ބ.މާޅޮހުގެ ބަނދަރުގެ ދަތިކަން ފާހަގަކޮށް، އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމައިދިނުމަށް އެރަށުގެ ކައުންސިލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ރައީސް އިއްޔެ ވަނީ މާޅޮހު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މާޅޮހު ކައުންސިލް މެންބަރުން ވަނީ މީގެ ކުރިން ރައީސް ވަޢުދުވެވަޑައިގެންނެވި ގޮތަށް މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢު ފަށައިގެން މިހާރު ކުރިޔަށްދާކަމަށާއި، ފާއިތުވި ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްޤީ ވަރަށް ބޮޑަށް ދޫކޮށްލާފައިވީ ނަމަވެސް މި ސަރުކާރުން ކުދި ރަށްތަކަށް ވެސް ތަރައްޤީ ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައިފައެވެ.
މާޅޮހު ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ރަށުގެ ބަނދަރުގެ ދަތިކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް ރައްޔިތުން އެދޭކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ވެސް ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދިނުމަށާއި، ބަނދަރާއެކީ ރަށްގިރުމުގެ މައްސަލައާއި ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހަމަޖައްސައިދިނުމަށް ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ދަންނަވައިފައެވެ.
ހަމައެއާއެކު މިސްކިތުގެ ޖާގަ ކުޑަވުުުުމުން ދިމާވާ ދަތިތަކާއި، ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ބޭނުންވާކަން ކައުންސިލުން ވަނީ ފާހަގަކުރައްވައިފައެވެ.
މާޅޮހު އ.ތ.މ. ކޮމިޓީއިން ވެސް ވަނީ ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިޙްތިޞާޞްގައި ހިމަނައިދެއްވުމަށް އެދި ދަންނަވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާ ކުރައްވާފައެވެ. އަދި، ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ސަރުކާރުން ރަށްރަށަށް ތަރައްޤީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ.