ޚަބަރު އިޖުތިމާޢީ

ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑްކޮށްފިއެވެ.

Ads by STELCO

އެ ރަށު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑްކުރަން ނިންމެވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ބޭއްވި ޖަލްސާގައެވެ.

އެލްޖީއޭއިން އެ ގޮތަށް ނިންމެވީ މެންބަރުންގެ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

މެންބަރުން ސަސްޕެންޑް ކުރުމަށްފަހު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލު ކުރެއްވީ އެ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާޞިޙާއެވެ.

ދުވާފަރު ކައުންސިލުގައި މިހާރު ތިއްބަވަނީ ހަ މެންބަރުންނެވެ. ޚިޔާނާތުގެ މައްސަލަ ފެންމަތިވުމާއެކު ކައުންސިލް މެންބަރު އަޙްމަދު ސަމޫޙް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ދުވާފަރު ކައުންސިލުގެ ޚިޔާނާތުގެ މައްސަލަތައް ފެންމަތިވީ އެ ކައުންސިލު މޮނިޓާ ކުރެއްވުމަށްފަހު އެލްޖީއޭއިން އެކުލަވައިލެއްވި ރިޕޯޓަކުންނެވެ.

އެ ރިޕޯޓުގައިވާ ގޮތުން ރަށު ކައުންސިލުން ސިވިލް ސާރވިސްގެ ގަވާއިދާއި މާލީ އަދި އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަމަލުކޮށްފައެއް ނުވެއެވެ.

އަދި ޤާނޫނާ ޤަވާއިދުތަކާ އެއްގޮތަށް އެއްވެސް ލިޔެކިޔުމެއް ބަލަހައްޓާފައެއް ވެސް ނުވެއެވެ. އޭގެ އިތުރުން މާލިއްޔަތު ޤަވާއިދާ ޚިލާފަށް ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންގެ އަމިއްލަ އެކައުންޓުތަކަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަމަށް ވެސް ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި ނެރެފައިވާ 318,600 ރުފިޔާ ކައުންސިލުގެ އެސިސްޓެންޓް ޑިރެކްޓަރު މުޙައްމަދު އަލިފުޅުގެ އެކައުންޓަށް ޖަމާކުރި ކަމަށާއި, ފިޠުރު ޒަކާތަށް ބެހުމަށް 54,000 ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ކައުންސިލު މެންބަރު ޒުހުދާ އާދަމާ ހަވާލުކޮށްފައިވާކަމަށް ރިޕޯޓުގައިވެއެވެ.

އަދި ކައުންސިލު މެންބަރު މުޙައްމަދު ޝާމުގެ އެކައުންޓަށް 447,837 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވާއިރު, ކައުންސިލުގެ ނައިބު ރައީސް އިޒްމީލް އަޙްމަދުގެ އެކައުންޓަށް 252,048 ރުފިޔާ އަދި ކައުންސިލު މެންބަރު ޒުހުދާ އާދަމުގެ އެކައުންޓަށް 181,666 ރުފިޔާ ޖަމާކުރިކަމަށް ރިޕޯޓުގައިވެއެވެ.

މީގެއިތުރުން ކައުންސިލު މެންބަރު މުޙައްމަދު ނާޞިޙުގެ އެކައުންޓަށް 165,200 ރުފިޔާއާއި, ކައުންސިލު މެންބަރު އާމިނަތު ޞަލާޙްގެ އެކައުންޓަށް 84,035 ރުފިޔާއާއި, އަންހެނުންގެ ކޮމިޓީގެ ރައީސް އާމިނަތު އަޙްމަދުގެ އެކައުންޓަށް 65,000 ރުފިޔާއާއި, ކޮންޓްރެކްޓް މުވައްޒަފު އަޙްމަދު ޝާމިލުގެ އެކައުންޓަށް 5,000 ޖަމާކުރިކަމަށް ރިޕޯޓުގައިވެއެވެ.

މި މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަންގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ވިދާޅުވީ މިދިޔަ އޮކްޓޫބަރު އަށެއްގައެވެ.

އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ 12 މުވައްޒަފަކު ހިންގާފައިވާ މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު،  މި މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕީޖީގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު މިކަމާ ގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްސީލު ހާމަކުރައްވަމުން ގެންދަވާނެކަމަށް ވެސް އޭސީސީން އެ ދުވަހު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!