ގަތުލުޢާންމެއް ހިންގަން އުޅުނުކަމުގެ އިލްޒާމް އެޅުވުމުން ނަޝީދު އަބުރުގެ ދަޢުވާކޮށްފި
ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގަތުލުޢާންމެއް ހިންގަން އުޅުނުކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ތުހުމަތު ކުރެއްވުމުން, އަބުރު ގެއްލިފައިވާ ކަމަށް ވިދާޅުވެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދި ރައީސް ނަޝީދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
ދާދިފަހުން ޝަރީފް ކުރެއްވި ޓުވީޓެއްގައި ވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ދައުރުގައި އޭރު އެމްޑީޕީން އިދިކޮޅު ހަރަކާތްތައް ހިންގިއިރު ރައީސް ނަޝީދު އިސްވެ ހުންނަވައި ބޮމެއް ގޮއްވާލައިގެން މަދުވެގެން ފަންސާހަކަށް މީހުން މަރާލައި އެކަމުގެ އިލްޒާމު މައުމޫނުގެ އިސްތަށިފުޅުގައި އެޅުވުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.
ޝަރީފް ވިދާޅުވީ އެކަން ހުއްޓުވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ގަރާރެއް ފާސްކޮށް ބޭރުގެ އެހީއަށް ވެސް އެދެން ވެސް ނިންމި ކަމަށާއި ރައީސް ނަޝީދަށް އެކަން ނުކުރެއްވެވުނީ ބޭރުގެ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވުމުން ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކަށް ފޮނުއްވި ސިޓީތަކުގައި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިިސިއްޔަތުން ސޮއިކުރެއްވީ އޭނާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ކޮއްކޮ ޤާނޫނީ ވަކީލު އަޙްމަދު ނާޒިމް ޢަބްދުއްސައްތާރު ހިންގަވާ ލޯ ފާމް ކަމަށްވާ ލިޓިގެންޓްސްއިން މިއަދު ނެރުއްވި ބަޔާނެއްގައިވަނީ ޝަރީފްގެ ތުހުމަތުތަކާ ގުޅިގެން ނަޝީދުގެ ފަރާތުން އަބުރުގެ ދަޢުވާ ކުރުމަށް މިއަދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތުން އެދިވަޑައިގެންފައިވަނީ ޝަރީފް އެ މަނިކުފާނުގެ އަބުރާ ބެހުމުގެ އަމަލެއް ހިންގަވާފައިވާ ކަމަށް ކަނޑައަޅައިި ދެއްވުމަށާއި ބަދަލެއްގެ ގޮތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
މީގެ އިތުުރުން ބަޔާނުގައި ވަނީ ޝަރީފްގެ އިލްޒާމުތައް ރައީސް ނަޝީދު ދޮގުކުރައްވާކަމަށް ވެސް ފާހަގަކުރައްވައިފައެވެ.