އޭޝިއާ ދުނިޔެ

ލޯބިވެރިޔާ މަރާލުމަށްފަހު ހަށިގަނޑު ކުދި ކޮށްލި އަފްތާބުގެ ޕޮލިގްރާފް ޓެސްޓް މިއަދު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިއާގެ ދިއްލީގައި އަންހެނަކު މަރާލައި އޭނާގެ ހަށިގަނޑު 35 ބަޔައް ބުރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިހުރި އަފްތާބު ޕުއްނަވާލާގެ ޕޮލިގްރާފް ޓެސްޓް މިއަދު އޮންނާނެ ކަމަށް ތިހާރް ޖަލުން ބުނެފިއެވެ. އޭނާ ވަނީ ހޯމަ ދުވަހުވެސް ޕޮލިގްރާފް ޓެސްޓުގެ ބައެއް ނިންމައިފައެވެ.

Ads by WAMCO

މި މަހުގެ 12 ވަނަ ދުވަހު އަފްތާބު ހައްޔަރުކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ޝްރައްދާ ވޯކާ މަރާލުމުގެ ތުހުމަތުގައެވެ. އޭނާ ވަނީ މި އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހު ޝްރައްދާ މަރާލައި އޭނާގެ ހަށިގަނޑު 35 ބަޔަށް ބުރިކޮށް އެކި ދުވަސްމަތިން އެ ބައިތައް އުކާލި ކަމަށް ފުލުހުންގެ ހާޒިރުގައި އިޢުތިރާފުވެފައެވެ.

އަފްތާބު ފުލުހުންގެ ވެހިކަލްގައި ގެންދިޔަ މަގުމަތީގައި އޭނާއަށް ހަމަލާ ދިނުމަށް ހިންދޫ ސޭނާ ޕާޓީއަށް ނިސްބަތްވާ ބަޔަކު ވަނީ އެއްވެފައެވެ. ނަމަވެސް ފުލުހުން ވަނީ ވަގުތުން  އެއްވެ ތިބި މީހުން ހައްޔަރުކޮށްފައެވެ. ހިންދޫ ސޭނާގެ ޗީފު ވިޝްނޫ ގުޕްތާ ވިދާޅުވީ އެމީހުންނަކީ އެ ޕާޓީގެ މީހުން ކަމަށް ބެލެވުނަސް، އެމީހުން އެކަން ކުރީ އަމިއްލަ ވިސްނުމުގައި ކަމަށާއި، ޕާޓީގެ އަތެއް އެކަމުގައި ނުވާ ކަމަށެވެ.

ދިއްލީ ފުލުހުން ބުނެފައިވާ ގޮތުގައި އަފްތާބް ޝްރައްދާގެ ހަށިގަނޑުގެ ބައިތައް ބުރިކުރަން ބޭނުން ކުރި ހަތިޔާރުވެސް މިހާރު ވަނީ ހޯދިފައެވެ. އެހެންނަމަވެސް، މި ހަތިޔާރާ ގުޅޭގެން އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ވަނީ އަފްތާބު ޝްރައްދާގެ އަތުން ނަގާފައިވާ ކަމަށް ބެލެވޭ އަނގޮޓިއެއްވެސް ހޯދާފައެވެ. މި އަނގޮޓި ފެނިފައިވަނީ އަފްތާބު މިހާރު ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާގެ ކިބައިންނެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!