ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"އާރިޒް" ލިބުނު އުފަލެއްގެ ބޮޑުކަމުން މެހެރީނަށް ގޮވައިލެވުނެވެ. އެއަޑުވެސް އާރިޒަށް އިވުނީ ހުވަފެނީ ގޮތަކަށެވެ. މުޅިހަށިގަނޑުގައި އަޅަމުންދިޔަ ވޭންވެސް ހިނދުކޮޅަކަށް ލުއިވިހެން އޭނާއަށް ހީވިއެވެ. ހިނިތުންވުން އިހުނަށްވުރެ ފުޅާވެލުމާއެކު މެހެރީންގެ އަތްތިލައަށް އޭނާއަށް ބާރުކޮށްލެވުނެވެ. "ޕްލީޒް ނުދޭ.." އުނދަގުލުން އާރިޒް ބުނެލީ މެހެރީން އޭނާއާ ދުރަށްދާން އުޅޭހެން ހީވުމުންނެވެ.

Ads by STELCO

އާރިޒްގެ އަޑު ކަންފަތުގައި ޖެހުމާއެކު އިހުއިންތަނުގައި މެހެރީން އިނށީނެވެ. އެހެނަސް އެއްފަރާތުގައި އިން ސްވިޗަކަށް ފިތައިލަމުން ޑޮކްޓަރުގެ އެހީ ބޭނުންވާކަމުގައި އަންގައިލިއެވެ. އާރިޒްގެ އަތްތިލައަށް ބާރުކޮށްލުމާއެކު މެހެރީންގެ ރީތި ދެލޯ ފުރިގެން އައީ ކަރުނުންނެވެ. "އަހަންނަށް މަޢާފު ކުރޭ.." އާރިޒްއާ ހަތަރުކަޅި ހަމަކޮށްލަމުން މެހެރީން ބުނެލީ ސިއްރެއް ފަދައިންނެވެ. އެއްވެސް އެއްޗެއް ނުބުންޏެއްކަމަކު އާރިޒް ބޯހަރަކާތްކޮށްލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ވީކީއްކަން ނޭނގޭއިރުވެސް އެހައި ފަސޭހައިން އާރިޒް އާނއެކޭ ބުނީތީ މެހެރީން ހައިރާންވިއެވެ. ނަމަވެސް އޭނާއަށް އިތުރަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނީ ކޮޓަރީގެ ދޮރުހުޅުވައިފައި އެތެރަށް ވަދެގެން އައި ޑޮކްޓަރާއި ނަރުހުން ފެނުމުންނެވެ. އެމީހުނަށް ފުރުސަތު ދެމުން މެހެރީން އެއްފަރާތަކަށް ޖެހިލިއެވެ. އާރިޒްގެ ހާލަތު އިތުރަށް އޮޅުންފިލުވުމުގެ ގޮތުން ޑޮކްޓަރު އެކި ޓެސްޓަށް ހަދަމުންދިޔައިރުވެސް އާރިޒްގެ ނަޒަރު ސީދާވެފައިވީ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި މެހެރީނަށެވެ. އެންމެ ހިނދުކޮޅަކުވެސް އެ ތޫނު ދެލޯ މެހެރީނާ ވަކިނުވެއެވެ. އެބެލުމުން ނަގަންވީ މާނައެއް މެހެރީނަކަށް ނުވިސްނުނެވެ. އެހެނަސް އާރިޒް ބަލަން އޮތް ގޮތުން އޭނާގެ ހިތްއަވަސްވާގޮތްވިއެވެ. އިސްޖަހައިލެވުނީ އިތުރަށް ކެތްނުވީމައެވެ.

އާރިޒްގެ ކަންކަން ބަލަހަށްޓަމުންދިޔަ ޑޮކްޓަރު ހިސާބަކަށް ކަންބޮޑުވެފައި ފަހަތަށް އެނބުރި މެހެރީނަށް ބަލައިލީ އޭނާއަށް ކުރެވުނު ޝައްކަކުންނެވެ. ވީކިހިނެއްތޯ އަހައިލާ ފަދައަކުން މެހެރީން ނިތްއަރުވައިލިއެވެ. އެހިނދު މެހެރީން ގާތަށް ޖެހިލަމުން އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޑޮކްޓަރު ވާހަކަދެއްކިއެވެ. "އަހަންނަކަށް ހިއެއްނުވޭ އާރިޒްގެ ފައި.. މަސައްކަތްކުރާހެނެއް.. އިފް އައި އެމް ރައިޓް.. އަހަންނަށް ލަފާ ކުރެވެނީ އެކްސިޑެންޓްގެ ސަބަބުން.. އާރިޒްގެ ދެފައި ވާގިނެތިފަހެން.." ހާސްވެފައި ހުރިފަދައަކުން ޑޮކްޓަރު ބުނެލިއެވެ. އެބަސްތައް މެހެރީންގެ ކަންފަތާ ހަމައަށް އައީ ހޮނުގުގުރިއެއް ފަދައިންނެވެ. ނޫނެކޭބުނެ އޭނާއަށް ދެފަރާތަށް ބޯހޫރައިލެވުނީ އެކަން ގަބޫލުކުރަން ކުޑަކޮށްވެސް ބޭނުންނުވުމުންނެވެ. އެހެންވާނީ ކިހިނަކުންހެއްޔެވެ. އޭނާއަށް އެހައި ބޮޑު ދެރައެއް އާރިޒްއަށް ދެވުނީ ހެއްޔެވެ؟ ސަލާމަތުން ހުރި ޒުވާނެއްގެ މުޅި ދިރިއުޅުން އަމިއްލަ ދެއަތުން ހަލާކުކޮށްލެވުނީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އަކީ އެފަދަ ގެއްލުމެއް މީހަކަށް ދޭނެ މީހެއްނޫނެވެ. ހިނދުކޮޅަކަށް ހުރިހައި ކަމެއްވެސް ރަނގަޅުވީ ކަމުގައި މެހެރީނަށް ހީކުރެވުނެވެ. އެހެނަސް.. މިދިމާވީ ކޮންފަދަ ބޮޑު އިމްތިހާނެއް ހެއްޔެވެ. އެއީ ތެދު ޚަބަރަކަށް ވާނަމަ އެކަން އޭނާ އާރިޒްއަށް އަންގާނީ ކޮންދުލަކުންހެއްޔެވެ. މެހެރީންގެ ސަބަބުން އާރިޒް ނުކުޅެދޭ މީހަކަށްވީއޭ ބުނާނީ ކިހިނަކުންހެއްޔެވެ؟

"ޔަ.. ޔަގީންތަ.." ވާހަކަދެއްކުން މެހެރީނަށްވީ ދަތިކަމަކަށެވެ. ފުންނޭވައެއް ދޫކޮށްލަމުން ޑޮކްޓަރު ބަލައިލީ ދުރަށެވެ. "ޔަގީންވާނީ އިތުރު ޓެސްޓްތައް ހެދުމަށްފަހު.." އުއްމީދުގެއްލުވައިލަން ޚުދު އޭނާވެސް ބޭނުންނުވާކަން ޑޮކްޓަރުގެ ވާހަކަތަކުން ހާމަވެއެވެ. ކިތަންމެ ބޮޑަށް އެކަން ލަފާކުރެވުނަސް ޔަގީން ނުވަނީސް އިތުރަށް އެކަމާ މެދުގައި އެއްޗެއް ބުނަން އޭނާ ބޭނުންނުވީއެވެ. އިސްޖަހައިލި މެހެރީނަށް ހިތްވަރުކުރުމަށް ބުނެ ޑޮކްޓަރު އެކޮޓަރިން ނުކުމެގެން ދިޔައީއެވެ. ކޮޓަރިތެރަށް ވެރިވި ހިމޭންކަމުގައި އާރިޒް ހިތްފުރެންދެން މެހެރީންގެ ސޫރައަށް ބަލަން އޮތެވެ. މިހާރު އެއީ އޭނާއަށް ފެނުނު ހުވަފެނެއްނޫންކަން ޔަގީންވެއްޖެއެވެ. އެހެނަސް އެފަދަ ގޮތަކަށް ދެވަނަ ފަހަރަށް މެހެރީންއާ ބައްދަލުވެދާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އެލޯބި ހިތުން ފުހެލަން އަޒުމް ކަނޑައަޅައިގެން ހުއްޓައި ދެވަނަ ފަހަރަށްވެސް ތަޤްދީރު އެނިޔަނެތި ސޫރަ އޭނާގެ ކުރިމައްޗަށް ގެނެސްފިއެވެ. ކުރިން ދިމާވިފަދައިން ދެވަނަ ފަހަރަށް މެހެރީން ގެއްލޭކަށް އޭނާ ނޭދެއެވެ. ނަމަވެސް މެހެރީން އޭނާ ގާތުގައި އެތަނުގައި އިންނަންޖެހުނު ސަބަބެއް އޮޅުންފިލުވަން އޭނާ ވީ ބޭނުންވެފައެވެ. އަދި މެހެރީންގެ ދެލޮލުން ފައިބަމުންދިޔަ ކަރުނައިގެ ހަގީގަތްވެސް އެނގެން އޭނާ ބޭނުންވެއެވެ. އެދެލޮލުން ފައުޅުވަމުންދިޔަ ހިތްދަތިކަމާ ކަންބޮޑުވުމަކީ އޭނާއަށްޓަކައި ފައުޅުވާ އިހުސާސުތަކެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ. އެހިނދު އެންމެ ފުރަތަމަ އޭނާ ލޯހުޅުވައިލިތަންފެނި މެހެރީން އުޅުނު ގޮތް ސިފަވެލިއެވެ. ފަނޑުގޮތަކަށް އޭނާގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. މެހެރީންގެ އޯގާތެރިކަން އޭނާއަށް ލިބެންއޮތީ އެފަދަ އެނދެއްގައި އޮވެގެން ކަމަށްވަންޏާ އެގޮތްވެސް އޭނާއަށް އެންމެ ރަނގަޅެވެ. ގާތުގައި މެހެރީން ވުމަށް އޭނާއަށް އެދެވެނީ އެދަރަޖައަށެވެ.

"އާރިޒް.. އަހަރެން.. ވާހަކައެއް ބުނަން ބޭނުން.." ލަސްހިނގުމެއްގައި އައިސް އާރިޒް އޮތް އެނދު ކައިރީގައި ހުރި ގޮނޑީގައި އިނށީންނަމުން މެހެރީން ބުންޏެވެ. ވާހަކަނުދެއްކި ނަމަވެސް އާރިޒް ބަލަން އޮތްގޮތުން އޭނާގެ ހުރިހައި ސަމާލުކަމެއްވީ މެހެރީނަށް ހުއްޓިފައިހެން ހީވެ އިސްޖަހައިލަމުން އާރިޒްއަށް އެފަދަ ދެރަގޮތެއް މެދުވެރިވީ އޭނާގެ ސަބަބުން ކަމުގައި މެހެރީން ބުނެލިއެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތުން ފެށިގެން އާރިޒް އެތަނަށް ގެނެވުނުގޮތާ ޒާމިންއަށް އެހުރިހައިކަމެއް އެންގި ވާހަކަވެސް މެހެރީން ކިޔައިދިނެވެ. ބަހެއްވެސް ނުބުނެ އާރިޒް އޮތީ ތަޤްދީރުގެ މި ސަމާސާ ގަބޫލުކުރަން ދަތިވެފައެވެ. މާލެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އޭނާގެ ކުރިމައްޗަށް އެއައީ އެލޯތްބަކަށް އެދި އޭނާގެ ހިތް ތެޅިފޮޅެމުންދިޔަ ލޯތްބެވެ. ދުވަހަކުވެސް ބައްދަލުނުވާނެކަމަށް ހީކުރެވުނު ފަރާތެވެ. ކުޑަކޮށްވެސް އެހެން ވެދާނެކަމަށް ގަބޫލުކުރާނީ ކާކުހެއްޔެވެ.

"އަހަންނަށް މަޢާފުކުރޭ.. އަހަރެން ގަސްދުގައެއްނޫން އާރިޒް.. މިހެން ބުންޏަސް އެނގޭ ތިލިބުނު ގެއްލުމުގެ ބަދަލު ނުދެވޭނެކަން.. އާރިޒް އަހަންނަށް އަދަބު ދޭން ބޭނުންވާނަމަ އެކަމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. އަހަރެން.. އާރިޒްގެ ކޮންމެ ނިންމުމެއްވެސް ގަބޫލުކުރާނަން.." މަޑުމައިތިރި ރާގަކަށް މެހެރީން ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން އެތެރަށް ވަތް އެ ފުލުސް އޮފިސަރުން ފެނިމައި މެހެރީން އިންތަނުން ތެދުވިއެވެ. އަދި އެމީހުނަށް ވަގުތުދެމުން އެކޮޓަރިން ނުކުތެވެ.

އެތަނުން ނުކުމެ ދުރުގައި މަޑުކޮށްލަމުން ޒާމިންއަށް ގުޅައިލިއެވެ. އަދި އާރިޒް ހޭއެރިވާހަކަ ބުނެލިއެވެ. ވަގުތުން މިދަނީކަމުގައި ބުނެ ޒާމިން ފޯނުކޯލު ކުރުކޮށްލީއެވެ.

ބާރު ހިނގުމެއްގައި އެތެރަށް ވަދެގެން އައި ޒާމިން ފެނިފައި ކޮޓަރީތެރޭގައި ފުލުހުން ތިބި ވާހަކަ މެހެރީން ބުނެލިއެވެ. އަދި މަޑުމަޑުން ޒާމިންއަށް ގޮވައިލަމުން ޑޮކްޓަރު ދެއްކި ވާހަކަތައް އޮޅުންފިލުވައިދިނެވެ. ބުނާނެ އެއްޗެއް ނޭނގި އޭނާ ހުއްޓުންއަރާގޮތްވީއެވެ. ބޮލުގައި ހިފަހައްޓައިލަމުން އެތަނުން ގޮނޑިއެއްގައި އޭނާ އިނށީނެވެ. "އާޒް.. އާޒް މާލެ އައީ ހާދަ ބޮޑު އުއްމީދަކާ އެކުއޭ.. އެކަމަކު.. ތީ ހަގީގަތަކަށްވެއްޖެނަމަ.. އެއިން އެއްވެސް ކަމެއް.. ފުރިހަމައެއްނުވާނެ.." މޫނުގައި އަތްއަޅައިގެން އިނދެ ޒާމިން ބުނެލީ ހިތަށް ކުރުވި ފުން އަސަރުންނެވެ. މިވާހަކަތައް އާރިޒްއަށް އެނގިއްޖެނަމަ ވާނެ ގޮތެއްވެސް ބުނާކަށް ނޭނގެއެވެ. ޒާމިންގެ ވާހަކަތައް އިވިފައި މެހެރީނަށް ދެލޯފިއްތައި ބާރުކޮށްލެވުނެވެ. އަމިއްލަ ނަފުސު އިހުނަށްވުރެ ބޮޑަށް ކުށްވެރިކުރެވޭގޮތް ވީއެވެ.

ފުލުހުން އާރިޒް ބާއްވައިފައި އޮތް ކޮޓަރިން ނުކުންނަމުން މެހެރީނަށް އާރިޒް އެބަ ގޮވާ ކަމުގައި ބުނެލިއެވެ. އަދި އާރިޒްގެ ނިންމުން ބުނެލަމުން އެމީހުން އެތަނުން ދިއުމަށް މިސްރާބުޖެހިއެވެ. ދެލޯބޮޑުކޮށްލަމުން މެހެރީން އެކޮޓަރިއަށް ވަންނަން ހިނގައިގަތްތަން ފެނިފައި ޒާމިންވެސް އޭނާގެ ފަހަތުން ދިޔައެވެ.

"ކީއްވެ.." އާރިޒްގެ އެނދު ކައިރިއަށް މަޑުކޮށްލަމުން ކުރެހިފައިވި އަޑަކުން މެހެރީން އަހައިލިއެވެ. އާރިޒް އެފަދައިން ނިންމައިފާނެކަމަށް ގަބޫލުކުރަން ދަތިވީއެވެ.

"އަހަންނަށް އެނގޭ.. މެހެރީން ގަސްދުގަ އެފަދަ ކަމެއް.. ނުކުރާނެކަން.. އެހެންވެ.." ހުއްޓަމުންކަހަލަ ގޮތަކަށް އާރިޒް ވާހަކަދެއްކިއެވެ. ބޮލާއެކު މޫނުގައި އޮޅައިފައިވި ބެންޑޭޖްގެ ސަބަބުން ވާހަކަދައްކަން ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ހުރީމައެވެ. "އެކަމަކު.. ޔޫ ޑޯންޓް އީވަން ނޯ މީ.." އަދިވެސް އާރިޒް އިތުރަށް އެ ކޭސް ކުރިއަށް ގެންދަން ބޭނުންނުވާކަން މެހެރީނަށް ގަބޫލުނުކުރެވެނީއެވެ. ފުލުހުން ގާތުގައިވެސް އޭނާ ހާމަކުރީ އެކަމެވެ. "އެކަމަކުވެސް.. އަހަރެންގެ ހިތް ބުނަނީ.. މެހެރީނަށް އިތުބާރުކުމަށް.." އެމޫނަށް ބަލަން އޮވެ އާރިޒް ބުނެލިއެވެ. މެހެރީނަށް އިތުރަށް ކެތްކުރުންވީ ދަތިކަމަކަށެވެ. އަނގަމަތީގައި އަތްއަޅައިލެވުމާއެކު އޭނާއަށް ރޮވުނީ ހިތަށް ކުރި އަސަރުންނެވެ. އާރިޒަށް ޝުކުރުވެރިވާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެނަސް އެހިތުގެ ސާފުކަން މިއަދު އެނގި ހާމަވެއްޖެއެވެ. އަދިވެސް އެފަދަ ޒުވާނުން އުޅޭތޯ އޭނާއަށް އަމިއްލަ ޟަމީރާ ސުވާލުކޮށްލެވުނެވެ. އެހެން މީހުނާ އާރިޒް އެހައި ތަފާތުވާންވީ ކީއްވެހެއްޔެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރެފައި އާރިޒަށް ގޮވައިލަމުން އޭނާއާ ގާތަށް ޒާމިން ޖެހިލިއެވެ. އެއާއެކު އާރިޒްގެ ހުރިހައި ސަމާލުކަމެއް އޭނާއަށް ހުއްޓުނެވެ.

ޑޮކްޓަރު ހެދި ޓެސްޓްތަކުގެ ނަތީޖާ އައީ އޭނާ ލަފާކުރި ފަދައިންނެވެ. އެކްސިޑެންޓްގެ ސަބަބުން ލިބުނު ގެއްލުމުގައި އާރިޒްގެ ދެފައިވީ ވާގިނެތޭގޮތް ވެފައެވެ. މީހެއް ގާތުގައި އެއްޗެއް ހާމަނުކުރި ނަމަވެސް އެކަން ކޮންމެވެސް ވަރަކަށް އާރިޒްއަށްވީ ޝައްކުވެފައެވެ. އަމިއްލަ ދެފައި އެއްގޮތަކަށްވެސް ހަރަކާތްނުކުރެވޭކަން އޭނާ އަށް ފާހަގަވީއެވެ. ވަކި އެއްޗެއް ނުބުނެ އޭނާ އިންތިޒާރުކުރަމުން ދިޔައީ ޑޮކްޓަރުގެ ފަރާތުން އެކަމާބެހޭ އެއްވެސް ކަމެއް އޮޅުންފިލާތޯއެވެ. ގޯސް މިސްރާބަކަށް ވިސްނުން ބަހައްޓަން އޭނާ ބޭނުންނުވީއެވެ. އެހެނަސް ހެދި ޓެސްޓްތަކުގެ ނަތީޖާ ހިފައިގެން ޑޮކްޓަރު އައި ދުވަހު، އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ލިބުނު ސިހުމުން ބުނާނެ އެއްވެސް އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. ކުއްލިއަކަށް ނުކުޅެދޭ މީހެއްގެ ގޮތުގައި އޭނާ މުޅި ދިރިއުޅުން ވޭތިކުރާނެ ގޮތެއް ނުވިސްނުނީއެވެ. ލިބުނު ވަޒީފާ އާއި ދުށް ހުވަފެންތަކަށްވާނީ ކިހިނެއްކަން ވިސްނުނު ހިނދު އާރިޒްގެ ހިތް ރޯލިއެވެ. އެކަކަށްވެސް ބުރައަކަށް ވާކަށް އޭނާ ނޭދެއެވެ. ނަމަވެސް ދެން އިތުރު މީހެއްގެ އެހީއާ ނުލައި އޭނާއަށް ނޫޅެވޭނެކަން ވިސްނުނު ހިނދު ހަދާނެ ގޮތް ހުސްވިފަދައެވެ. އެވަރުގެ ބޮޑު ޒިންމާއެއް އޭނާއަށްޓަކައި އުފުލައިދޭނެ މީހަކު ނެތޭ ހީވީއެވެ.

"ދެރަނުވޭ.. ލިބިފަހުރީ ވަގުތީގެއްލުމެއް.. ރަނގަޅު މެޑިކޭޝަންސްތަކާއެކު ފިޒިއޮތެރަޕީ ހަދަނިކޮށް އެއްކޮށް ރަނގަޅުވުމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް.. އެކަމަކު އެކަމަށް ވަގުތުނަގާފާނެ.. އާރިޒްގެ ހިތްވަރެއް ހުރިއްޔާ އިރާދަކުރެއްވިއްޔާ އެކަން ވާނެ.." ހިތްހެޔޮކަމާއެކު ޑޮކްޓަރު ބުނެލިއެވެ. އެއަޑު އަހައިފައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް އޭނާއަށް ލިބުނެވެ.

ޑޮކްޓަރު ދިއުމާއެކު އޭނާގެ ފަހަތުގައި މަޑުކޮށްލައިގެންތިބި މެހެރީނާއި ޒާމިން ކުރިއަށް ޖެހިލިއެވެ. "އަހަރެން ބޭނުން އާރިޒް ގާތު ވާހަކައެއް ބުނަން.. ޒާމިންއާވެސް މިވާހަކަތައް ދައްކައިފިން.. މިއީ ޒާމިންވެސް ރުހުނުކަމެއްވީމަ އަހަރެން ހީކުރަން އާރިޒްގެ ފަރާތުންވެސް މިކަމަށް ރުހުން ލިބޭނެކަމަށް.." ނޭވާހިފަހައްޓައިލައިގެން ހުރެ މެހެރީން ބުނެލިއެވެ. އާރިޒްގެ ނިތަށް އެރި ރޫތަކާއެކު އެކަމެއް އެނގުމަށް ނުހަނު ބޭނުންވިއެވެ. މެހެރީންކުރެ އޭނާއަށް ސުވާލުކޮށްލެވުނީ އެހެންވެއެވެ.

"މިހުރިހައިކަމެއްވެސް މިވީ އަހަރެންގެ ފުށުން.. އެކަން އަދިވެސް އަހަރެންގެ ހިތަކުން ނުފިލާ.. ހީނުކުރާވަރުގެ ގެއްލުމެއްވެސް ލިބުނީ އާރިޒްއަށް.. މިހުރިހާ ކަމެއް ރަނގަޅުކުރާނެ ގޮތެއް އަހަންނަކަށް ނޭނގޭ.. އެހެންވިއަސް އާރިޒްއަށް އެހީވާން އަހަރެން ބޭނުން.. މިހޮސްޕިޓަލުގަ މަސައްކަތްކުރާ އެންމެ ގާބިލް ފިޒިއޮތެރަޕިސްޓް އަހަރެން އާރިޒްއަށް ހަމަޖައްސަދޭނަން.. ރަނގަޅުވާން ނަގާނީ ކިހައި ދުވަހެއްކަމެއް ނޭނގުނަސް އަހަރެންގެ ހިތް ބުނޭ އިރާދަކުރެއްވިއްޔާ އާރިޒް އަދި ރަނގަޅުވާނޭ.. އަހަރެންގެ ދުޢާ އަކީވެސް އެއީ.. އަހަރެން.. އަހަރެން އެދެނީ އާރިޒް ރަނގަޅުވަންދެން.. އަހަރެންގެ ގޭގެ.. އަހަންނަށް ފެންނަ ހިސާބުގަ މަޑުކުރުމަށް.. ޒާމިން ނެތަސް އާރިޒްގެ ކަންކަން ބަލަހައްޓަދެން ވަކިން ޚާއްސަ މީހަކު ހުންނާނެ.. އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ.. އަހަންނާއެކު އަހަރެންގެ ގެއަށް ހިނގާ.. ޕްލީޒް.. ނޫނެކޭ ނުބުނައްޗޭ.." އާރިޒްގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިނށީންނަމުން ހަތަރުކަޅި ހަމަކޮށްލުމަށްފަހު މެހެރީން ވާހަކަދެއްކިއެވެ. ބަސްހުއްޓިފައި އާރިޒްއަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. މެހެރީން އެ އެދެނީ ކުޑަކަމަކަށް ނޫނެވެ. އޭނާގެ ޒިންމާތައް މެހެރީން އުފުލަން ރުހެވޭނީ ކިހިނަކުން ހެއްޔެވެ.

"އަމިއްލަ ނަފުސު ކުށްވެރިނުކުރޭ.. އަހަރެން މެހެރީނަށް މަޢާފުކޮށްފިން.. އެކަމަކު.."

"ޕްލީޒް ނޫނެކޭ ނުބުނޭ.. މިއީ އަހަންނަށް އާރިޒްއަށްޓަކާ ކޮށްދެވޭނެ ހަމައެކަނި ކަމަކީ.. އެފުރުސަތުވެސް އަހަރެންގެ އަތުން ގެންދަން މަސައްކަތް ނުކުރޭ.. މިވަގުތަށް އަހަންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތަކީވެސް މިއީ.. އާރިޒް ރަނގަޅުވަންދެން އެންމެ ގާތުގަ ހުންނަން އަހަރެން ބޭނުން.. ދިސް އިޒް ދި ލީސްޓް އައި ކެން ޑޫ ފޯރ ޔޫ.. އެހެންވީމަ ނޫނެކޭ ނުބުނޭ.. ޕްލީޒް.. އާރިޒް ހަގީގަތުގަވެސް އަހަންނަށް މަޢާފުކޮށްފިކަމަށް ވާނަމަ އަހަރެންގެ މިއެދުމާ ރުހޭނެ.." އާދޭސްއެކުލެވިގެންވީ އަޑަކުން މެހެރީން ބުންޏެވެ. އޭނާގެ ދެލޮލުންވެސް ފައުޅުވަމުންދިޔައީ އެކަން ގަބޫލުކުރާށޭ ބުނާފަދަ އަސަރުތަކެކެވެ. ބުނާނެ އެއްޗެއް ނުވިސްނުމުން ޒާމިންއާ ދިމާއަށް އާރިޒް ބަލައިލިއެވެ. ވަގުތުން ޒާމިން ބޯޖަހައިލީ އެކަމަށް ރުހޭށޭ ބުނުމުގެ ގޮތުންނެވެ. "އާޒް.. މެހެރީން އެދައްކަނީ ރަނގަޅު ވާހަކަތަކެއް.. އަހަރެންގެ ޗުއްޓީ ހަމަވުމުން އެނބުރި ދާން ޖެހޭނެ.. މާލެގަ މަޑުކޮށްގެން ނޫނީ އާޒްއަށް ބޭނުންވާ ފަރުވާ ހޯދާނީ ކިހިނެއް.. ދުރުގަހުއްޓަސް އަހަރެން އާޒްގެ ހާލު ބަލާނަން.. ލިބޭ ކޮންމެ ޗުއްޓީއެއްގަ އާޒް ގާތަށް އަންނާނަން.." އާރިޒް ގާތަށް ޖެހިލަމުން ޒާމިން ވެސް މަސައްކަތްކުރީ އޭނާއަށް ވިސްނައިދިނުމަށެވެ. ވަޒީފާގެ ގޮތުން ބޭނުންވިއަސް އޭނާއަށް އާރިޒް ގާތުގައި މަޑުކުރެވެން ނެތީއެވެ. އެނބުރި ރަށަށް ގެންގޮސްފިނަމަ އާރިޒްއަށް ފަރުވާލިބުމުގެ މަގު ބަންދުވީއެވެ. އެހެންވުމަކަށް ޒާމިން ނޭދެއެވެ. ހިތްނޭދުނަސް މެހެރީންގެ ނިންމުމާ ރުހެން އޭނާއަށް މަޖުބޫރުވީ އެހެންވެއެވެ. މިވަގުތަށް އެނޫން އިތުރުގޮތެއް ޚުދު އޭނާއަށްވެސް ނުވިސްނުނީއެވެ.

"އެންމެ ރަނގަޅު.." އިރުކޮޅެއްގެ ހިމޭންކަމަށްފަހު މަޑުމަޑުން އާރިޒް ބުނެލިއެވެ. އެއަޑުއިވިފައި މެހެރީންގެ މޫނުމައްޗަށް ފުޅާހިނިތުންވުމެއް ވެރިވިއެވެ. އާރިޒްގެ އަތުގައި ހިފައިލަމުން އެއަތްތިލައަށް ބާރުކޮށްލީ ޔަގީންކަންދޭ ފަދައަކުންނެވެ. "އިރާދަކުރެއްވިއްޔާ ޔޫ ވިލް ގެޓް ބެޓާރ.. އައި ވިލް މޭކް ޝުއަރ އޮފް އިޓް.." މެހެރީންގެ އަޑުގައިވި ޔަގީންކަމުން އެރީތި މޫނަށް އާރިޒް ނަޒަރު ސީދާކޮށްލިއެވެ. އެހިނދު އެމޫނުމަތީގައިވި ހިނިތުންވުން ފެނިފައި އާރިޒްއަށްވެސް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ. ނިންމި ނިންމުމާމެދުގައި ވިސްނައިލެވުމުން ހިތުގެ ހިނގުން އަވަސްވެލީ ކުއްލިއަކަށެވެ.

(ނުނިމޭ)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!