލު ކަމުން ވަކިކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައެވެ. އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި ނަސްރުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޖެނުއަރީ 8، 2018 ގައެވެ. އަރަބިއްޔާ ސްކޫލުގެ ހިންގުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ސްކޫލުތަކުގެ ވެރިންނަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!